މުޅި ލަންކާ އަށް ހުޅުވާލައިގެން، ލަންކާގައި މިދިޔަ ހޮނިހިރު، އާދިއްތަ ދެ ދުވަހަށް ބޭއްވި “ނިޑަހާސް ޓްރޮފީ ބީޗް ހޭންޑްބޯލް” ގައި ލަންކާގައި ދިރިއުޅޭ، ދިވެހިންގެ އަންހެން ދެ ޓީމު ބައިވެރިވެ ވަރަށް ފުރިހަމަ އެއްވަނައެއް ހޯދައިފިއެވެ.

ރިޝްމާ ފާރޫގް އިސްކޮށް ހުރެ މި މުބާރާތުގައި ދިވެހިން ނިސްބަތްވާ ގޮތަށް ބައިވެރިވި ދެ ޓީމަކީ، “ހަސްކީސް” ނަމަކަށް ކިޔާ ޓީމަކާއި “މެވްރިކްސް” ނަމަކަށް ކިޔާ ޓީމެކެވެ. ލަންކާގެ ފަސްގަނޑުގައި ލަންކާގެ އިތުރު ފަސްޓީމަކާ ވާދަކޮށް ގްރޫޕް “އޭ” ގެ އެއްވަނަ އެއްވެސް މެޗަކުން ބަލި ނުވެ “މެވްރިކްސް” ހޯދާފައިވާއިރު ގްރޫޕް “ބީ”ގެ އެއްވަނަ ކަށަވަރު ކުރީވެސް ދިވެހި ޓީމު “ހަސްކީސް” އެވެ. އެއާ އެކު މުބާރާތުގެ ފައިނަލް ގައި ބައްދަލު ކުރީ މި މުބާރާތުގައި ބައިވެރިވި ދިވެހި ދެ ޓީމެވެ.

މުޅި މުބާރާތުގެ އެއްވަނަ “ހަސްކީސް” ހޯދާފައިވާއިރު ރަނަރަޕްކަން ލިބިފައިވަނީ ޓީމު “މެވްރިކްސް” އަށެވެ. މުޅިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ހޮވިފައިވަނީ ޓީމު “ހަސްކީސް”ގެ ހައްވާ ހައުރާއެވެ. އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވުނީ ޓީމު “ހަސްކީސް”ގެ ކީޕަރު ޚަދީޖާ ޖަނާއެވެ.

މި މުބާރާތާ މެދު ވަކިވަކިން ކުޅުންތެރިންނާ ސުވާލު ކޮށްލުމުން، މީ ވަރަށް ސަޅި ތަޖުރިބާއެއް ކަމަށް ހުރިހައި ބައިވެރިންވެސް ބުނެފައިވެއެވެ. އަދި ކުރިޔަށް އޮތް ތަނުގައި މިގޮތަށް ލިބޭ ފުރުސަތުތަކުގައި ގިނަ ޓީމު ބައިވެރިކޮށް މިހާރަށްވުރެ ގަދަކޮށް ވާދަކުރުމުގެ ރޫހު އާލާވިކަަމަށް ވެސް ބުނެފައިވެއެވެ.

ބީޗް ހޭންޑް ބޯލް މި މުބާރާތަކީ ދިވެހި ދެޓީމުން ވެސް މުޅިން އަލަށް ކުޅުނު މެޗްތަކެއް ކަން ފާހަގަކުރެވެއެވެ. މި މުބާރާތް ކުރިޔަށް ގެންގޮސް ފައިވަނީ ގިނަ ދިވެހިން ދިރިއުޅޭ ސަރަހަށްދެއް ކަމަށްވާ ދެހިވަލައިގެ ފަންނުގަ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢާއިޝަތު ރިފުޒާ
ޢާއިޝަތު ރިފުޒާ
މުނިއަވަސް ކްލަބްހައުސް ޕްރޮގްރާމް މެނޭޖަރ ޢާއިޝަތު ރިފުޒާ (ރިފޫ) އަކީ ދިވެހި ގައުމީ ޓީވީ ސްޓޭޝަނާއި އެހެނިހެން ދިވެހި ޗެނަލްތަކުގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ހުނަރުވެރި ޕްޒެންޓަރެކެވެ.