ގެބޮންގެ ފޯވާޑް ޕިއޭ-އެމެރިކް އޮބަމިޔާންގ އަތުން އާސެނަލްގެ ކެޕްޓަން ބޭންޑް އަތުލައިފި އެވެ.
އަހްލާގީ މައްސަލައެއްގައި އޮބަމިޔާންގ އަތުން ކެޕްޓަން ބޭންޑް އަތުލިކަން އާސެނަލުން ހާމަކުރީ މިއަދު އާއްމުކުރި ބަޔާނެއްގަ އެވެ. އޮބަމިޔާންގ އާ ކްލަބާ ދެމެދު ޖެހުނު މައްސަލައާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ސައުތެމްޓަން އަތުން އާސެނަލް 0-3 އިން މޮޅުވި މެޗުގެ ޓީމުގައި އޭނާ ހިމަނާފައެއްނުވެއެވެ. އަދި، ކެޕްޓަން ބޭންޑް އަތުލުމާ އެކު މާދަމާ ރޭ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް އާސެނަލް ކުޅޭ މެޗުން ވެސް އޭނާ އަށް ފުރުސަތު ނުދޭން ކްލަބުން ވަނީ ނިންމައިފަ އެވެ.
އާސެނަލުން އާއްމުކުރި ބަޔާނުގައި ބުނީ ހުރިހާ ކުޅުންތެރިން އަދި ހާއްސަކޮށް ކްލަބުގެ ކެޕްޓަން ކްލަބާ އެކު އެއްބަސްވެފައިވާގޮތަށް ގަވާއިދާއި އުސޫލުތަކުގައި ހިފަހައްޓަން ޖެހޭނެ ކަމަށެވެ. އޮބަމިޔާންގ އާ އާސެނަލާ ދެމެދު މައްސަލަ ޖެހުނު ސީދާ ސަބަބު ކޯޗު މިކޭލް އާޓެޓާ ހާމަކޮށްފައެއްނުވެއެވެ. އާޓެޓާ ބުނީ ކްލަބްގެ ޑްރެސިން ރޫމްގައި ހިނގާ ކަންކަން ހިއްސާނުކުރެވޭނެ ކަމަށެވެ. އެކަމަކު ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޮބާމިޔަން ޓީމަށް ނުނަގައި އެންމެ ފަހުން ކެޕްޓަންކަމުން ވަކިކުރީ އާއިލީ ކަމެއްގައި ގައުމުން ބޭރަށް ގޮސް ކްލަބުން އަންގާފައިވާ ތާރީހަށް ޓީމާ ނުގުޅުމުންނެވެ.
އަހްލާގީ މައްސަލައެއްގައި މިދިޔަ މާޗް މަހު ވެސް އޮބަމިޔާންގ އަށް ކްލަބުން ވަނީ އަދަބުދީފައެވެ. މިހާރު އުމުރުން 32 އަހަރުގެ އޮބާމިޔަން އަށް އޭރު އަދަބުދިނީ “ޕްރީ-މެޗް ޕްރޮޓޯލް” އާ ހިލާފުވުމުންނެވެ. އެފަހަރު ޓޮޓެންހަމް ހޮޓްސްޕާސް އަތުން އާސެނަލް މޮޅުވި މެޗުން އޮބާމިޔަން އަށް ފުރުސަތެއް ނުލިބުނެވެ.
އޮބަމިޔާންގ އަށް އާސެނަލްގެ ކެޕްޓަން ބޭންޑް 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހަވާލުކުރީ އޭރުގެ ކޯޗު އުނާއި އެމެރީ އެވެ. އޮބާމިޔަންގެ ކުރިން ކެޕްޓަންކަމުގެ މަގާމުގައި ހުރި ގްރޭނިޓް ޝާކާ އަތުން ބޭންޑް އަތުލީ ސަޕޯޓަރުންނާ ދެމެދު ޖެހުނު މައްސަލައަކާ ހެދިއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި