މީގެ ދެ ދަހަރެއް ވަރު ކުރިން، އަހަރުމެންގެ އަތުގައި އޮންނަ މޯބައިލް ފޯނަކީ މީހުންނާ ވާހަކަދައްކައިލާ މުއާމަލާތުކުރުމަށް މުހިންމު ރޯލެއް އަދާކުރި އާލާތެކެވެ. މިއަދުވެސް މިކަން އޮތީ މިހެން ކަމަށް ވިޔަސް، ތަފާތަކީ މިއަދުގެ ސްމާޓް ފޯނުތަކަކީ ކޮންމެ ކަމެއް އެއިން ކޮށްލެވިދާނެއޭ ބުނެވޭ ފަދަ މޮޅު އެއްޗެކެވެ. ފިލްމު ބަލައިލާ، ވިޔަފާރިކޮށްލައި، ފްލައިޓް ޓިކެޓް ނަގާލައި، ބިލްތައް ދައްކާލައި ނުވިތާކަށް ގޭގެ ދޮރާށީގައި ހަރުކޮށްފައި ހުންނަ ސްމާޓް ތަޅު ހުޅުވުން ފަދަ އެތަކެއް ކަމެއް މި ލިސްޓްގައި ހިމެނިދާނެއެވެ.

ނަމަވެސް ފަންނިއްޔާތު ނުވަތަ ޓެކްނޮލޮޖީގެ ސަބަބުން އަހަރުމެންގެ ދިރިއުޅުމަށް ފަސޭހަތަކެއް ވީ ފަދައިން ނުރައްކާތަކަކާއި ހިރާސްތަކެއް (ރިސްކް ތަކެއް) ހުރިކަން މިއީވެސް ޤަބޫލުކުރަން ޖެހޭ ޙަޤީޤަތެކެވެ. އެގޮތުން މިހާރު މިވަނީ ސައިބަރ ކްރައިމް ނުވަތަ އިންޓަނެޓުން ކުރާ ޖިނާއީ ކުށުގެ ވައްތަރުތައް ތަރަޤީވަމުން ގޮސް ހީވެސްނުކުރާހާ މިންވަރަށް ކުރިއަރާފައެވެ. މިކަމަށް މިވަނީ އެމެރިކާގެ ފެޑަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަނުން (އެފްބީއައި އިން) އާއްމުންގެ ސަމާލުކަމަށް ގެނައުމަށް ވަރަށް ފަހުން އިންޒާރެއްވެސް ދީފައެވެ.

ސުވާލެއް ކޮށްލާނަމެވެ. ކިޔުއާރް ކޯޑް (ކްއިކް ރެސްޕޮންސް ކޯޑް) ދަންނަމު ހެއްޔެވެ؟ އަތުގައި އޮންނަ ސްމާޓް ފޯނު ބޭނުންކޮށްގެން ކިޔުއާރް ކޯޑް ސްކޭންކުރަން ހެއްޔެވެ؟ އެހެންކަމަށް ވާނަމަ ބުނެލަން ބޭނުންވަނީ ސަމާލުވުމަށެވެ.

ކިޔުއާރް ކޯޑަކީ މި ޒަނާމުގައި ވަރަށް އާއްމު އެއްޗެކެވެ. ވަކީން ޚާއްޞަކޮށް ކޮވިޑް-19ގެ ޢަލަމީ ވަބާ އާއި ކުރިމަތިވި ފަހުން، އެކިއެކި ކަންކަމުގައި ކިޔުއާރް ކޯޑް ބޭނުންކުރާ ނިސްބަތް މިވަނީ އިންތިހާއަށް އިތުރުވެފައެވެ. ފިހާރަތަކާއި ސައިހޮޓާތަކާއި ރެސްޓޯރަންޓް ތަކުގައިވެސް މިއަދު މިއީ އާއްމު އެއްޗެކެވެ. ނަމަވެސް މިފަދަ ޞައްޙަ ކިޔުއާރް ކޯޑުތައް ބޭނުންކޮށްގެން އިންޓަނެޓުން ކުރާ ޖިނާއީ ކުށުގެ އެދުރުން މިއަދު މިވަނީ ބޮޑެތި ޖަރީމާތައް ހިންގަން ފަށާފައެވެ. އެފްބީއައި އިން ބުނަނީ، ތަންތަނުގައި ހުންނަ ޞައްޙަ ކިއުއާރް ކޯޑްތަކާއި އަމިއްލައަށް އިންޓަނެޓް މެދުވެރިކޮށް ތައްޔާރުކޮށްލާ ކިޔުއާރް ކޯޑްތައް ބޭނުންކޮށްގެން މީހަކަށް ރޭކައިވެސް ނުލާހައި މޮޅަށް ކިޔުއާރް ކޯޑުގެ ނާޖާއިޒު ފައިދާ ނަގައި ބޮޑެތި ސްކޭމްތައް ހިންގަން ފަށާފައިވާކަމަށެވެ.

މި އަހަރު ޖެނުއަރީ 18ގައި އެފްބީއައި އިން ނެރުނު އާއްމުން ހޭލުންތެރިކުރުމުގެ އިޢުލާނެއްގައި ބުނެފައިވަނީ “ކިޔުއާރް ކޯޑް ބޭނުންކޮށްގެން ކިތައްމެ ބައިވަރު ޞައްޙަ ބޭނުންތަކެއް ކުރަމުން އައި ނަމަވެސް، އިންޓަނެޓްގެ ޖިނާއީ ކުށުގެ އެދުރުން މި ފަންނިއްޔާތުގެ ނާޖާއިރު ފައިދާ ނަގަމުން އެބަ ގެންދޭ. އެމީހުން ކިޔުއާރް ކޯޑް ބޭނުންކުރަނީ ނުރައްކާތެރި ވެބްސައިޓަށް ވައްދުވައިގެން މަޒްލޫމުން (ވިކްޓިމް)ގެ ފޯނުގައި ހުންނަ މުހިންމު މަޢުލޫމާތުތައް ފޭރެން. އެގޮތުން ފޯނަށް މަލްވެއަރ (ކޮމްޕިއުޓަރާއި ފޯނުފަދަ ތަކެތިން މަޢުލޫމާތު ފޭރުމަށް ހަދާފައިވާ ނުރައްކާތެރި ސޮފްޓްވެއަރ) ފޮނުވާލައި މަޒްލޫމުންގެ ފޯނަށް ވަގު ދޮރަކުން ވަދެ، ފޯނުގައި ހުންނަ ބޭންކް އެޕްލިކޭޝަން ފަދަ ތަކެތި ބޭނުންކޮށްގެން ފައިސާ ފޭރޭ.

ކަމާބެހޭ ފަރާތްތަކުން ބުނާގޮތުން، ކިޔުއާރް ކޯޑް ބޭނުންކޮށްގެން ކުރާ ކުށްތައް މި ފަހުން ވަނީ އިންތިހާއަށް އިތުރުވެފައެވެ. މިގޮތުން އާއްމު ރައްޔިތު މީހާ ހީވެސް ނުކުރާފަދަ ބޮޑެތި ޖަރީމާތައް އިންޓަނެޓުން ޖިނާއީ ކުށްތައް ހިންގާ މީހުން ކުރެއެވެ. އެހެންކަމުން އެފްބީއައި އިން ބުނަނީ ކިޔުއާރް ކޯޑް ސްކޭންކުރުމުގައި އިތުރަށް ސަމާލުވުމަށެވެ. އިތުބާރުކުރެވޭ ތަންތަނުގެ ކިޔުއާރް ކޯޑް ސްކޭންކުރުމަށެވެ. ވެބްސައިޓެއް ނަމަ އެއީ ޞައްޙަ ތަނެއްތޯ ވެސް ރަނގަޅަށް ޗެކްކުރުމަށެވެ. ކިޔުއާރް ކޯޑް ބޭނުންކޮށްގެން ކޮންމެކޮންމެ އެޕްލިކޭޝަނެއް ޑައުންލޯޑް ނުކުރުމަށެވެ. ކުންފުންޏެއް ނުވަތަ މުއައްސަސާއެއްގެ ކިޔުއާރް ކޯޑެއް ސްކޭންކުރުމުގެ ކުރިން އެތަނުގެ ޞައްޙަކަން ބެލުމަށެވެ. ކުރުކޮށް ބުނާ ނަމަ، ކިޔުއާރް ކޯޑެއް ސްކޭންކުރުމުގެ ކުރިން މިއަދު އަހަރުމެން މިވަނީ އިތުރު ސަމާލުކަމެއް ދޭން ޖެހިފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.