‘ދިލް މޭރާ، ހަރް ބާރް ޔެ، ސުންނޭ ކޯ ބޭޤަރާރް ހޭ- ކަހޯނާ ޕިޔާރް ހޭ- ކަހޯނާ ޕިޔާރް ހޭ’ މިއީ 2000 ވަނަ އަހަރު ރިލީޒްކުރި ހިޓް ފިލްމު، “ކަހޯނާ ޕިޔާރް ހޭ”ގެ ޓައިޓްލް ލަވައެވެ. އެއްމެންގެ ސިކުނޑީގައި ހަރުލާފައިވާ ހިތްގައިމު ލަވައެކެވެ. ފިލްމަކީ ވެސް އެހާމެ ސަޅި، މޮޅު ފިލްމެކެވެ. މިއީ ބޮލީވުޑަށް ނުކުތުމަށް މަޝްހޫރް އެކްޓަރު ރިތިކް ރޯޝަން އެޅި ފުރަތަމަ ފިޔަވަޅުވެސް މެއެވެ. މި ފިލްމުގައި ރިތިކް ދައްކައިދިން މޮޅު އެކްޓިންއާއި ނެށުމުގެ ޖާދުވީ ހުނަރުތަކުގެ ސަބަބުން އެތަކެއް މިލިޔަން މީހުންގެ ހިތްތަކުން ޖާގަ ހޯދިއެވެ.

މި ފިލްމަކީ ރިތިކްގެ ކެރިއަރު، ދެގިޔަރަށް ލައިދިން ފިލްމެވެ. ނަމަވެސް މި ފިލްމަކީ ދުނިޔޭގެ ރެކޯޑް ފޮތް ނުވަތަ ‘ގިނިސް ވޯރލޑް ރެކޯޑްސް’ގައި ރަޖިސްޓަރީ ވެފައިވާ ފިލްމެއްކަން އެނގޭނީ މަދު ބަޔަކަށެވެ.

ރިތިކް ރޯޝަން އަކީ ފިލްމުފެއަރ އެވޯޑުން އެއްމެ މޮޅު އެކްޓަރު އަދި އަލަށް ތަޢާރަފުވި އެއްމެ މޮޅު އެކްޓަރުގެ މަޤާމު، ފުރަތަމަ ފިލްމުން ހޯދި ފުރަތަމަ އެކްޓަރެވެ. ރިތިކަށް މި އެވޯޑް ލިބުނީ ފިލްމު “ކަހޯނާ ޕިޔާރް ހޭ” އިންނެވެ. މިއީ ރާކޭޝް ރޯޝަން އަށް ފިލްމުފެއަރ އެވޯޑެއްގައި ފުރަތަމަ ފަހަރަށް އެއްމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ލިބުނު ފިލްމުވެސް މެއެވެ.

ކޮންމެއަކަސް، މި ފިލްމު ދުނިޔޭގެ ރެކޯޑް ފޮތަށް އެރީ ކީއްވެގެންކަން ފިލްމުގެ އަންހެން ލީޑް އަމީޝާ ޕަޓޭލް މިވަނީ އޭނާގެ އިންސްޓަގްރާމު މެދުވެރިކޮށް ހާމަކޮށްފައެވެ.

 

View this post on Instagram

 

A post shared by Ameesha Patel (@ameeshapatel9)

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، 2002 ވަނަ އަހަރު ދުނިޔޭގެ ރެކޯޑް ފޮތަށް މި ފިލްމުގެ ނަން އެރީ މިއީ އެއްމެ ގިނަ ބައެއްގެ ތަޢުރީފް އެ ފިލްމަކަށް ރައްދުވި ފިލްމަށް ވާތީ އެވެ. ފިލްމު “ކަހޯނާ ޕިޔާރް ހޭ” އަށް ޖުމްލަ 92 އެވޯޑް ލިބިފައި ވެއެވެ. މި ފިލްމުގެ ނަން، 2003 ވަނަ އަހަރު ‘ލިމްކާ ބުކް އޮފް ރެކޯޑްސް’ އަށް ވެސް އަރާފައިވެ އެވެ.

މިވަގުތު ފިލްމު “ޤަދަރް 2″ގެ ޝޫޓިންގައި ހުރި އަމީޝާ ޕަޓޭލް ވަނީ ފިލްމު “ކަހޯނާ ޕިޔާރް ހޭ”ގެ ޝޫޓިން ތެރެއިން ނަގާފައިވާ ފޮޓޯއެއްވެސް ހިއްސާކޮށްފައެވެ.

“ވަގުތު ދާގޮތެއްވެސް ނޭނގޭ… މިވަގުތު މި އުޅެނީ “ޤަދަރް 2″ގެ ޝޫޓިންގަ. މިހެން އުޅެނިކޮށް މިއަދު، “ކަހޯނާ ޕިޔާރް ހޭ” ފިލްމު އުފެއްދިތާ 22 އަހަރު ފަހުން މި ފެނުނީ ފިލްމުގެ ޝޫޓިންގަ ނިއު ޒީލޭންޑްގައި އުޅެމުން މަށާ ރިތިކް އާއެކު ނަގާފައިވާ ފޮޓޯއެއް.” އެ ފޮޓޯ ހިއްސާކުރަމުން އަމީޝާ ބުނެފައިވެއެވެ.

 

View this post on Instagram

 

A post shared by Ameesha Patel (@ameeshapatel9)

ފިލްމު “ކަހޯނާ ޕިޔާރް ހޭ” އަކީ އަމީޝާ ޕަޓޭލްގެ ވެސް އަލަތު ފިލްމެވެ.

“ޤަދަރް 2” މިއީ ޒީ ސްޓޫޑިއޯސް އަދި އަނިލް ޝަރްމާ ޕްރޮޑަކްޝަންސް އިން ގެނެސްދޭ ފިލްމެކެވެ. ފިލްމު ޑައިރެކްޓްކުރަނީ އަނިލް ޝަރްމާ އެވެ. ލީޑް ތަރިންނަކީ ސަނީ ޑެއޯލް، އަމީޝާ ޕަޓޭލް އަދި އުތުކަރްޝް ޝަރްމާ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.