ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލުގެ ޖާގަތައް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާއި ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އިން ހޯދައިފިއެވެ.

އެފްއެސްއެމް ފައިނަލަށް ދަތުރުކުރީ ރޭ ކުޅުނު ފުރަތަމަ ސެމީގައި 2-1 އިން ޕްރިޒަން ކްލަބް ބަލިކޮށްގެންނެވެ. އާރްއާރްސީ ފައިނަލަށް ދަތުރުކުރީ ޓީމު ފެނަކާއާ ދެކޮޅަށް ކުޅުނު ދެ ވަނަ ސެމީގެ މެޗު 3-3 އިން އެއްވަރުވުމުން ޖެހި ޕެނަލްޓީގައި 6-3 އިން މޮޅުވެގެންނެވެ.

މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ހިމެނުނު ކްލަބް ވެމްކޯ ގަދަ 16 ގައި ކަޓުވަލާއި އަދި ވަރުގަދަ އެޗްޑީސީ ކުއާޓާ ފައިނަލުގައި ބަލިކުރި އެފްއެސްއެމް އާއި ޕްރިޒަން ވާދަކުރި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. މެޗުގެ ލީޑު ފުރަތަމަ ފަހަރަށް ނެގީ އެފްއެސްއެމް އިންނެވެ. ދެ ވަނަ ހާފުގެ 15 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ތޯހިރެވެ. ކައިރީގައި ހުރި ޕްރިޒަންގެ ކުޅުންތެރިޔާ ކައިރިން ނައްޓާލާފައި ތޯހިރު ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. މި ގޯލަށް ފަހު ޕްރިޒަން އިން ވަނީ ކުރިއަށް ޖެހިގެން ކުޅެ ނަތީޖާ ހަމަހަމަކޮށްފައެވެ. ދެ ވަނަ ހާފުގެ 18 ވަނަ މިނެޓުގައި މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އާދަމް މަންސޫރެވެ. މަންސޫރު ގޯލު ޖެހިތާ މިނެޓެއް ފަހުން އެފްއެސްއެމް މޮޅުވި ލަނޑު ޖަހައިދިނީ ނާއިފް ޝަފީގެވެ.

އާރްއާރްސީއާ ދެކޮޅަށް ފެނަކަ ނުކުތީ ދެ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޑްވެފައިވާ ހުނަރުވެރި ފުޓްސަލް ތަރި އަޔާޒް އަހުމަދު (އަޔާ) ނުލައެވެ. މެޗު ފަށައިގެން ތިން ވަނަ މިނެޓުގައި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ގެ ގޯލުން އާރްއާރްސީ ވަނީ ލީޑު ނަގައިފައެވެ. ފުރަތަމަ ހާފުގައި އާރްއާރްސީ ޖެހި ދެވަނަ ގޯލަކީ ފެނަކަ ޓީމުގެ ރިހާމް އަބްދުލްޣަނީ (ބޮބީ) އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ދެ ގޯލުގެ ފަހަތުގައި އޮވެފައި ފުރަތަމަ ފާހުގެ ފަހު މިނެޓުގައި ޔަސްފާދު ހަބީބް (މުލަކޭ) ގެ ގޯލުން ފެނަކަ ޓީމުން ނަތީޖާގެ ފަރަގު ކުޑަކުރިއެވެ.

މެޗުގެ ދެ ވަނަ ހާފު ފެށިގެން 11 ވަނަ މިނެޓުގައި ބިޗަޑް އިތުރު ގޯލެއް ޖަހައި އާރްއާރްސީ އަށް ލީޑު ފުޅާކޮށްދިނެވެ. 3-1 ގައި ނަތީޖާ އޮއްވައި އާރްއާރްސީން ފަސޭހައިން މެޗު ކާމިޔާބު ކުރާނެކަމަށް ބެލެވުނު ނަމަވެސް ފަހަތުން އަރައި ފެނަކަ އިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް މި ދެ ލަނޑު ވެސް ކާމިޔާބުކޮށް މުލަކޭ ވަނީ ހެޓްރިކް ހަދައިފައެވެ.

ފެނަކައިން ޖެހި ތިން ޕެނަލްޓީ ވެސް ނާކާމިޔާބު ވިއިރު އާރްއާރްސީ އިން ވަނީ ހަތަރު ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. ފެނަކައިގެ ޕެނަލްޓީތައް ބޭކާރުވީ އަހުމަދު ހަލީމް އާއި މުލަކޭ އަދި އިބްރާހީމް އަރީޝް އަތުންނެވެ. މުލަކޭ އާއި އަރީޝް ޖެހި ޕެނަލްޓީ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ. ހަލީމް ޖެހި ޕެނަލްޓީ އާރްއާރްސީގެ ގޯލްކީޕަރު ވަނީ މަތަކޮށްފައެވެ. އާރްއާރްސީގެ ޕެނަލްޓީތައް ކާމިޔާބުކޮށް ދިނީ އާދަމް ނާސިހު (އާދަންނާ) ހަސަން ރާއިފް އަހުމަދު (ހަންނަ) އަދި މޮޅުވި ޕެނަލްޓީ ޖެހި ގަބޭއެވެ. އެޓީމުގެ އަލީ ޝާމިސް (ތޮއްޕޭ) ޖެހި ޕެނަލްޓީ ދިޔައީ ގޯލުގެ މަތިން ބޭރަށެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހެޓްރިކް ހެދި މުލަކޭ އެވެ.

އާރްއާރްސީ އާއި އެފްއެސްއެމް ވާދަކުރާ ފައިނަލް މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހުގެ ރޭ 8:30 ގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.