މި އަހަރުގެ މަސްވެރިންގެ ދުވަހުގު އިޙްތިފާލުތަކުގެ ތެރެއިން ހިމެނޭ މަސްވެރިންގެ ފޯރަމް މިއަދު ފަށައިފި އެވެ. މަސްވެރިންގެ ފޯރަމް މިއަދު އިފްތިތާޙްކޮށްދެއްވީ، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަނެވެ.
މަސްވެރިންގެ ފޯރަމް އިފްތިތާހު ކޮށްދެއްވަމުން ޑރ. ހުސައިން ރަޝީދު ވިދާޅުވީ، މިވަގުތުވެސް ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހައްލުކުރަންޖެހޭ ގިނަ މައްސަލަތަކެއް ހުރިކަން ޤަބޫލުފުޅު ކުރައްވާކަމަށާއި، އެގޮތުން މި ސިނާޢަތުގައި އެންމެ އިސްކަމެއް ދޭންޖެހޭ ކަމަކީ މަސްވެރިންނަށް ހަމައަގު ހޯދައިދިނުމަށް ކުރަންޖެހޭ މަސައްކަތްތައްކަމަށެވެ. އެކަމަށް އޮތް ގޮންޖެހުންތަކާއި ކުރަންޖެހޭ މަސައްކަތްތައް ވެސް ގިނަކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ހަމައަގު ލިބުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކަށް ދިވެހިރާއްޖެއިން މަސް އެކްސްޕޯޓްކުރުމަށް ނަގާ ޑިއުޓީ ބޮޑުވުންކަމަށެވެ. އެހެންކަމުން އެކަން ހައްލުކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިއަދުން ފެށިގެން ދެދުވަހުގެ މުއްދަތަށް ގާފަރުގައި ކުރިއަށްދާ މި ފޯރަމްގައި މިއަދުގެ ސެޝަން މައިގަނޑުގޮތެއްގައި މަޝްވަރާކޮށްފައިވަނީ މަސްވެރިކަމުގައި ހުރި ގޮންޖެހުންތަކަށެވެ. މިގޮތުން، މަސްވެރިންނަށް ހަމައަގު ހޯދާ ދިނުމުގައިހުރި ގޮންޖެހުންތަކަށާއި މަތީއަގު ލިބޭ ޕްރިމިއަމް މާކެޓުތަކަށް ރާއްޖޭގެ މަސް ވިއްކުމަށް އޮތް ފުރުސަތު ހަނިވަމުންދާ މައްސަލައިގެ މައްޗަށާއި، ތެލުގެ އަގު އުފުލުމާއި، މަސްވެރިކަން ކުރުމުގެ ޚަރަދު ނިސްބަތުން ބޮޑުވުމުގެ މައްޗަށެވެ.
އަދި މީގެއިތުރުން މަހުގެ ކޮލިޓީ ނިސްބަތުން އަދިވެސް ދަށްކަމަށާއި މަސްވެރިން ބާނާ މަހުގެ ނިސްބަތުން ބޮޑު މިންވަރެއް، މަތީއަގު ލިބޭގޮތައް ޕްރޮސަސްނުކޮށް، ރޯމެޓީރިއަލްގެ ގޮތުގައި އެކްސްޕޯޓް ކުރަން ޖެހިފައިވާ ޖެހުމުގެ މައްޗަށް ވެސް، މިއަދުގެ ފޯރަމްގައި މަޝްވަރާތައް ކުރިއަށް ގެންދަވާފައެވެ.
އަދި ހަމަ ދެމެހެއްޓެނެވި ގޮތުގައި ދޮށިން އަދި އަތުނަނުގައި ބާނާމަހަށް ލިބެމުން އައި ޕްރިމިއަމް އަގު ގެއްލެމުން ދިޔުމާއި، އިންޑިއާކަނޑުގައި މަސްވެރިކަން ކުރާ ރާއްޖެއާއި ވާދަވެރި ބައެއް ގައުމުތަކަށް ރާއްޖެއަށް ވުރެ ކުޑައަގެއްގައި އިމްޕޯޓް މާކެޓްތަކަށް މަސް ވިއްކޭ ކަން ފާހަގަކޮށް މަސްވެރިކަން ތަރައްޤީކުރުމުގައި އެކަންތައްތަކަށް އަލިއަޅުވާލާނެ ގޮތާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި މީގެ އިތުރުން، އެންވެރިކަމުގައި ހުރި ގޮންޖެހުންތަކާއި، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލާއިގުޅިގެން ކަނޑުގެ މާހައުލަށް އަންނަ ބަދަލުތަކުގެ ސަބަބުން މަސްވެރިކަމަށާއި އެންވެރިކަމަށް އަންނަ ގޮންޖެހުންތަކުގެ މައްޗަށް ވެސް މިއަދުގެ ފޯރަމްގައި ވާހަކަދައްކާފައިވެއެވެ.
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މަސްވެރިންނަށް ޚާއްސަކޮށްގެން މިފަދަ ފޯރަމެއް ބޭއްވުމުގެ މައިގަނޑު މަޤުޞަދަކީ މަސްވެރިކަމުގައި ދިމާވަމުންދާ ގޮންޖެހުންތަކާއި، ހުރި ކަންބޮޑުވުތަކާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކޮށް، އެކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށްޓަކައި މަސައްކަތް ކޮށްދެއްވުން ކަމުގައި މަސްވެރިކަމާބެހޭ ވުޒާރާއިން މަޢުލޫމާތުދެއްވައެވެ.
މިއަދުގެ ފޯރަމްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ މަސްވެރިންނާއި، މި ސިނާޢަތުގައި ހަރަކާތްތެރިވާ މަސްކުންފުނިތަކުގެ އިސް ބޭފުޅުނާއި ސިނާއަތުގެ ފަންނީ މާހިރުން ވެސް ބައިވެރިވެލެއްވިއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 18 އޭޕްރިލް 2025ޚަބަރުޝާރިފް އަންގަނީ “ހޯދުނު ގޮތަކަށް ހޯދަން”
- 18 އޭޕްރިލް 2025ޚަބަރުހުވާކޮށްފަ ބުނަން، މަށަށް ހީވަނީ މި މުބާރާތް ކާމިޔާބުކުރާނީ ދިވެހިރާއްޖެއިން – އަނޫ މަލިކް
- 15 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ގެ ތިންވަނަ ހުށައެޅުން މާދަމާ ހަވީރު
- 15 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ފުރަތަމަ 05 ޝޯގެ ޓިކެޓް ބުކިން ފުލްވެއްޖެ