ޝަކުން ބަޓްރާ ޑައިރެކްޓްކޮށްފައިވާ ފިލްމު “ގެހެރާއިޔާން” މިމަހު 11 ވަނަ ދުވަހު އެމެޒޯންގައި ރިލީޒްކޮށްފައިވާ އިރު، އެ ފިލްމަށް މަސްހުނި ފާޑުކިޔުންތަކެއް އަމާޒުވެފައި ވިޔަސް، ދީޕިކާ ޕަދުކޯން ކުޅެފައިވާ އަލީޝާގެ ކެރެކްޓަރ އަށް ތަޢުރީފު ލިބެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ރޮމޭންޓިކް ޑްރާމާ “ގެހެރާއިޔާން”ގައި ދީޕިކާގެ އިތުރުން ލީޑުގައި ސިދާންތު ޗަތުރަވެދީ އާއި އަނަނިޔާ ޕާންޑޭގެ އިތުރުން ދައިރްޔާ ކަރްވާ ހަރަކާތްތެރިވެފައި ވެއެވެ. މި ފިލްމުގައި ދީޕިކާ ކުޅެފައިވާ އަލީޝާގެ ރޯލަކީ ކާމިޔާބާއި ހަމައަށް ވާޞިލުވުމަށް ގަދައަޅައި މަސައްކަތްކުރާ، ނަމަވެސް ގަޑުބަޑުވެފައިވާ ނާޒުކު ޅަފުރާއެއް ތަހައްމަލުކުރި މީހެއްގެ ރޯލެކެވެ. ދީޕިކާ ކުޅެފައިވާ މި ރޯލަށް މީސްމީޑިއާގައި ސަޕޯޓަރުންގެ ތަޢުރީފުތައް ފުނިޖެހެމުން އަންނައިރު، މިއީ މިހައިތަނަށް ދީޕިކާގެ ފިލްމީ ހަޔާތުގައި އޭނާގެ ހުނަރު އެއްމެ ރަނގަޅަށް ދައްކާފައިވާ ކެރެކްޓަރކަން ވެސް ފާހަގަކޮށްފައި ވެއެވެ.

“ގެހެރާއިޔާން”ގައި ދީޕިކާ ކުޅެފައިވާ ރޯލާމެދު އޭނާ ބުނެފައިވަނީ މިއީ އެ ކެރެކްޓަރ އަކަށް އޭނާއާށް އެއްމެ ބޮޑަށް ވަދެވުނު ކެރެކްޓަރ ކަމަށާ އެއްމެ ހިތުން ނުފިލާނޭ ކެރެކްޓަރ ކަމަށެވެ. އަދި މިއީ އޭނާއަށް ކުރެވުނު އެއްމެ ފޮނި ތަޖުރިބާ ކަމަށްވެސް ހާމަކޮށްފައި ވެއެވެ.

މި ފިލްމުގައި ދީޕިކާ ކުޅެފައިވާ ރޯލަށް، އޭނާގެ ފިރިމީހާ، އެކްޓަރ ރަންވީރް ސިންހ ވެސް ތަޢުރީފުކޮށްފައި ވެއެވެ.

ދީޕިކާގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކަށް ބަލައިލާއިރު، “ދަ އިންޓަރން”ގެ ހިންދީ ރީމޭކްގެ އިތުރުން ރިތިކް ރޯޝަން އާއެކު އޭނާ ފެނިގެންދާނެ ފިލްމު “ފައިޓަރ” ހިމެނެއެވެ. މީގެ އިތުރުން އަދި ނަމެއް ދީފައިނުވާ، ނާގް އަޝްވިން ޑައިރެކްޓްކުރާ ފިލްމެއްވެސް ހިމެނެއެވެ.

ވަރަށް ޒަމާނީ ލޯބީގެ ގުޅުންތަކެއްގެ ވާހަކަ ކިޔައިދޭ ”ގެހެރާއިޔާން“ އަކީ ދަރްމާ ޕްރޮޑަކްޝަންސް އާއި ވަޔަކޮމް18 ސްޓޫޑިއޯސް އަދި ޖޫސްކާ ފިލްމްސް ގުޅިގެން ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.