މިމަހު 26 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ޑާކް ރެއިން އެންޓަޓެއިންމެންޓް ސްޓޫޑިއޯ ފަޅާލައި އެތަނުން ވަގަށް ގެންދިޔަ ތަކެތީގެ ތެރޭގައި ހިމެނޭ ދެ ރޮނިންގެ ތެރެއިން ރޮނިން އެއް ހޯދިއްޖެ ކަމަށް ޑާކް ރެއިން އިން ބުނެފިއެވެ.

ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ޓްވިޓަރ ހެންޑްލް އިން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ވަގަށް ގެންދިޔަ ތަކެތީގެ ތެރެއިން ރޮނިން ހޯދައިދިނުމުގައި ޢަބްދުﷲ އިއްޔާން ކޮށްދިން މަސައްކަތަށް ޝުކުރުވެރިވާ ކަމަށާ ވަގަށް ނެގި ދެ ރޮނިންގެ ތެރެއިން ހޯދުނު ރޮނިން ލިބުނީ ބަންގްލާދޭޝްގެ ފިރިހެނަކަށް އެންމެ 500 ރުފިޔާއަށް ވިއްކާލާފައި ވަނިކޮށް ކަމަށެވެ. މިއީ ރޮނިން އެއްގެ އަގާއި އަޅައި ބަލާއިރު ނުހަނު ދަށް އަގެއްކަން ފާހަގަކުރަމުން ޑާކް ރެއިން އިން އިތުރަށް ބުނެފައިވަނީ އާއްމުންގެ އެހީތެރިކަމާއެކު ވަގަށް ގެންގޮސްފައިވާ ތަކެތި ހޯދޭނެ ކަމަށް އުއްމީދުކުރާ ކަމަށާ، އެކަން ކުރި ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެންދެވޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

ޑާކް ރެއިން އިން ބުނީ ވަގަށް ގެންދިޔަ ތަކެތީގެ ތެރެއިން ‘ޓޮކިނާ އޭޓީ-އެކްސް 116 ޕްރޯ ޑީއެކްސް-ޓޫ 11-16 އެމްއެމް އެފް/2.8 ގެ ލެންސް’ އަކާއި ‘ޑީޖޭއައި ރޮނިން އާރްއެސް 2 ޕްރޯ ކޮމްބޯ ވިތު 3ޑީ ފޯކަސް’ އެއް ހިމެނޭ ކަމަށެވެ.

ޑާކް ރެއިން އެންޓަޓެއިންމެންޓް ސްޓޫޑިއޯއިން ވަގަށްނަގާފައިވާ ތަކެތީގެ އަގު 40،000 ދިވެހި ރުފިޔާއަށް ވުރެން މަތީގައި އުޅޭނެ ކަމަށް ޑާކް ރެއިންގެ ވެރިޔާ އަދި ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ)، މުނިއަވަސް އަށް ބުނެފައިވެއެވެ.

ވަގަށް ނަގާފައިވާ ތަކެތިކަމަށް ބެލެވޭ އެއްޗެއް މީހަކު ވިއްކަން އުޅޭނަމަ އެކަން ޑާކް ރެއިންއަށް ނުވަތަ ޑައިރެކްޓަރ އަދި ކެމެރާމަން ޢަލީ ޝިފާޢު (ޗިއްޕެ) އަންގައިދިނުމަށް އެދި ޑާކް ރެއިން އެންޓަޓެއިންމެންޓުން ޓްވީޓެއްވެސް ކޮށްފައިވެއެވެ. މިފަދަ އެއްޗެއް ވިއްކަން އުޅޭކަން އެނގިއްޖެނަމަ 7710003 އަށް ގުޅުމަށް ވަނީ އެދިފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.