މި ވަގުތު ބޮލީވުޑްގެ އެއްމެ މަޤްބޫލު ތަރިންގެ ތެރޭގައި، “ދަޅަކް” (2018) އިން ފިލްމީ ދާއިރާއަށް ނުކުތް ޖާންވީ ކަޕޫރް ވަނީ އޭނާގެ ހުނަރުވެރި އެކްޓިންގެ ސަބަބުން ސަޕޯޓަރުންގެ ހިތްތައް އަތުލާފައެވެ. ފިލްމު “ދަޅަކް” ވެގެން ދިޔައީ ބޮކްސް އޮފީހުގެ ވަރުގަދަ ހިޓަކަށެވެ. ފިލްމު “ގޯސްޓް ސްޓޯރީޒް” (2020) އަދި”ގުންޖަން ސަކްސޭނާ: ދަ ކާރްގިލް ގާރލް” (2020)ގެ ސަބަބުން ޖާންވީގެ ފައިތިލަ ފިލްމީ ދާއިރާގައި ވަރުގަދައަށް ހަރުކޮށްލެވުނެވެ.
އަލަށް ފިލްމީ ދާއިރާއަށް ތަޢާރަފުވި ޖާންވީ އަކީ މިއަދު ހަމައެކަނި، މަޝްހޫރު ތަރިއެއްގެ ދަރިއެއް ނޫނެވެ. ހަމައެކަނި ހިތްގައިމު މޫނަކީއެއް ނޫނެވެ. އޭނާގެ އަތުގައި މިވަގުތުވެސް ވަރުގަދަ ޕްރޮޖެކްޓްތަކެއް އެބަހުއްޓެވެ. ޝަޢުޤުވެރި ފިލްމުތަކެއް އެބަހުއްޓެވެ. އެގޮތުން، ޖާންވީ ކަޕޫރްގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރެއިން ޝައުޤުވެރި ފަސް ޕްރޮޖެެކްޓަކަށް ބަލައިލަމާ ހިނގާށެވެ.
1- މިސްޓަރ އެންޑް މިސިޒް މާހީ
ފޮޓޯ: ޖާންވީ ކަޕޫރްގެ އިންސްޓަގްރާމުން
ދަރްމާ ޕްރޮޑަކްޝަންސްގެ ދަށުން ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް ގެނެސްދޭ ފިލްމު “މިސްޓަރ އެންޑް މިސިޒް މާހީ“ގެ ލީޑްގައި ހަރަކާތްތެރިވަނީ ރާޖްކުމާރް ރާއޯ އަދި ޖާންވީ ކަޕޫރެވެ. މި ދެތަރިން މީގެ ކުރިން ވަނީ ބިރުވެރި ކޮމެޑީ ފިލްމު “ރޫހީ”ގައި މަސައްކަތްކޮށްފައެވެ. “މިސްޓަރ އެންޑް މިސިޒް މާހީ” އަކީ އިންޑިއާ ކްރިކެޓް ޓީމުގެ ކުރީގެ ކެޕްޓަން މަހެންދްރަ ސިންހް ދޯނީގެ ހަޔާތަށް އިންސްޕަޔާ ވެގެން ހަދާ ދެވަނަ ފިލްމެވެ. އެގޮތުން ނީރަޖް ޕާންޑޭގެ “ދޯނީ” (2016) މިއީ އޭގެ ފުރަތަމަ ފިލްމުކަން ފާހަގަކޮށްލެވެއެވެ.
2- ދޯސްތާނާ 2
“ދޯސްތާނާ 2” ވެގެން ދާނީ އެއްމެ ގިނަ ބަޔަކު މިހާރު އިންތިޒާރުކުރަމުން އަންނަ އެއް ފިލްމަށެވެ. މި ފިލްމުގެ ލީޑްގައި ޖާންވީ ކަޕޫރް އަދި ލަކްޝްޔާ ހަރަކާތްތެރިވެއެވެ. މި ފިލްމުގެ ކާސްޓުގައި މީގެ ކުރިން ކާރްތިކް އާރްޔަން ވެސް ހިމެނުނެވެ. ނަމަވެސް ކާރްތިކް އެ ރޯލު ދޫކޮށްލާފައި ވެއެވެ. އެގޮތުން އޭނާގެ ބަދަލުގައި އެހެން ތަރިއެއް ލުމަށް މި ފިލްމު އުފައްދާ ފަރާތުން މަސައްކަތް ކުރަމުން އަންނަކަމަށް މަޢުލޫމާތު ލިބެއެވެ. މަސްދަރުތައް ބުނާގޮތުން ފިލްމުގެ 50 އިންސައްތަ ޝޫޓްކުރުމަށްފަހު، ފުރަބަންދުގެ ސަބަބުން މިވަގުތު ވަނީ ޝޫޓިން މަޑުޖައްސާލާފައެވެ.
3- ގުޑް ލަކް ޖެރީ
ފޮޓޯ: ޖާންވީ ކަޕޫރްގެ އިންސްޓަގްރާމުން
ސިދާއްތު ސެންގުޕްތާ ޑައިރެކްޓްކޮށް ސުބާސްކަރަން އައްލިރާޖާ އަދި އާނަންދު އެލް ރާއީ ގެނެސްދޭ ފިލްމު “ގުޑް ލަކް ޖެރީ” އަކީ ބްލެކް ކޮމެޑީ ކްރައިމް ފިލްމެކެވެ. ފިލްމުގައި ރަނގަޅު ރޯލަކުން ޖާންވީ ފެނިގެންދާނެއެވެ. މި ފިލްމަކީ ތަމަޅަ ފިލްމު “ކޮލަމަވޫ ކޮކިލާ” (2018)ގެ ރަސްމީ ރީ-މޭކެކެވެ. ފިލްމުގެ ޝޫޓިންގެ މަސައްކަތް މީގެ ދެތިން މަހެއް ކުރިން ވަނީ ނިންމާލާފައެވެ.
4- ތަޚްތު
ފިލްމު “ތަޚްތު“ގެ މަސައްކަތް އެއްކޮށް ހުއްޓާލާފައިވާ ކަމުގެ އަޑުތައް ފެތުރުނަސް، މި ފިލްމުގެ މަސައްކަތްތައް އޮތީ ފަސްކޮށްލާފައި ކަމުގެ ޔަޤީންކަން ކަރަން ޖޯހަރް ދީފައިވެއެވެ. މި ފިލްމަކީ ތާރީޚީ ޑްރާމާ ފިލްމެކެވެ. މި ފިލްމުގެ އަންހެން ލީޑުންގެ ތެރޭގައި ޖާންވީ ކަޕޫރް ހިމެނެއެވެ. މީގެ އިތުރުން މި ފިލްމުގައި އަނިލް ކަޕޫރް، ރަންވީރް ސިންހ، އާލިއާ ބަޓް، ވިކީ ކޯޝަލް، ބޫމީ ޕެޑްނޭކަރް އަދި ކަރީނާ ކަޕޫރް ޚާން ހިމެނެއެވެ.
5- މިލީ
ފޮޓޯ: ޖާންވީ ކަޕޫރްގެ އިންސްޓަގްރާމުން
“މިލީ” މިއީ ޖާންވީ ކަޕޫރް އަދި އޭނާގެ ބައްޕަ އެކުގައި އެއް ފިލްމަކުން ފެނިގެންދާނެ ފުރަތަމަ ފިލްމެވެ. އެގޮތުން ޖާންވީގެ ބައްޕަ، އަދި ބޮލީވުޑްގެ ކުރީގެ ލިޖެންޑަރީ އެކްޓްސް ސްރީ ދޭވީގެ ފިރިމީހާ ބޯނީ ކަޕޫރް ހަރަކާތްތެރިވާނެ އެވެ. މިއީ މަލަޔާޅަމް ހިޓް ފިލްމު “ހެލެން”ގެ ރަސްމީ ރީމޭކެކެވެ. ފިލްމުގެ ޝޫޓިން މިހާރު ނިމިފައިވާކަން ފާހަގަކޮށްލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!