އެންމެ 03 އަހަރުގެ މުއްދަތެއްގައި ވަރުގަދަ ޙާފިޒަކަށް ހެދުމަށާއި އެންމެ އަހަރެއްގެ ތެރޭގައި ތަޖުވީދު ޢިލްމުގެ ވަރުގަދަ މާހިރަކަށް ހެދުމަށް ޝަހާދަތުލް ޤުރުއާން އޮންލައިން ކުލާހުން 2021 ފެށި މަސައްކަތް ނުހަނު ކާމިޔާބުކަމާއެކު ކުރިއަށް އެބަ ގެންދެއެވެ. އެގޮތުން މި އަހަރުވެސް މި ކުލާހުން މި މަތިވެރި މަސައްކަތް ކުރުމަށް ތިބީ އަތުކުރި އޮޅާލައިގެންނެވެ.

ޝަހާދަތުލް ޤުރުއާން އޮންލައިން ކުލާހުގެ 2021 ވަނަ އަހަރުގެ ޚުލާޞާ ނަތީޖާއަށް ބަލައިލާއިރު، ޙާޞިލްކުރެވިފައިވާ ނަތީޖާއާމެދު ކުލާހުގެ ދަރިވަރުން، ބެލެނިވެރިން އަދި ކުލާސް ހިންގެވި ފަރާތުންވެސް ތިއްބެވީ ނުހަނު ހިތްހަމަޖެހިފައެވެ. އެގޮތުން، އުމުރުން 12 އަހަރުގެ ކުއްޖަކާ 14 އަހަރުގެ ކުއްޖެއް ޤުރުއާން އެއްކޮށް ހިތުދަސްކޮށްފައިވާ ކަމަށް ޝަހާދަތުލް ޤުރުއާން އޮންލައިން ކުލާހުން ބުނެއެވެ. އެއީ ތ. އަތޮޅާއި ރ. އަތޮޅަށް ނިސްބަތްވާ ދެ ދަރިވަރުންނެވެ.

“މިހާރު އެކުދިން ކޮންމެ ދުވަހަކު މުރާޖަޢާއަށް ކިޔަވަމުން ދަނީ. މީގެ އިތުރުން ކުލާހުގައި ބައިވެރިވި ކުދިންގެ ތެރެއިން، އަލްޙަމްދުލިﷲ، 07 ކުދިން މިހާރު ވަނީ 15 ފޮތް ހިތުދަސްކޮށް ނިންމާފަ. އެހެން 07 ދަރިވަރުން ވަނީ 10 ފޮތް ނިންމާފަ. ދެން 09 ވަރަކަށް ކުދިން މިހާރު ވަނީ 07 ފޮތް ނިންމާފަ.” ކުލާހުގެ މުދައްރިސް ޕާކިސްތާނުގެ ޙާފިޒް އަލްޤާރީ މުޙައްމަދު އުޘްމާން މުނިއަވަސް އަށް މަޢުލޫމާތު ދެމުން ފާހަގަކުރިއެވެ.

2022 ވަނަ އަހަރު މި ކުލާހުގައި ބައިވެރިވުމަށް 01 ފެބްރުއަރީ 2022ން 10 ފެބްރުއަރީގެ ނިޔަލަށް ނަން ނޯޓުކުރުން ކުރިއަށް ގެންދާނެއެވެ. ކުލާހުގައި ބައިވެރިވުމަށް ނަން ނޯޓުކުރެއްވުމަށް، ބައިވެރިކުރާ ދަރިވަރުގެ ފުރިހަމަ ނަން، އުމުރު އަދި ވައިބަރ ބޭނުންކުރައްވާ ނަންބަރު ޖެއްސެވުމަށްފަހު ޝަހާދަތުލް ޤުރުއާން އޮންލައިން ކުލާހުގެ ވައިބަރ ނަންބަރު 9919011އަށް ވައިބަރ މެސެޖެއް ކޮށްލުމަށް އެދެއެވެ.

މި ކުލާހުގައި ހިތުދަސްކޮށްދިނުމުގެ އިތުރުން، ދިގު ރާގަށާއި ދުނިޔޭގެ މަޝްހޫރު 05 ޤާރީވެރިންގެ ރާގު ރާގަށް ޤުރުއާން ކިޔަވަން ދަސްކޮދިނުމަށް ހަމަޖެހިފައިވާކަމަށް ވެސް ޝަހާދަތުލް ޤުރުއާން އޮންލައިން ކުލާހުން ބުނެއެވެ.

ކުލާހާއި ގުޅޭ އިތުރު މަޢުލޫމާތު ވެސް ޝަހާދަތުލް ޤުރުއާން އޮންލައިން ކުލާހުގެ ނަންބަރު 9919011ން ސާފުކުރެވޭނެއެވެ.

މި ކުލާހުގެ މުދައްރިސަކީ ރާއްޖޭގައި ގިނަ އަހަރު ތަކެއް ވާންދެން ޤުރުއާން ކިޔަވައިދެއްވުމުގައި ހޭދަކުރައްވަމުން ގެންދަވާ ޕާކިސްތާނުގެ ޙާފިޒް އަލްޤާރީ މުޙައްމަދު އުޘްމާން އެވެ. މުޙައްމަދު އުޘްމާން އަކީ ރާއްޖޭގައި ކީރިތި ޤުރުއާން އުނގަންނަވައިދެއްވުމުގެ އިތުރުން ތަޖުވީދު ޢިލްމުގެ ފޮތްތައް ދިވެހިބަހުން ލިޔުއްވައި ޝާއިޢުކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ޕާކިސްތާނުގެ ޙާފިޒް އަލްޤާރީ މުޙައްމަދު އުޘްމާން

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.