އިންޑިއާގެ ވަރުގަދަ އެއް ފިލްމު ކުންފުނި، ޔާޝް ރާޖް ފިލްމްސް އިން މިއަހަރު ނެރުމަށް ތާވަލުކުރި ބޮޑު ތިން ފިލްމުގެ ތެރެއިން “ޝަމްޝޭރާ”ގެ ޓީޒާ ދައްކާލައިފިއެވެ. ރަންބީރް ކަޕޫރް އަދި ވާނީ ކަޕޫރް ލީޑުން ފެނިގެންދާ މި ފިލްމު ނެރެން ހަމަޖެހިފައިވަނީ ޖުލައި 22 ގައެވެ.

ރަންބީރް ކަޕޫރްގެ ފޭނުންނާއި ޔާޝް ރާޖް ފިލްމްސް ތަކަށް އިންތިޒާރުކުރާ ފަރާތްތަކުގެ އިންތިޒާރު ނިމޭނެ ތާރީޚާއެކު އާއްމުކޮށްފައިވާ ޓީޒާ ފެށެނީ ބަޑިތަކެއް ހުރި ތަނެއްގައި އިށީންދެ އިންނަ ސަންޖޭ ދަތު ދައްކާ ވާހަކަކޮޅަކުންނެވެ. “އެހެން ބަޔަކަސް، އަދި އަހަރުމެންނާ ގާތް ބަޔަކު ނަމަވެސް އަޅުން ގެންގުޅުމަކީ ރަނގަޅުކަމެއް ނޫން ކަމަށް ބުނާ މީހެއްގެ ވާހަކަ މީގައި ކިޔައިދޭނީ.” ސަންޖޭ ބުނެލައެވެ.

“މިއީ ބަފައެއްގެ ވާރިސުންގެ ކިބައިން ސަލާމާތްވުމަށް މީހަކު ދުށް ހުވަފެނެއްގެ ވާހަކަ ކިޔަދޭ ފިލްމެއް.” އެވާހަކަ އިތުރަށް ކުރިއަށް ގެންދަނީ ވާނީ ކަޕޫރެވެ.

“ނަމަވެސް އެހެން އެއްވެސް މީހެއް ތިބާއަށް މިނިވަންކަމެއް ނުދޭނެ. ތިބާ ޖެހޭނީ އެ ހާޞިލްކުރަން. ކަރަމް ސޭ ޑަކައިތު، ދަރަމް ދޭ އާޒާދް ޝަމްޝޭރާ.” ވާނީގެ ވާހަކައަށް ރަންބީރު އިތުރުކޮށްލައެވެ.

މި ފިލްމަކީ 2018 ގައި ރިލީޒްކުރި ފިލްމު “ސަންޖޫ” އަށް ފަހު ރަންބީރް ފެނިގެންދާނެ ބޮޑު އިސްކިރީނު ފިލްމެވެ. ރަންބީރްގެ އިތުރުން، ވާނީ ކަޕޫރް އަދި ސަންޖޭ ދަތު މި ފިލްމުގެ ލީޑުން ފެނިގެންދާނެއެވެ. ކަރަން މަލްހޯތުރާ ޑައިރެކްޓްކޮށްފައިވާ މި ފިލްމު، ހިންދީ، ތަމަޅަ އަދި ތެލުގޫ ބަހުން ސިނަމާތަކުގައި އަޅުވާނެއެވެ.

މި ފިލްމުގެ ފަސްޓުލުކް އާއްމުކުރީ މިދިޔަ އަހަރު ސެޕްޓެމްބަރުގައެވެ. މި ފިލްމުގައި ރަންބީރް ފެނިގެންދާނެ ގޮތް އެ ޕޯސްޓަރުގައި ދައްކާލާފައިވެއެވެ. އޭރު މި ފިލްމު ނެރޭނެ ކަމަށް އިޢުލާނުކުރީ މި އަހަރު މާރިޗް މަހުގައެވެ.

ޤަބޫލުކުރެވޭ ގޮތުން މި ފިލްމަކީ ހޯވާރޑް ޕައިލްސް މެރީގެ އެޑްވެންޗަރޒް އޮފް ރޮބިންހުޑްގެ ހިންދީ ރީމޭކެކެވެ. ނަމަވެސް، 2018 ވަނަ އަހަރު ޕީޓީއައި އަށް މަލްހޯތުރާ ދިން ބަސްދީގަތުމެއްގައި ބުނެފައިވަނީ ޝަމްޝޭރާ އަކީ ފޭރޭމީހުންގެ ވާހަކަ ކިޔައިދޭ ފިލްމެއް ނޫން ކަމަށާ ނަމަވެސް މީގައި ދައްކައިދޭނީ 1800ގެ އަހަރުތަކުގައި އުޅުނު ފޭރޭ މީހުންގެ ޤަބީލާއެއް އިނގިރޭސީންގެ އަތްދަށުން މިނިވަންކަން ހޯދުމަށް ކުރި މަސައްކަތް ކަމަށެވެ. “މި ވާހަކައިގަ އޭރު އިންޑިއާގަ ހިނގިކަމެއް ދައްކައިދޭނެ. ޤައުމީ ޖިހާދެއް ދައްކައިދޭނެ.” މަލްހޯތުރާ ބުނެފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.