ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާތިފް އަސްލަމްގެ ފުރަތަމަ ޑްރާމާ ސިލްސިލާ “ސަންގީ މާހް” ގެ ޕްރޮމޯޝަންތައް ފަށައިފިއެވެ.

ހަމް ޓީވީއިން މިހާރު މި ޑްރާމާގެ ވަރަށް ޝައުޤުވެރި ދެ ޓީޒާއެއް މިހާރު ދައްކާލާފައިވާއިރު، އާތިފްއާއި އެހެން ތަރިންގެ ފަރާތުންވެސް މޮޅު އެކްޓިންގއެއް ފެނިގެންދެއެވެ. އާތިފްގެ އިތުރުން ޑްރާމާގެ މައިގަނޑު ރޯލުތަކުން ފެނިގެންދާނީ ސާނިއާ ސައީދު، ސާމިޔާ މުމްތާޒް، ހާނިއާ އާމިރް، ކުބްރާ ޚާން، ނޫމާން އިޖާޒް އަދި އޭނާގެ ދޮށީ ދަރިފުޅު ޒަވިޔާރް ނޫމާން އިޖާޒްއެވެ.

“ސަންގީ މާހް” ގައި ކިޔައިދެނީ ޕާކިސްތާނުގައި އެކި ޤަބީލާތަކަށް ނިސްބަތްވާ މީހުން ދިރިއުޅޭ ސަރަހައްދުގައި އުޅޭ ޢާއިލާއެއްގެ ވާހަކައެވެ. އަދި އެބައެއްގެ ގޯސް ޤަބޫލުކުރުންތަކާއި ފިކުރިއްޔާތުގެ ސަބަބުން އަމިއްލަ ނަފްސާއި ލޯބި ޤުރުބާންކުރާ ގޮތް މި ޑްރާމާގައި ދައްކުވައިދޭނެއެވެ.

މުސްތަފާ އަފްރީދީ ލިޔެ، ސައިފީ ޙަސަން ޑައިރެކްޓްކޮށް ގެނެސްދޭ މި ޑްރާމާއަކީ 2016 ވަނަ އަހަރު އޭނާ ގެނެސްދިން “ސަންގީ މަރް މަރް” ޓްރިއޯލޮޖީގެ ދެވަނަ ބައެވެ. އަދި މި ބަޔަށްފަހު “ސަންގީ ސިޔާހް” ގެ ނަމުގައި މީގެ ތިންވަނަ ބައި ގެނެސްދޭނެ ކަމަށް ސައިފީ ބުނެފައިވެއެވެ.

މޫމިނާ ދުރައިދުގެ އެމްޑީ ޕްރޮޑަކްޝަންސް އިން ޕްރޮޑިއުސްކުރާ “ސަންގީ މާހް” ދައްކަން ފަށާނެ ތާރީޚެއް އަދި ހާމަކޮށްފައި ނުވިނަމަވެސް ޚަބަރުތައް ބުނާގޮތުގައި މި ހިނގާ ޑިސެމްބަރު މަހުގެ ތެރޭ މި ޑްރާމާ ދައްކަން ފަށާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.