ކަޒްމިކް އިންޓަނޭޝަނަލް އިން އައިފިލްމްސްއާ ގުޅިގެން އުފައްދަމުން އަންނަ އެންތޮލޮޖީ ސީރީޒް ”މަޒްލޫމް“ގެ ފައިނަލް ޗެޕްޓަރު ނުވަތަ ހަތަރުވަނަ ޗެޕްޓަރު ރިލީޒްކުރާނެ ތާރީޚާއި، ފިލްމުގެ ޓްރެއިލަރ އަދި ޕޯސްޓަރު މިއަދު އާއްމުކޮށްފިއެވެ. ކަޒްމިކް އިންޓަނޭޝަނަލްގެ މީސްމީޑިއާ މަންސަތަައް މެދުވެރިކޮށް މިއަދު އާއްމުކުރި ޕޯސްޓްގައި ބުނެފައިވަނީ ފިލްމު ރިލީޒްކުރާނީ މި މަހު12 ގައި ކަމަށެވެ.

ރިލީޒްކޮށްފައިވާ “ހިންތަ”ގެ ޓްރެއިލަރގައި ކުރީގެ ޗެޕްޓަރުތަކުގައި ހިނގާފައި ހުރި ހާދިސާތަކާ ގުޅުވާލާފައި ވެއެވެ. އެގޮތުން ޗެޕްޓަރު 03 ގައި މަދު މަންޒަރަކުން ފެނިގެންދިޔަ ހަމްޝާ (މަރްޔަމް އައްޒަ) ނިޔާވި ގޮތާ ބެހޭގޮތުން އެ ޗެޕްޓަރުގެ ލީޑުން ފެނިގެންދިޔަ ތާތި އާދަމް، ވާހަކަދައްކާތަން ފެނެއެވެ. މި ޗެޕްޓަރުގެ ޓްރެއިލަރ އިން ފެންނަ މަންޒަރުތަކުން ބޮޑަށް ދައްކާފައިވަނީ ހަމްޝާ (މަރްޔަމް ޢައްޒަ)ގެ ބައެވެ. އެހެންކަމުން މި ޗެޕްޓަރު ނިމޭއިރު، އިމާރާތެއްގެ މަތިން ހަމްޝާ ވެއްޓި މަރުވި ސަބަބާއި އަދި މި ޗެޕްޓަރުގައި ހަމްޝާ އަކީ ކޮންކަމެއްގެ، އަދި ކިހާވަރެއްގެ މަޒްލޫމެއް (ވިކްޓިމްއެއް) ކަން އެނގިގެން ދާނެ ކަމަށް ޤަބޫލުކުރެވެއެވެ.

”ހިންތަ“ ވެސް ލިޔެ ޑައިރެކްޓްކޮށްފައިވަނީ މަޒްލޫމްގެ ކުރީގެ ތިން ޗެޕްޓަރުވެސް ލިޔެ ޑައިރެކްޓްކުރި އައި ފިލްމްސްގެ ހުނަރުވެރިވެރި ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) އެވެ.

ބައިސްކޯފުގައި ރިލީޒްކުރާނެ ”ހިންްތަ“ގެ މުހިންމު ތަރިންގެ ތެރޭގައި މަރްޔަމް އައްޒަ، ޢާއިޝަތު ޢަލީ، ސިމްބާ، ރަވީ ފާރޫޤް، އަލީ އުސާމް (ދޮނާ)ގެ އިތުރުން ޢާއިޝަތު ލަހުފާ (ލަހޫ) ހިމެނެއެވެ.

މަޒްލޫމްގެ ފުރަތަމަ ބައި “މަޒްލޫމު”ން ދައްކުވައިދިނީ ރޭޕް ކޭސްއެއްގެ ވާހަކައެވެ. ދެވަނަ ބައި ކަމުގައިވާ “ޒައްރޫކު”ން ދައްކުވައިދީފައި ވަނީ މައިންބަފައިންގެ ފަރާތުން އަޅައިލުން ލިބެންވާ ވަރަށް ނުލިބުނު ކުޑަ ކުއްޖަކަށް ދިމާވާ ނަފްސާނީ މައްސަލަތަކެއްގެ ވާހަކައެވެ. ތިންވަނަ ބައި “މިންޖު”ން ދައްކައިދިނީ ގެވެށި އަނިޔާ ލިބެމުންދާ އަންހެނެއްގެ ވާހަކައެވެ. މި ބައިތަކަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.

ހިންތަަ ނުވަތަ ހިންތާގެ މާނަތައް ވަރަށް ގިނައެވެ. އޭގެ ތެރޭގައި މަކަރު، ހީލަތް، އިޔަހޫދި، ކެހި، ވިސްނާ ވިސްނުން. އަދި ކުރާ ފިކުރު ހިމެނެއެވެ. އެހެންކަމުން ކަޒްމިކް އިންޓަނޭޝަނަލްގެ ”ހިންތަ“ އިން ހަމަ ގައިމުވެސް މި މާނަތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެއް ފެނިގެންދާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.