“ބާހޫބަލީ: ދަ ބިގިނިންގ” (2015) އަދި “ބާހޫބަލީ: ދަ ކޮންކްލޫޝަން” (2017)ގައި ފެނިގެންދިޔަ ތަރި ޕްރަބާސް އަށް ބޮލީވުޑްގެ ސްޕަރސްޓަރ އަމީތާބް ބައްޗަންއާ އެކު ފިލްމެއްގައި އެކްޓްކޮށްލަން ލިބުމުން އޭނާގެ ހުވަފެންތައް ޙަޤީޤަތަކަށް ވެއްޖެކަމަށް ބުނެފިއެވެ.

އަމީތާބާ އެކު ޕްރަބާސް ޝޫޓްކުރަމުން ގެންދަނީ ޑައިރެކްޓަރ ނާގް އަޝްވިންގެ އެއްމެ އުއްމީދީ ފިލްމު “ޕްރޮޖެކްޓް ކޭ” އެވެ. މި ފިލްމުގައި އަމީތާބާ އެކުގައި މަސައްކަތްކޮށްލަން ލިބުން އެއީ ދެކެމުން އައި ހުވަފެނެއް ކާމިޔާބުވީ ކަމަށް ދެކޭކަމަށް ޕްރަބާސް ބުނެއެވެ.

ފިލްމު “ޕްރޮޖެކްޓް ކޭ”ގައި ވަރުގަދަ ދިގު ރޯލެއް އަމީތާބް ކުޅޭނެއެވެ، ފިލްމުގެ އަންހެން ލީޑްގައި ހަރަކާތްތެރިވަނީ ބޮލީވުޑްގެ ހުނަރުވެރި އެކްޓްރެސް ދީޕިކާ ޕަދްކޯން އެވެ.

ފިލްމުގެ ފުރަތަމަ މަންޒަރުތައް ޝޫޓްކޮށް ނިންމުމަށްފަހު ޕްރަބާސްގެ އިންސްޓަގްރާމުގައި އޭނާގެ ޝުއޫރުތައް ބަންޑުންކޮށްލިއެވެ. “މިއީ އަހަރެންގެ ހުވަފެނެއް ހަޤީޤަތަކަށްވުން. “ޕްރޮޖެކް ކޭ”ގެ ފުރަތަމަ މަންޒަރު މިއަދު ނެގިއްޖެ ލިޖެންޑަރީ އެކްޓަރު އަމީތާބް ބައްޗަން ސަރ އާއެކު.”

ޕްރަބާސް އެކު ފިލްމެއްގައި އެކްޓްކޮށްލަން ފުރުޞަތު ލިބުމުން އުފަލުން ހުރިކަން އަމީތާބް ވެސް އޭނާގެ އިންސްޓަގްރާމުގައި ހާމަކޮށްފައިވެއެވެ.

މިވަގުތު ހައިދަރްއާބާދުގެ އާރްއެފްސީ ސްޓޫޑިއޯގައި ޝޫޓިން ކުރިއަށްދާ މި ފިލްމަށް އެހެން ދުނިޔެއެއް ދައްކައިދޭ ވަރުގަދަ ސެޓެއް ހަދާފައި ވެއެވެ. މިއީ ބޮލީވުޑްގައި މިހައިތަނަށް ހަދާ އެއްމެ އަގުބޮޑު ފިލްމުކަމަށް ރިޕޯޓްތައް ބުނެއެވެ.

ވީޖަޔަންތީ މޫވީޒް ޕްރޮޑަކްޝަންގެ ދަށުން ހަދާ ސައިންސް ފިކްޝަން ތުރިލާ ފިލްމު “ޕްރޮޖެކް ކޭ” ޕްރޮޑިއުސްކުރަނީ އަޝްވިނީ ދަތު އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.