ސޮނީ ޓީވީގެ ކާމިޔާބު ޑާންސް ރިއަލިޓީ ޝޯވ “އިންޑިއާސް ބެސްޓް ޑާންސާ 2” ސޯމިޔާ ކަމްބްލޭ ކާމިޔާބު ކޮށްފިއެވެ.

ރޭ ސޮނީ ޓީވީއިން ނިންމާލި މި ޝޯވ، ސޯމިޔާ ކާމިޔާބުކުރީ ގޯރަވް ސާރްވާން، ރޯޒާ ރާނާ، ރަކްތިމް ޓަކުރިއާ އަދި ޒަމްރޫދުއާ ވާދަކޮށް ބެލުންތެރިންގެ އެންމެ ގިނަ ވޯޓް ހޯދައިގެންނެވެ.

ކޮރެއޯގްރާފަރު ވަރްތިކާ ޖާގެ އެހީތެރިކަމުގައި ސޯމިޔާ ޝޯވ ކާމިޔާބު ކުރިއިރު، ދެވަނަ ލިބުނީ ގޯރަވްއަށެވެ. ތިންވަނަ ރޯޒާއަށް ލިބުނުއިރު، ހަތަރުވަނަ ލިބުނީ ރަކްތިމްއަށެވެ. ފަސްވަނަ ލިބުނީ ޝޯވގެ ތެރެއިން ބޮޑު ކުރިއެރުމެއް ހޯދައި، ހަށިގަނޑަށްވެސް ބޮޑު ބަދަލެއް ގެނައި ޒަމްރޫދުއަށެވެ.

ވަރަށް ކުލަގަދަކޮށް ރޭ ބޭއްވި “އިންޑިއާސް ބެސްޓް ޑާންސާ” ގެ ސީޒަން 2 ގެ ފިނާލޭގައި ގަދަ 5 ބައިވެރިންގެ ތެރެއިން ރޯޒާ، ރަކްތިމް އަދި ޒަމްރޫދުގެ ފޯރިގަދަ ނެށުންތަކެއް ފެނިގެންދިޔައިރު، ގަދަ 12 ގައި ހިމެނުނު ބައެއް ބައިވެރިންވެސް ފޯރިގަދަ ނެށުމެއް ހުށަހަޅައިދިނެވެ. ސޯމިޔާ އާއި ގޯރަވް ބަލިވެގެން ފިނާލޭގައި ބައިވެރި ނުވެވޭތީ އެދެމީހުންގެ ފަރާތުން ނެށުން ހުށަހަޅައިދިނީ އެ ދެމީހުންގެ ކޮރެއޯގްރާފަރު ވަރްތިކާ އާއި ރުޕޭޝް ސޯނީއެވެ. ސޯމިޔާ އާއި ގޯރަވްއަށް ފިނާލޭގައި ނެށުން ހުށަހަޅައިނުދެވުނު ނަމަވެސް އެމީހުން ވަނީ ވީޑިއޯ ކޯލުން ފިނާލޭގައި ބައިވެރިވެފައެވެ.

ޝޯވގެ ޖަޖުންގެ ހަރަކާތްތަކެއްވެސް ފެނިގެންދިޔައިރު، ބަލިވެ އުޅޭތީ މަލައިކާއަށްވެސް ރޭގެ ފިނާލޭގައި ބައިވެރިވެވޭ ގޮތް ވަނީ ނުވެފައެވެ. ގީތާ ކަޕޫރް އާއި ޓެރެންސް ލުވިސްގެ އިތުރުން ޚާއްސަ މެހެމާނުންގެ ގޮތުގައި ބައިވެރިވީ މިމަހު 15 ގައި ސޮނީ ޓީވީން ފަށާ “އިންޑިއާސް ގޮޓް ޓެލެންޓް 9” ގެ ޖަޖުން ކަމަށްވާ ޝިލްޕާ ޝެޓީ، ލަވަކިޔުންތެރިޔާ ބާދްޝާހް އަދި މަނޯޖް މުންތަޝިރްއެވެ. އޭގެ އިތުރުން ދަރްމޭޝް ޔެލާންޑޭ އާއި ލަވަކިޔުންތެރިޔާ މީކާ ސިންގވެސް ބައިވެރިވިއެވެ.

“އިންޑިއާސް ބެސްޓް ޑާންސާ 2” ގެ ޓްރޮފީއާއެކު ކާރަކާއި ފައިސާގެ އިނާމަކަށް 15 ލައްކަ ރުޕީސް ސޯމިޔާއަށް ލިބުނުއިރު، ކޮރެއޯގްރާފަރު ވަރްތިކާއަށް 5 ލައްކަ ރުޕީސްގެ ފައިސާގެ އިނާމެއް ވަނީ ހަވާލުކޮށްފައެވެ. އޭގެ އިތުރުން ކޮންމެ ފައިނަލިސްޓަކަށް 1 ލައްކަ ރުޕީސް ފައިސާގެ އިނާމެއް ދީފައިވެއެވެ.

މަނީޝް ޕޯލް ހުށަހަޅައިދިން މި ޝޯވ ކާމިޔާބު ކުރެވުމާއެކު ސޯނިޔާ ބުނެފައިވަނީ މިއީ އޭނާގެ އަދި އޭނާގެ މަންމަގެ ވަރަށް ބޮޑު ހުވަފެނެއް ހަޤީޤަތަކަށް ވުން ކަމަށެވެ.

“އިންޑިއާސް ބެސްޓް ޑާންސާ” ގެ ދެވަނަ ސީޒަން ރޭ ނިންމާލިއިރު ފުރަތަމަ ސީޒަން ކާމިޔާބު ކުރީ ވަރްތިކާ ކޮރެއޯގްރާފް ކޮށްދިން އަޖޭ ސިންގ (ޓައިގާ ޕޮޕް) ކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.