ހުޅުމާލޭގައި މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ދެ ޖާގަ ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އާއި ޓީމު ފެނަކަ ހޯދައިފިއެވެ.
އިބްރާހިމް އަސްވަދު (ގަބޭ) އާ އެކު ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ކުޅެމުން އަންނަ އާރްއާރްސީ އިން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ރޭ އެމްޕީއެލްއާ ދެކޮޅަށް ކުޅުނު ކުއާޓާ ފައިނަލްގެ މެޗު 3-2 އިން ކާމިޔާބުކޮށްގެންނެވެ. މަޝްހޫރު ފުޓްސަލް ތަރިން ކަމަށްވާ އަޔާޒް އަހުމަދު (އަޔާ) އާއި ހުސައިން ޝަރީފް (އޮންލީ) ހިމެނޭ ޓީމު ފެނަކަ ސެމީ އަށް ދަތުރުކުރީ ރޭ އެސްޓީއޯއާ ދެކޮޅަށް ކުޅުނު މެޗު 4-4 އިން އެއްވަރުގެ ޕެނަލްޓީ ޖަހައިގެން 9-8 އިން މޮޅުވެގެންނެވެ.
އެމްޕީއެލްއާ ދެކޮޅަށް ކުޅުނު މެޗު ފަށައިގެން ދެ ވަނަ މިނެޓުގައި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ގެ ގޯލުން އާރްއާރްސީ ވަނީ ލީޑު ނަގައިފައެވެ. އާރްއާރްސީގެ ލީޑު ފުރަތަމަ ހާފުގައި ފުޅާކޮށްދިނީ އާދަމް ނާސިހު (އާދަންނާ) އެވެ. ދެ ގޯލުގެ ލީޑެއްގައި އޮތް އާރްއާރްސީ ކޮޅަށް ދެ ވަނަ ހާފުގެ ފަހުކޮޅު އެމްޕީއެލްގެ އަހުމަދު ނިޒާމް (ނިޒާމްބެ) ޖެހި ގޯލާ އެކު މެޗުގެ ވާދަވެރިކަން ބޮޑުވިއެވެ. އެކަމަކު ނިޒާމްބެ ގޯލުޖެހިތާ ދެ މިނެޓުތެރޭ ލިބުނު ދުރު ޕެނަލްޓީއެއް ވައްދާލައިގެން އާދަންނާ ވަނީ އާރްއާރްސީ އަށް ތިން ވަނަ ލަނޑު ޖަހައިދީފައެވެ. މެޗުގެ ފަހުކޮޅު އެމްޕީއެލް އިން ކުރިއަށް ޖެހިގެން ކުޅެ ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރިއެވެ. އަދި މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ލިބުނު ޕެނަލްޓީއެއް ވައްދާލައިގެން މުހައްމަދު ޔަފާއު އެމްޕީއެލް އަށް އުއްމީދެއް ހޯދައިދިނެވެ. މެޗުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި އެމްޕީއެލްގެ ނިޒާމްބެ އަށް ނަތީޖާ ހަމަހަމަކުރަން ފުރުސަތެއް ލިބި ބޭކާރުވިއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އާރްއާރްސީ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އިބްރާހީމް މައިޝާން އެވެ.
އެސްޓީއޯ އާއި ފެނަކަ ބައްދަލުކުރި މެޗު ފާހަގަކުރެވުނީ މިފަހަރުގެ މުބާރާތުގައި އެންމެ ފޯރިގަދަ މެޗުގެ ގޮތުގައެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ފެނަކަ އިން ތިން ގޯލުގެ ލީޑެއް ނެގުމުން މެޗު ފަސޭހައިން އެޓީމު ކާމިޔާބު ކުރާނެކަމަށް ބެލެވުނެވެ. އެކަމަކު ދެން ފެނުނީ އެސްޓީއޯ އިން ވަރަށް ހިތްވަރާ އެކު ފަހަތުން އަރައި ނަތީޖާ ހަމަހަމަކުރި ތަނެވެ. ދެ ވަނަ ހާފުގެ ފަހުކޮޅު ފެނަކަ އިން ގޯލެއް ޖެހިނަމަވެސް އެ ލީޑުގައި މެޗު ނިންމާލުމުގެ ކުރިން އެސްޓީއޯ އިން އެއްވަރުކުރި އެވެ. ޕެނަލްޓީގައި ފެނަކަ އިން ކުރި ހޯދިއިރު ދެޓީމުން ވެސް ގިނަ ޕެނަލްޓީތަކެއް ވައްދާލިއެވެ.
މެޗު ފަށައިގެން އަށް ވަނަ މިނެޓުގައި އަޔާގެ އެހީތެރިކަމާ އެކު ފެނަކައިގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު އަޖުވަދު އެވެ. އޭގެފަހުން އަޔާ ވަނީ ގާތްގާތުގައި އިތުރު ދެ ލަނޑު ޖަހައި ފެނަކަ އަށް ތިން ގޯލުގެ ލީޑެއް ނަގައިދީފައެވެ. އޭރިޔާ ބޭރުން ލިބުނު ބޯޅަ ތިރިތިރިން ގޯލަށް ވައްދާލިއިރު މެޗުގައި އަޔާގެ ދެ ވަނަ ގޯލު ޖެހީ އެސްޓީއޯގެ ގޯލްކީޕަރު އަބްދުﷲ ނާސިހު ވެސް ކަޓުވާލުމަށް ފަހުގައެވެ. ފުރަތަމަ ހާފުގައި އެސްޓީއޯ އިން ހަ ފައުލް ހަމަކުރުމުން ހަތަރު ވަނަ ގޯލެއް ޖަހަން ފެނަކަ އަށް ދުރު ޕެނަލްޓީއެއް ލިބުނެވެ. އެކަމަކު އަޔާ ފޮނުވާލި ޕެނަލްޓީ ކީޕަރު ނާސިހު މަތަކުރުމުން، ދެ ވަނަ ފަހަރު އަޔާ ފޮނުވާލި ބާރު ބޯޅަ މެޗުގައި މޮޅު ކުޅުމެއް ދެއްކި ކީޕަރު މަތަކުރި އެވެ. އެސްޓީއޯ އަށް މެޗު ތެރެއަށް ވަދެވުނީ ފުރަތަމަ ހާފުގެ ފަހުކޮޅު އަލީ އިފާޒް ގޯލެއް ޖެހި ހިސާބުންނެވެ.
ދެ ވަނަ ހާފަށް އެސްޓީއޯ އިން ނުކުތީ ރަނގަޅު ޕްލޭނަކާ އެކު ޑިފެންސްކޮށް ނަތީޖާ ހަމަހަމަކުރުމަށެވެ. މި ހާފުގައި އަޔާ އަށް ލިބުނު ބޯޅަތައް ބްލޮކް ކުރުމުގައި އެސްޓީއޯ ކުޅުންތެރިން މޮޅު ކުޅުމެއް ދެއްކިއެވެ. ދެ ވަނަ ހާފު ފެށިގެން ތިން ވަނަ މިނެޓުގައި އެސްޓީއޯގެ އިސްމާއީލް ވަޖީހު ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް ވަންއިރު އޭގެ ހަތަރު މިނެޓު ފަހުން އޭރިޔާ ތެރޭ ހުހަށް ހުރެ މުހައްމަދު ޝާހު ވަނީ 3-3 އަށް ނަތީޖާ ބަދަލުކޮށްލާފައެވެ. އެއްވަރުމުން މެޗުގެ ފޯރި އިންތިހާ އަށް ގަދަވި އެވެ. މެޗު އެއްވަރުވާން ދަނިކޮށް އަޔާ އިތުރު ގޯލެއް ޖަހައި ފެނަކަ އަށް ލީޑު ނަގައިދިނެވެ. މި ލަނޑު ޖެހުމަށް ފަހު އެސްޓީއޯގެ ބެންޗު ކައިރިއަށް ގޮސް އުފާފާޅުކުރުމުން އޭނާ އަށް ރެފްރީ ރީނދޫ ކާޑެއް ދެއްކިއެވެ. މި ކާޑާ ގުޅިގެން ފެނަކަ ޓީމުގެ ބެންޗުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރުމުން ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ހިނގިއެވެ. ފެނަކައިން ހިތްހަމަނުޖެހުން ފާޅުކުރީ ސެމީ ފައިނަލަށް އެޓީމު ގޮސްފިނަމަ އަޔާ ސަސްޕެންޑް ވާނެތީއެވެ.
ކޮންމެއަކަސް އަޔާ ގޯލު ޖެހުމުން އެސްޓީއޯއިން އިތުރު ހިތްވަރެއް ނެރެން މަޖުބޫރުވިއެވެ. އެޓީމުން ހިތްވަރު އެލުވާނުލައި ކުރި އުއްމީދު ހާސިލްވީ އަޔާ ގޯލު ޖެހިތާ މިނެޓެއް ތެރޭ އެޓީމަށް ލިބުނު ދުރު ޕެނަލްޓީ ވައްދާލައިގެންނެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އިނާން އަހުމަދެވެ. އިންނާގެ މި ގޯލަށް ފަހު މެޗުގެ އެންމެ ފަހު ވަގުތު ލީޑު ނަގަން އިތުރު ޕެނަލްޓީއެއް އެސްޓީއޯ އަށް ލިބުނު ނަމަވެސް އިނާން އަށް ވައްދާލެވޭގޮތެއްނުވިއެވެ.
އެއްވަރުވެގެން ޖެހި ޕެނަލްޓީގައި ފެނަކައިގައި އަހުމަދު ހަލީމް ފޮނުވާލި ޕެނަލްޓީ އެސްޓީއޯގެ ކީޕަރު ނާސިހު މަތަކުރިއެވެ. އަދި އެސްޓީއޯ އިން ޖެހި ފުރަތަމަ ޕެނަލްޓީ އަމީން އިބްރާހީމް އަށް ވެސް ވައްދައެއްނުލެވުނެވެ. އޭގެފަހުން ފެނަކަ ޓީމުގެ ޔަސްފާދު ހަބީބް، އިބްރާހީމް އަރީޝް، ހުސައިން ޝަރީފް، ރިހާމް އަބްދުލްގަނީ (ބޮބީ) އަދި އާދަމް ޝަހީމް ޖެހި ޕެނަލްޓީ ވައްދާލިއެވެ. އަމީނަށް ފަހު އެސްޓީއޯގެ އިޔާން އަހުމަދު ރަޝީދު އާއި ޝާހް، މުހައްމަދު ސަނީމް އަދި އިބްރާހީމް މާޒް ޖެހި ޕެނަލްޓީ ވައްދާލިއެވެ. އެސްޓީއޯ މެޗުން ބަލިވީ ފަހު ޕެނަލްޓީ އަލީ އިފާޒް ޖެހުމުން ދަނޑި ކައިރިން ބޭރަށް ދިއުމުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ފެނަކަ ޓީމުގެ އަޔާއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި