އާޖެންޓީނާގެ 20 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ ހަވާލުވާން އެގައުމުގެ ފުޓުބޯލަ ލެޖެންޑް ހާވިއޭ މަޝެރާނޯ ނިންމައިފިއެވެ.

އުމުރުން 37 އަހަރުގެ މަޝެރާނޯ އުފަން ގައުމުގެ 20 އަހަރުން ދަށުގެ ޓީމަށް އިރުޝާދުދޭން ފަށާނީ އަންނަ ޖެނުއަރީ މަހު އެވެ. އާޖެންޓީނާގެ ގައުމީ ޓީމަށް 147 މެޗު ކުޅުނު މަޝެރާނޯ ޒުވާން ޓީމާ ހަވާލުވަނީ ކުރިން އެ މަގާމުގައި ހުރި ފެނާންޑޯ ބަޓިސްޓާގެ ބަދަލުގައެވެ.

ފުޓްބޯޅަ ކުޅުނު ދުވަސްވަރު ގިނަ ކާމިޔާބީތަކެއް ހޯދި މަޝެރާނޯ ރަސްމީކޮށް ފުޓްބޯޅަ ކުޅުން ހުއްޓާލީ އާޖެންޓީނާގެ އެސްޓޫޑިއަންޓްސް އަށް ކުޅުމަށް ފަހު މިދިޔަ އަހަރުގެ ނޮވެމްބަރު 15 ވަނަ ދުވަހުގައެވެ. މަޝެރާނޯ ކްލަބް ކެރިއަރު 2003 ވަނަ އަހަރު ފެށީ އާޖެންޓީނާގެ ކްލަބް ރިވަ ޕްލޭޓުންނެވެ. އެ ކްލަބުގައި ދެ ސީޒަން ހޭދަކޮށް 2005 ވަނަ އަހަރު މަޝެރާނޯ ބަދަލުވީ ބްރެޒިލްގެ ކޮރިންތިއަންސް އަށެވެ.

މަޝެރާނޯ މަގްބޫލުކަން އިތުރުވީ 2006 ވަނަ އަހަރު އިނގިރޭސި ކްލަބް ވެސްޓް ހޭމް ޔުނައިޓެޑަށް ބަދަލުވި ހިސާބުންނެވެ. އެ ކްލަބުގައި ދެއްކި މޮޅު ކުޅުމާ އެކު މާ ގިނަދުވަސްތަކެއް ނުވެ މަޝެރާނޯ ބަދަލުވީ ޔޫރަޕްގެ ގަދަބާރު ލިވަޕޫލަށެވެ. ލިވަޕޫލްގައި ފަސް ސީޒަން ހޭދަކުރިއިރު 2007 ވަނަ އަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކުރި ލިވަޕޫލް ޓީމުގައި މަޝެރާނޯ ހިމެނުނެވެ.

ކްލަބް ކެރިއަރުގައި ގިނަ ކާމިޔާބީތައް މަޝެރާނޯ ހޯދީ 2010 ވަނަ އަހަރު ބާސެލޯނާ އަށް ބަދަލުވުމަށް ފަހުގައެވެ. ބާސެލޯނާގައި މަޝެރާނޯ ހޭދަކުރި އަށް އަހަރުގައި ވަނީ ދެ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ފަސް ފަހަރު ސްޕެނިޝް ލީގު ކާމިޔާބުކޮށްފައެވެ. 2018 ވަނަ އަހަރު ބާސެލޯނާ ދޫކޮށްލުމަށް ފަހު މަޝެރާނޯ ދެން ފެނުނީ ޗައިނީސް ސުޕަ ލީގުގެ ކްލަބް ހެބެއި ޗައިނާ އިންނެވެ. އެސްޓޫޑިއަންޓްސް އަށް މަޝެރާނޯ ބަދަލުވީ ޗައިނާގައި ދެ އަހަރު ކުޅުމަށް ފަހުގައެވެ.

ގައުމީ ޓީމަށް ބަލާއިރު، މަޝެރާނޯ ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލަށް އާޖެންޓީނާ ކުރި ދަތުރުގައި ހުރިހާ މެޗެއްގެ 90 މިނެޓު ކުޅެފަ އެވެ. ވޯލްޑް ކަޕް ފައިނަލުގައި އާޖެންޓީނާ ބަލިވީ ޖަރުމަނު އަތުންނެވެ. ގައުމީ ޓީމާ އެކު 2004، 2007، 2015 އަދި 2016 ވަނަ އަހަރު މަޝެރާނީ ކޮޕާ އެމެރިކާގައި ކުޅުނެވެ. އެކަމަކު ކޮޕާ އެމެރިކާގެ ތައްޓެއް ހޯދޭގޮތެއްނުވިއެވެ. އެކަމަކު 2004 ވަނަ އަހަރާއި 2008 ވަނަ އަހަރު އޮލިމްޕިކް ގޯލްޑް މެޑަލް ހޯދި އާޖެންޓީނާ ޓީމުގައި މަޝެރާނޯ ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.