ލޭ ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ލ. އަތޮޅުގެ ޒުވާނުންތަކެއް އިސްނަގައިގެން “ތިކި” ނަމުގައި ޚާއްސަ އެޕްލިކޭޝަނެއް ތަޢާރަފްކޮށްފިއެވެ. ލ. އަތޮޅުން ފެށިގެން ދެކުނުގެ ހުރިހާ ރަށަކަށް ހުޅުވާލި މި އެޕްލިކޭޝަން ތަޢާރަފް ކޮށްދެއްވީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހުސެއިން އިސްލާޢީލް އެވެ.

މި އެޕްލިކޭޝަން އިފްތިތާހު ކުރުމަށްފަހު ވާހަކަފުޅު ދައްކަވަމުން ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހުސެއިން ވިދާޅުވީ ލޭހޯދާ ފަރާތްތަކަށާއި، ލޭ ބޭނުންވާ ފަރާތްތަކަށް މިފަދަ ފަސޭހަ މަގެއް ޒުވާނުން އިސްވެ ތަޢާރަފްކުރި ކަމީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ. އަދި މިއީ ލޭ ހޯދަން ބޭނުންވާ ފަރާތްތަކަށް ފަސޭހަ ކަމާއެކު އެކަމުގެ މަގު ފަހިވެގެންދާނެ ކަމެއްކަމަށް ހުސެން ވިދާޅުވިއެވެ.

“ތިކި” އެޕްލިކޭޝަަނަކީ ލޭ ހަދިޔާކުރާ މީހުންނާއި ލޭ ބޭނުންވާ މީހުން އެއް މަންސައަކަށް ގެނައުމުގެ ގޮތުން ތަޢާރަފްކުރި އެޕްލިކޭޝަނެކެވެ. މިކަމުގެ ސަބަބުން ލޭ ހޯދުމަށް ކުރަންޖެހޭ މަސައްކަތް މިހާރަށްވުރެ ކުޑަވެގެން ދާނެކަމަށް މި އެޕްލިކޭޝަން ތަޢާރަފްކުރި ފަރާތުން ވަނީ ބުނެފައެވެ. އަދި ލޭ ނުލިބުމުގެ ސަބަބުން ނުވަތަ ލޭ ލިބުން ލަސްވުމުގެ ސަބަބުން ކުރިމަތިވާ އެކިކަހަލަ ހިތާމަވެރި ކަންކަމާއި ކުރިމަތިލާންޖެހުން މަދުކުރުމަކީވެސް މި އެޕްލިކޭޝަން އުފެއްދުމުގެ މައިގަނޑު އެއް މަޤުސަދެވެ.

“ތިކި” އެޕްލިކޭޝަން އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި އަނަސް

“ތިކި” އެޕްލިކޭޝަން ލޯންޗުކޮށްފައިވަނީ 3 ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި އެޕްލިކޭޝަން ބޭނުންކުރާނީ، ލ، ތ، ގއ، ގދ، އައްޑޫ ސިޓީ، އަދި ފުވައްމުލައް ސިޓީގައެވެ.

“ތިކި” އެޕްލިކޭޝަން ބޭނުން ކުރުމަށް ލޮގިން ވާކަށް ނުޖެހެއެވެ. އެހެންނަމަވެސް ޑޯނާއެއްގެ ގޮތުގައި ނަން ހިމެނުމަށް ރަޖިސްޓްރީ ވާން ޖެހޭނެވެ. އެގޮތުން މި އެޕްގައި ރަޖިސްޓްރީ ވެވޭ ފޯމެއް ހިމަނާފައިވެއެވެ. އަދި އެޕްގެ ހޯމް ޕޭޖުން ރަޖިސްޓަރ ވެފައިވާ ހުރިހާ ޑޯނަރުންގެ މަޢުލޫމާތުތައް ފެންނަން ހުންނާނެއެވެ. އަދި ހަމަ ހޯމް ޕޭޖުން ރަށާއި، ލޭގެ ގްރޫޕު ބޭނުންކޮށްގެން ޑޯނަރުން ފިލްޓަރު ވެސް ކުރެވޭނެއެވެ. އަދި ކޮންމެ ޑޯނަރއެއްވެސް ލޭ ހަދިޔާކުރުމާއެކު 90 ދުވަހަށް އެ ޑޯނަރަކު އެޕުން ގެއްލޭނެއެވެ.

“ތިކި” އެޕްލިކޭޝަން، މި ލިންކުން ޑައުންލޯޑްކޮށްލެވޭނެއެވެެ.

މި އެޕްލިކޭޝަންގައި “އެކްސްޕްލޯރ” ކިޔާ ސެކްޝަނެއް ވެސް ހިމަނާފައިވާނެއެވެ. އެ ސެކްޝަނުގައި ހުންނާނީ ލޭ ހޯދާ ފަރާތްތަކުގެ މަޢުލޫމާތެވެ. އެގޮތުން ކޮންމެ މީހަކުވެސް ލޭ ބޭނުންވެގެން އެޕްލިކޭޝަނުގައި ޕޯސްޓެއް ކޮށްފިނަމަ މިބައިން އޭގެ މައުލޫމާތު ލިބެން ހުންނާނެއެވެ. އަދި ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް އެބައިން ލޭ ހޯދާ ފަރާތްތަކާ ގުޅޭނެއެވެ. މި އެޕްލިކޭޝަނާއެކު އެޕްލިކޭޝަން ބޭނުންކުރާ ހުރިހާ ހޮސްޕިޓަލަކަށްވެސް “ހަސްފަތާލު ޕޯޓަލް” ގެ ލޮގިންއެއް ދެވޭނެއެވެ. ޑޯނަރުން ލޭ ހަދިޔާކުރުމުން އެކަން އެޕްލިކޭޝަނަށް އަދާހަމަކުރާނީ މި ޕޯޓަލްއިންނެވެ.

“ތިކި” އެފްލިކޭޝަން ތަޢާރަފްކުރުމުގައި އިސްކޮށް ހަރަކާތްތެރިވި އަހުމަދު އަނަސް ބުނީ މިއީ ކުޑަކުޑަ ޚިޔާލަކާއެކު ފެށުނު ބޮޑު އުންމީދެއް ކަމަށެވެ. އުންމީދު ހަޤީޤަތަށްވުމުގައި އެތައް ބައެއްގެ ބައިވެރިވުން ބޮޑުކަމަށެވެ. މިއީ އަދި ފެށުމެއް ކަމަށާއި، އަމާޒަކީ މުޅިރާއްޖެއަށް “ތިކި” އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަ ކަމާއިއެކު ލޭ ލިބޭނެ އިންތިޒާމު ހަމަޖެއްސުންކަމަށް އަނަސް ފާހަގަކުރިއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.