ފޯޔަކު ބާރަނާޅި މަގުން ހަނގު ބޭކަލުންނަށް ދައުލަތުން ދެއްވާ ބަނޑު ހަނޑުލުގެ ޒަމާން ފާއިތުވެ ކާށިންނާއި ރުކުރަލާއި ދިޔާހަކުރުންނާއި ބާނާ މަހުން ބައި އަޅައިގެން އުޖޫރަދިން ޒަމާން އެއީ އަޅުގަނޑުމެންގެ މާޒީއެވެ. އެއިރުގައި އޮތީ ކިޔަމަންތެރިކަމާއި އެއްބައިވަންތަކަމެވެ. ޒަމާން ބަދަލުވެ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ފެންވަރު އެތައް ގޮތަކުން މަތިވެ، ޢިލްމީގޮތުން މޮޅުވެ، ދުނިޔޭގެ ޤައުމުތަކުގެ ސަފުގައި ފައިހަމަކުރުމަށް އަޅުގަނޑުމެން މިދަނީ މަސައްކަތްކުރަމުންނެވެ. ނަމަވެސް އެ އަމާޒަށް ވާޞިލުވުމަށް އަޅުގަނޑުމެންނަށް ދިމާވާ އެންމެ ބޮޑު ހުރަހަކީ ބައިބައިވުމެވެ. ބަލައިލި ކޮންމެ ދިމާއަކުން ފެންނަނީ ބައިބައިވުމެވެ. ޚިޔާލު ތަފާތުވުމެވެ. މީގައި އެންމެ ދެރަވާންޖެހޭ ތަންކޮޅަކީ މިބައިބައިވުމުގެ އަސްލުގެ ގޮތުގައި ފެންނަ ކަންކަމަކީ އިންސާނާއަށް ދެއްވި އެެންމެ މަތިވެރި ޖައުހަރުކަމުގައިވާ ބުއްދީގެ ބޭނުން ހިފަން ނޭނގޭ ބަޔަކޭ ހީވާފަދަ ކަންކަމުގައި ކަމަށް ވާތީއެވެ. އެމީހަކު ނިސްބަތްވާ “ކުލަ” އަކުން ބުނެފިނަމަ ރެޔެއް ދުވާލެއް ވަކިކުރާކަށް ބޭނުމެއް ނުވެއެވެ. ރޭގަނޑު ދުވާލަށް ހަދައި ރޯމާ ދުވާލަކީ ކަޅުއަނދިރި ރޭގަނޑޭ ބުނުމަށްވެސް ފަސްޖެހުމެއް ނެތެވެ.

އަޅުގަނޑަކީ ސިޔާސީ މީހެއް ނޫނީމެވެ. އެދާއިރާއަށް ދިއުމުގެ ޝައުޤެއްވެސް ނެތެވެ. އެހެންކަމުން ކަންކުރަނީ ކޮން ޕާރޓީއެއްގެ މީހެއްތޯއެއް ނުބަލަމެވެ. ބެލެނީ އެކަމަކީ ރަށާއި، އަތޮޅާއި، ޤައުމަށް ފައިދާއެއް ކުރާނެ ކަމެއްތޯއެވެ. ނުކުރާނަމަ އެކަމުން ރަށާއި، އަތޮޅާއި، ޤައުމަށް ގެއްލުންވޭތޯއެވެ. އެނގިފައިހުރި ކުޑަ މިންވަރުގެ އަލީގައި މިނިމަމް ވޭޖުގެ މައްސަލައިގައި އަޅުގަނޑު ދެކޭގޮތް ތިރީގައިމިވަނީއެެވެ.

1949 ވަނަ އަހަރުންފެށިގެން ރަސްމީގޮތުން “ވޭޖަސް” (wages) ގެ ގޮތުގައި ބަލަނީ މުސާރައާއި ޢިނާޔަތުގެ ގޮތުގައި ވަޒީފާދޭ ފަރާތުން ވަޒީފާއަދާކުރާ ފަރާތަށް ދޭ ފައިސާއަށެވެ. ނަޤުދުން ނުވަތަ ބޭންކް ޓްރާންސްފަރގެ ގޮތުގައިވިޔަސްއެވެ. މާލީ މަންފާގެ ގޮތުގައި ދެވޭ ބަޔަށެވެ. މާލީ ނޫން މަންފާގެ ތެރޭގައި ވަޒީފާދޭ ފަރާތުން ހުރުމާއި ކެއުމާއި އިންޝުއަރެންސް ފަދަ ޚިދުމަތްތައް ފޯރުކޮށްދީފާނެއެވެ. އެއަކީ “ވޭޖް”ގައި ހިމަނާ ބައެއް ނޫނެވެ.

އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން ދެކޭގޮތުގައި މަސައްކަތްތެރިންގެ މަސައްކަތާ ނޭކަށޭނަ ކުޑަމިންވަރެއްގެ އުޖޫރައެއް ދީގެން މަސައްކަތްކުރުވުން ހުއްޓުވައި މަސައްކަތްތެރީންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަކީ އެންމެކުޑަ އުޖޫރަ ކަނޑައެޅުމުގެ އެއް މަޤުޞަދެވެ. އޭގެ ސަބަބުން ފަޤީރުކަން ނައްތާލުމަށާއި އިޤްތިޞާދީ ފުދުންތެރިކަމުގެ ހަމަހަމަކަން ކަށަވަރުވެގެންދާނެކަމަށް ދެކެގެން، މުވައްޒަފުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަކަނޑައެޅުމަށް އެއްބަސްވެފައިވާ، ބައިނަލްއަޤުވާމީ މުއާހަދާއަކ1970ީ ވަނަ އަހަރުގެ ޖޫން 3ގައި ޖެނީވާގައި އެކަށައަޅައި އެއްބަސްވީ މުއާހަދާއެކެވެ. 131 ނަމްބަރު މުއާހަދާގެ ގޮތުގައި ނިސްބަތްކޮށް އުޅޭ މުއާހަދާއެކެވެ. ޙަޤީޤަތުގައި އެންމެ ކުޑަ އުޖޫރަ ބަލާނެގޮތުގެ މަައްސަލައިގައި އަޅުގަނޑުމެންގެ ތެރޭގައި މިއުފެދޭ ޚިޔާލުތަފާތުވުމުގެ މައްސަލަ އުފެދެނީ މިމުއާހަދާގެ ސަބަބުންނެވެ. މިމުއާހަދާގައި އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖްގައި ހިމެނެނީ ނުވަތަ ނުހިމެނެނީ ކޮން ބައިތަކެއްކަން ބުނެ ނުދީ އޮންނާތީއެވެ. 20 ވަނަ ޤަރުނު ނިމުނުއިރު ދުނިޔޭގެ ގިނަ ޤައުމުތައްވަނީ އެޤައުމުތަކުގެ މަސައްކަތްތެރީންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައަޅާފައެވެ. ނަމަވެސް އެންމެކުޑައުޖޫރަ މާނަކުރާގޮތް އެކި ޤައުމުތަކުގައި ތަފާތެވެ. އެހެންކަމުން ދުނިޔޭގެ އެކި ޤައުމުތަކުގައި އެންމެ ކުޑައުޖޫރަ ކަނޑައެޅުމުގައި ގެންގުޅޭ އުސޫލު ތަފާތުވެފައިވެއެވެ. އެއްބައި ޤައުމުތަކުން މިނިމަމް ވޭޖް ނުވަތަ އެންމެކުޑަ އުޖޫރަ އަކީ އަސާސީ މުސާރަ ނުވަތަ ބޭސިކް ވޭޖް ނުވަތަ ބޭސިކް ޕޭ ކަމުގައި ބަލައިފައިވެއެވެ. އަނެއްބައި ޤައުމުތަކުގައި އަސާސީ މުސާރަ އާއި އެކިއެކި މާލީ އިނާޔަތްތައް ހިމަނައިގެން މިނިމަމްވޭޖް ނުވަތަ އެންމެކުޑައުޖޫރަ ގުނައެވެ.

މިހައިތަނުން ދެން ފެންނަނީ ސުވާލުތަކެކެވެ. އެއީ މުވައްޒަފަށް ޙައްްޤުވާ އުޖޫރައާއި އެ އުޖޫރައިގެތެރެއިން ގެޔަށް ގެންދަން ލިބޭ މިންވަރާ މެދު ޖެހޭ ސުވާލު މާކުތަކެވެ. ގެޔަށްގެންދާން ލިބޭ އުޖޫރައަކީ ޙައްޤުވާ އުޖޫރައިގެތެރެއިން ޕެންޝަނާއި ޓެކްސްފަދަ ބައިތައް އުނިކުރުމުން މުވައްޒަފުގެ ޖީބަށް ނުވަތަ ބޭންކް އެކައުންޓަށް ޖަމާވާ އުޖޫރައެވެ. ކޮންމެއަކަސް އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަޤްޞަދު މި ރާއްޖޭގައި ކަނޑައެޅިގެންދިޔަ އެންމެ ކުޑައުޖޫރައިން ޙާޞިލްކުރެވޭތޯ ސުވާލު އުފެއްދިދާނެއެވެެ. އަދި ކަނޑައެޅުއްވި އެންމެ ކުޑައުޖޫރައަކީ ދިވެހި ދައުލަތަށާއި ވިޔަފާރިތަކަށް ތަންފީޒުކުރަން ނޭކަށޭނަ ބުރައެއްތޯ ނުވަތަ ނޫންތޯ ވެސް ސުވާލު އުފެއްދިދާނެއެވެ. މިސުވާލުތަކުގެ ޖަވާބު ކޮންމެ ގޮތަކަށް އޮތްނަމަވެސް އަޅުގަނޑު ޤަބޫލުކުރާގޮތުގައި އެންމެ ކުޑައުޖޫރަ ކަނޑައެޅުއްވިކަމީ ދިވެހިސަރުކާރުން އެޅުއްވި ވަރަށް ފައިދާހުރި ނިންމުމެކެވެ. ތާރީޚީ ނިންމުމެކެވެ. ތަހުނިޔާ ދަންނަވަންޖެހޭ ނިންމުމެކެވެ. ދެން އަންނަ ސަރުކާރަކުން ކުރާންޖެހޭނެ ކަމަކީ ކަނޑައެޅި އުޖޫރައަށް ގެންނާންޖެހޭ ހެޔޮ ބަދަލުތައް ގެނައުމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޠާހާ އަބޫބަކުރު
ތާރީޚީ ހޯދުުންތައް ހޯދައި ތާރީޚް ލިޔުމާއި ދިވެހި ބަހާއި ބަހުގެ އަދަބިއްޔާތުގެ ލިޔުންތަކަކީ ޠާހާ ގެ އެންމެ ފާހަގަ ކޮށްލެވޭ ދާއިރާ އެވެ.