އެއްވެސް ކަމެއްނުވެ ރާއިދު އެވަރުގެ އެއްޗެއް ނުބުނާނެކަން ޒާޔާ ދެނެ ހުއްޓެވެ. ރާއިދު ނުބުންޏަސް ރާއިދު އެހެން ބުނަން ޖެހުނު ސަބަބު ޒާޔާ އަށް އެނގެއެވެ. ރާއިދު ކޯލް ކަނޑާލިއިރުވެސް ޒާޔާ އިނީއެވެ. އިތުރަށް ޒާޔާ ބުނާނެ އެއްޗެއް ޚުދު ޒާޔާ އަކަށްވެސް ނޭނގުނެވެ. ރާއިދު ކައިރީގައި ސަބަބު އަހާނެ ހިތްވަރު ޒާޔާގެ ނެތީވެސް އެވަރުގެ ކަމެއް ޒާޔާއަށް ކުރެވިފައި އޮތީމައެވެ.
ނިދިފައި އޮތް ޒިޔަލް ތަންމަތީގައި ބޭއްވުމަށްފަހު ޒާޔާ ބެލްކަންޏަށް ނިކުތެވެ. މިދުވަސް އަންނާނެކަން މާކުރިންވެސް ޒާޔާއަށް އިނގެއެވެ.
ފިކުރުތަކުން ބޯހާސްވެފައި އިން ޒާޔާ ސިހުނީ އަނެއްކާވެސް ފޯނުގެ ރިންގް ގެ އަޑަށެވެ.
“ރާއިދު ކިހިނެއްވެގެންތަ ތި އުޅެނީ؟” ފޯނު ނެގި ގޮތަށް ޒާޔާ ވާހަކަ ދައްކަން ފެށީ ރުޅިއައިސްފައެވެ.
“ވެގެން އުޅޭ ގޮތެއް އިނގޭނެ ޒާޔާއަށް.” ރާއިދުގެ ރާގުގައިވަނީ ހަރުކަށިކަމެވެ.
“ވެގެން އުޅޭގޮތް ރާއިދުއަށް ބުނެވެން ޖެހޭނެ. ބުނޭ މިހާރު.” ޒާޔާ އަމުރުކޮށްލިއެވެ.
“ޝާރިފް ކިޔާ މީހަކާއި ޒާޔާ އާއި އޮންނަނީ ކޮން ގުޅުމެއް؟” ރާއިދު ޒާޔާގެ ދުލުގައި ތަޅު އަޅުވާލި ކަހަލައެވެ. ޝާރިފްގެ ނަން އިވުމާއެކުވެސް ޒާޔާގެ ހިތް ބާރުބާރަށް ތެޅެންފެށިއެވެ.
“ޒާޔާގެ ތި ހިމޭންކަމުންވެސް ޖަވާބު ލިބިއްޖެ.” ރާއިދު އަނެއްކާވެސް ފޯނު ކަނޑާލިއެވެ.
ހަމަ ރަނގަޅަށްވެސް ޒާޔާއަށް ރޮވިއްޖެއެވެ. ޒާޔާއާއި ޝާރިފްގެ ސިއްރު ރާއިދުއަށް އެނގުނު ގޮތަކާއިމެދު ޒާޔާ ވިސްނަން ފެށިއެވެ.
ފުރަތަމަވެސް ޒާޔާ ގުޅާލީ ޝާރިފްގެ ނަމްބަރަށެވެ. ފުރަތަމަ ރިންގުން ޝާރިފް ފޯނަށް ޖަވާބުދީފިއެވެ.
“ބޭނުންވި ކަންތައް ވެއްޖެއެއްނު. އުފަލުން ހުރޭ.” ޒާޔާ ފޯނު ކަނޑާލީ ޝާރިފްގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްވެސް ނެތިއެވެ.
ނަމަވެސް ދެވަނަ ސިކުންތުގައި އަނެއްކާވެސް ޝާރިފް ގުޅައިފިއެވެ.
ޒާޔާ ފޯނަށް ޖަވާބު ދިނެވެ.
ހިތަށް އައިހާ އެއްޗެއް ޝާރިފްއަށް ގޮވާލަން ބޭނުންވެފައި ހުރި ވަރުންނެވެ.
“ޒާޔާ ހަމަ ޖެހިބަލަ. އެންމެންވެސް މަށާއި ވެސް ދިމާ ކުރޭ. ޝައްކުވެގެން އެހެން އެ ކިޔަނީ. އެކަމަކު މަށެއް ޒާޔާ ދެކެ ރުޅި ނާންނަމެއްނު. ދުރަކަށްވެސް ނުދަމެއްނު.” ޝާރިފްގެ އަޑުގައިވާ މޮޅިވެރިކަމުން ޝާރިފްއަށް ވާހަކަދެއްކުނީ ވަރަށް މަޑުންނެވެ.
“ކަލޭ ހާ ގޮތެއް ނެތް މީހެއް މަށެއް ދުވަހަކުވެސް ނުދެކެމޭ. ކަލޭ ބޭނުންވީ ހަމައެކަނި އަހަރެންގެ ބޭނުންކޮށްލަން.” ރުޅި އައި ނަމަވެސް ޒާޔާއަށް ވާހަކަ ދެއްކުނީ ރޮވިފައެވެ.
“ތިހެން ނުބުނޭ ޒާޔާ. އަސްލުވެސް ޒާޔާދެކެ ވަރަށް ލޯބިވޭ.” ޝާރިފްގެ މޮޅު ދޮގުތައް އަޑުއަހަން އިތުރަށް ބޭނުން ނުވާތީ ޒާޔާ ކޯލް ކަނޑާލިއެވެ. އެތައް ފަހަރަކު ޝާރިފް ގުޅި ނަމަވެސް ޒާޔާ އަޅާވެސް ނުލިއެވެ. ދިލާ އާއި ޝާރިފް އާއި މައްސަލަ ޖެހުނު ދުވަހުން ފެށިގެން ޝާރިފްގެ ހަޔާތުން ޒާޔާ ބޭރުކޮށްލައިފިއެވެ. ޝާރިފް ޒާޔާ އަށް ވީ ހުރިހާ ވައުދުތަކެއްވެސް އުވާލާފައެވެ. ޒާޔާ ޝާރިފް ދެކެވީ ލޯބީގައި އެއްވެސް އަގެއްނެތެވެ. އެހެން ނޫންނަމަ ދިލާގެ އުފަލަށްޓަކައި ޝާރިފް ޒާޔާ ހިތާމައިގެ ކަނޑަކަށް ޤަރަޤުކޮށެއް ނުލީހެވެ.
ހިތް ފުރެންދެން ކަރުނަ ބޭލުމަށްފަހު ޒާޔާ ރާއިދުއަށް މެސެޖްކޮށްލިއެވެ.
-ރާއިދުއަށް މަށަށް އިތުބާރުނެތިއްޔާ މަށާއި ދުރުވިޔަސް އޯކޭ.-
ރާއިދުގެ ޖަވާބަކަށް އިންތިޒާރުނުކޮށް ޒާޔާ ފޯނު ސައިލެންޓްކޮށްލަމުން އެނދުގައި އޮށޯވެ ދެލޯ މަރާލިއެވެ.
ނިދިފައި އޮތް ޒާޔާއަށް ހޭލެވުނީ ފޯނުގެ ރިންގްގެ އަޑަށެވެ. އޭރު ރާއިދު ގުޅަނީއެވެ.
“ބޭބީ. ސޮރީ. ޝާރިފް އާއި ވާހަކަ ދެއްކުމުން އެނގިއްޖެ އެއީ ހަޤީޤަތެއް ނޫންކަން. ބައެއްގެ ރޭވުމެއްކަން. މާފްކުރޭ. ޕްލީސް.” ޒާޔާ ފޯނު ނިއްވާލިއެވެ. ރާއިދު ހާސްވާނެކަންވެސް އެނގިހުރެއެވެ.
ޝާރިފްއަށް މި ގުޅުމަށް އިންކާރު ކުރަން ކިހާ ފަސޭހަ ހެއްޔެވެ؟ ޒާޔާއަށްވެސް ރާއިދު ކުރިމަތީގައި ސީދާ ނޫނެކޭ ބުނާކަށް ނުކެރުނެވެ. ޝާރިފްދެކެ ލޯބިވާތީއެވެ. ޝާރިފްއަށް ގުޅަންބޭނުންވާތީ ޒާޔާ އަނެއްކާވެސް ފޯނު އޮން ކޮށްލިއެވެ.
ނަމަވެސް ފުރަތަމަވެސް އައީ ރާއިދުގެ ކޯލެކެވެ.
“ފޯނުގެ ޗާޖްދިޔައީ. ދެން އެވާހަކަ ނުދައްކާ.” ރާއިދު ސުވާލު ކުރުމުގެ ކުރިން ޒާޔާ ބުނެލިއެވެ.
ރާއިދުގެ ހިތް ހަމަޖައްސާލަދިނުމަށްފަހު ޒާޔާ ޝާރިފްއަށް ގުޅާލިއެވެ.
“ކޮންކަމެއްތަ ސާބިތުކޮށްދެން ތިއުޅެނީ؟ ބުނެވެން އޮންނާނެ ދޯ މަގޭ ލައިފް ސަލާމަތްކޮށްދިނީ ޝާރިފްއޭ. އެއީތަ އަސްލު މަޤްސަދަކީ.” ހިތްހަމަ ނުޖެހިފައި ހުރުމުން ޒާޔާ އަށް ވާހަކަދެއްކުނީ ރުންކުރު ފާޑަކަށެވެ.
“އަސްލު މަޤްސަދަކީ ޒާޔާގެ ހިނިތުންވުން. ޒާޔާގެ އުފާ. ޒާޔާގެ ދިރިއުޅުން.” ޝާރިފް ފަށުވި ލަފްޒުތަައް ފައްޗެއްހެން އަމުނާލުމާއެކު ޒާޔާ ހިމޭންވިއެވެ.
ޝާރިފްއަށް ޒާޔާގެ ހިތާއި އެހާ ފަސޭހައިން ކުޅެވެނީ ކީއްވެ ހެއްޔެވެ؟ ޒާޔާގެ ހިތްހަމަ ޖެހުމުގެ އަސްލަކަށް ޝާރިފްވަނީ ކީއްވެ ހެއްޔެވެ؟
“ޒާޔާ. މަށެއް ބޭނުމެއް ނޫނޭ މަށާއި ހެދި ޒާޔާގެ ދިރިއުޅުން ހަލާކުވާކަށް.” ޒާޔާގެ ހިމޭންކަން ފެނިފައި ޝާރިފް އަނެއްކާވެސް ބުނެލިއެވެ.
“ތޭންކްސް.” ޒާޔާ ޝުކުރު އަދާކުރީ ހިތަކުން ނޫނެވެ. ހިތުގައި ހުރި ވާހަކަތަކާައި ސުވާލުތައް ޝާރިފްއާ ހިއްސާ ކުރުމަކީ ޒާޔާ ދެކޭ ގޮތުގައި ބޭކާރު ކަމެކެވެ. ޝާރިފްގެ ޖަވާބެއް ހުހެއް ނުވާނެއެވެ. ޒާޔާ ޝާރިފް އާއި އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. ކުރިއެކޭ އެއްގޮތަށެވެ.
ޝާރިފްގެ ލޯބިވެތި ބަސްތަކުން ޒާޔާގެ ހިތްފުރަމުން ޒާޔާ އެނދުގައި އޮށޯވެލިއެވެ.
ވަރަށް ލަސްވަންދެން ޝާރިފްއާައި ވާހަކަ ދެއްކުމަށްފަހު ނިދުމުން ޒާޔާ އަށް ހޭލެވުނީ ވަރަށް ލަހުންނެވެ. އޭރުވެސް ކޮޓަރި ދޮރުގައި ހުއްޓާނުލާ ޓަކި ޖަހަމުންދިޔައެވެ. ފުންމައިގެން ތެދުވެ ޒާޔާ ގަޑި ބަލައިލިއެވެ. އޭރު ދިހައެއް ޖަހަނީއެވެ. ޒިޔަލް ވެސް އޮތީ ހޭލައެވެ.
ހޭވިފައިވާ އިސްތަށިގަނޑު އަތުން ރީތި ކޮށްލަމުން ޒާޔާ ދޮރު ހުޅުވާލިއެވެ.
“ސާބަސް. އަދި ތި ހޭލެވުނީތަ؟” ކުރިމަތީގައި ހުރި ސަމާ ޒާޔާއަށް ހިނިތުންވެލިއެވެ.
“ވަދެބަލަ. އެބަ އަންނަން ޒިޔަލް އަށް ކާން ހިފައިގެން.” ސަމާ ކޮޓަރި ތެރޭގައި ބޭންދުމަށްފަހު ޒާޔާ މިސްރާބު ޖެހީ ބަދިގެއާއި ދިމާއަށެވެ. ޒިޔަލްއަށް ހެނދުނުގެ ނާސްތާ ދޭން މިހާރު ލަސްވެސް ވެއްޖެއެވެ.
“ޒާޔާ. ރޭގަ ނުނިދާ ކީއްކުރީތަ؟ ވަރަށް ލަސްވި އިރުވެސް ކޯލް ވެއިޓިންގަ އިނީ މަ ގުޅި އިރުވެސް.” ސަމާ ހުރީ ޒާޔާ ނައިސްގެން ކަހަލައެވެ. ކާ ތަށި ހިފައިގެން ޒާޔާ ކޮޓަރިއަށް ވަންތަނާ ސަމާ ސުވާލުފޮށި ހުޅުވާލިއެވެ.
“ނުކުރަން ކަމެއް. ފްރެންޑެއް ގުޅީ.” ޒިޔަލް އުރާލައިގެން އައިސް ކައިރީގައި ބައިންދަމުން ޒާޔާ ޒިޔަލް އަށް ކާންދޭން ފެށިއެވެ.
“މަށަށްތަ ތި އޮޅުވާލަނީ. މަށަށް ޒާޔާ އެނގޭތާ އަށް އަހަރުވީއޭ.” ސަމާ ދެލޯ ކުޑަކޮށްލަމުން ޒާޔާގެ މޫނަށް ބަލާލިއެވެ.
“ޝާރިފް ގުޅީ ދޯ.” އިސްޖެހިފައިވާ ޒާޔާގެ މޫނުން ހުރިހާ ކަމެއް ސާފުކޮށް ފެންނަން ހުއްޓެވެ.
“ޝާރިފް އަހަރެން ދެކެ ލޯބިވެޔޭ.” ޒާޔާ އަޑަށް ބާރުލަމުން ބުނެލިއެވެ.
“އެހެންވީއިރު އިންނަންވީނު ތި ދެމީހުން. ލޯބިވަންޏާ ކައިވެނި ކުރަންވެސް ބޭނުންވާނެއެއްނު.” ސަމާގެ ރާގުގައި ވަނީ މަލާމާތެވެ.
“އިނދެގެން ހުރެ ކިހިނެއް އަނެއްކާ އިންނާނީ.” ޒާޔާ ސީރިއަސްވެލިއެވެ.
“ވަރިވެވޭނު ދެމީހުންނަށްވެސް.” އެންމެ ފަހުން ދޭނެ ޖަވާބު ހުސްވީ ޒާޔާގެއެވެ.
ދުރަށް މޫނު އަނބުރާލައިގެން ޒާޔާ ހުރީ ހަމަ އަސްލުގަވެސް ބުނާނެ އެއްޗެއް ނޭނގިފައެވެ.
“ތި ލޯބިވާ ޝާރިފް ނާހާތަ މެރީ ކުރާކަށް.” ސަމާ ޒާޔާގެ ކޮނޑުގައި ހިފާ އޭނާއާއި ދިމާއަށް އަނބުރާލިއެވެ.
ޒާޔާ އެއްވެސް އެއްޗެއް ނުބުނެ ހުރީއެވެ. ސަމާ ކިޔަން އެ އުޅެނީ ކީކޭ ކަން ޒާޔާއަށް ނޭނގެނީކީ ނޫނެވެ. ނަމަވެސް ސަމާގެ އެއްވެސް ސުވާލެއްގެ ޖަވާބެއް ޒާޔާގެ އަތުގައި ނެތީއެވެ.
“އަންހެނާ ހޭ އަރާބަލަ ދެންވެސް. ޝާރިފް އެވަނީ ލޯތްބެއް ނޫނޭ.” ސަމާ ޒާޔާގެ އަތުގައި ހިފައި ތަޅުވައިގަތެވެ.
“ޝާރިފް ދެކެ ލޯބިވަނީ މަށޭ. މަޖުބޫރެއް ނޫނޭ އަހަރެން އޭނަ ދެކެ ލޯބިވެއޭ ކިޔާފަ އޭނަ އަހަރެން ދެކެ ލޯބިވާކަށް.” ޒާޔާ ނުރުހުނީ ސަމާގެ ވާހަކަ ހުރި ގޮތުންނެވެ.
“ޒާޔާ ލޯބިވަނީ ރާއިދު ދެކެއެއް ނޫންތަ؟” ސަމާ ހައިރާންވެފައި ސުވާލުކޮށްލިއެވެ.
“ނޭނގެ. ނޭނގެ. ލޯބި އޮޅިއްޖެ މަށަށް.” ޒާޔާ މޫނުގައި ދެއަތް އެޅިއެވެ.
“މަށަކަށްވެސް ނޭނގެ ދެން. ދަނީ ދެން. އޮފީސް ބްރޭކް ގަޑީ މިއައީވެސް. ޒާޔާ. ޝާރިފްއާ ވާހަކަ ނުދައްކަައްޗޭ. މަށަށްޓަކާ. ޕްލީސް.” ސަމާ ކޮޓަރި ދޮރުން ނިކުންނަމުން ފަހަތަށް އެނބުރި ޒާޔާއަށް ބަލާލިއެވެ. ސަމާގެ ރާގުގައިވަނީ އާދޭހެވެ.
ނަމަވެސް ޒާޔާ އެއްވެސް އެއްޗެއް ނުބުނެ ހުރީއެވެ. ދޮގުހަދަައިގެން ސަމާ ހިތްހަމަ ޖައްސަދޭން ބޭނުން ނުވާތީއެވެ.
ޒާޔާއަށް އިނގެއެވެ. ޝާރިފްއާއި ވާހަކަ ނުދައްކައި ޒާޔާއަކަށް ނުހުރެވޭނެއެވެ.
ދުވަސްތައް މާޒީއާއި އެކުވަމުންދެއެވެ. ނަމަވެސް ޒާޔާއާއި ޝާރިފްގެ ގުޅުމަކަށް ބަދަލެއްނާދެއެވެ. މުޅި ދުނިޔެއަށްވެސް ސިއްރުން އެގުޅުން އެންމެ ފުރިހަމަ ގޮތުގައި ކުރިއަށްދެއެވެ.
ހަމަހިމޭން އެދަންވަރުގައި ޒާޔާ ހުރީ ޝާރިފްގެ އަތުތެރޭގައެވެ. ވަށައިގެން ފެންނަނީ އަނދިރިކަމެވެ. ޝާރިފްއާއި ދުރުގައި ނުހުރެވިގެން ޝާރިފްގެ ބަހަށް ޒާޔާ އަނެއްކާވެސް ރަށަށް ދިޔައީއެވެ.
“ޕްރޮމިސްކުރޭ ދެން ދުވަހަކުވެސް ނުދާނަން ކަމަށް މަށާއި ދުރަށް.” ޝާރިފް މެޔާލައި ޒާޔާ ބޮނޑިކޮށްލަމުން އެދުނެވެ.
“ޕްރޮމިސްކުރޭ އަބަދުވެސް މަ ދެކެ ލޯބިވާނަން ކަމަށް. އަދި އަބަދުވެސް ކެއަރ ކުރާނަން ކަމަށް.” ޒާޔާވެސް ޝަރުތުކޮށްލިއެވެ. ޝާރިފް ދިއްކޮށްލައިގެން ހުރި އަތުގައި ހިފަމުންނެވެ.
“ޕްރޮމިސް.” ޝާރިފް ހިނިތުންވެލިއެވެ.
“ދެން އަބަދު މިހެން ސިއްރުންތަ އުޅެން ޖެހޭނީ.” ޒާޔާ ޝާރިފްއާއި ހަތަރުކަޅި ހަމަކޮށްލީ ދެރަވެފައި ހުރެއެވެ.
“އަދި މިހެއްނު އުޅެން ޖެހޭނީ. އުމުރަށްވެސް ޒާޔާއާއެކީ އުޅެން ބޭނުން.” ޝާރިފް ޒާޔާގެ އިސްތަށިގަނޑު އެއްފަރާތް ކޮށްލިއެވެ.
ދެލޯ މަރާލެވުނީ ޒާޔާއަށް ބޭއިޚްތިޔާރުގައެވެ. ޝާރިފްގެ ހޫނު ތުންފަތް ޒާޔާ ކަރުގައި ޖެހުމާއެކު ޒާޔާއަށް ޝާރިފްގެ ގައިގައި ބާރަށް ހިފަހައްޓާލެވުނެވެ.
އެވަގުތު އުޑުގައިވާ ތަރިތައްވެސް އެދިމާލަށް ހުއްޓުނު ކަހަލައެެވެ. ޒާޔާއާއި ޝާރިފްގެ ލޯބީގެ ހެކިވެރިންގެ ގޮތުގައެވެ.
ޒާޔާ ހުރީ ހިތްހަމަ ޖެހިފައެވެ. ޝާރިފްގެ މަސްތުން ފުރިގެންވާ އެމޫނަށް ބަލަހައްޓައިގެންނެވެ. ޝާރިފްގެ ބީހުން ހަށިގަނޑުގެ އެތައް މިތަނުގައި އިޙްސާސްކުރަމުންނެވެ. ޝާރިފްގެ ލޯބި އެންމެ ފުރިހަމަ ގޮތުގައި ލިބިގަންނަމުންނެވެ.
“ލޯބިވޭ.” ޝާރިފްގެ އަނގައިން އެލަފްޒު ނިކުތުމާއެކު ޒާޔާ ޝާރިފްގެ ގައިގައި ބައްދާލިއެވެ.
“ހިނގާ ދާން. ޒިޔަލް ހޭލިޔަސް ނޭނގޭނެ.” ޒާޔާ އެދުނެވެ.
“ގުޅަނީމި އިނގޭ އިރުކޮޅަކުން.” ޝާރިފް ޒާޔާގެ ނިތްކުރީގައި ބޮސްދިނެވެ.
“މަށަށް ނުފެންނަ ހިސާބަކަށް ރުޅިއައިސްގެންވެސް ނުދެވޭނެ އިނގޭ. ޔޫ ޕްރޮމިސްޑް.” ޒާޔާ ހިނގައިގަތުމާއެކު ޝާރިފް ހަނދާންކޮށްލަދިނެވެ.
ދުނިޔެއަށް އަލި ވިލުނުއިރު ޒާޔާ އޮތީ ގޭގެ ދޮރުމަތީގައި ކުނި ކަހާށެވެ. ޝާރިފް ނިދަން ދިޔައިރުވެސް ޒާޔާގެ ލޮލަަށް ނިދިނައީއެވެ.
“ކޮން ކޮޅަކުން އިރުއެރި ދުވަހެއްތަ މީ.” ރާއިދުގެ އަޑަށް ޒާޔާ ސިހުނެވެ.
“އެ ތެދެއް. މީ ހަޤީޤަތެއްތަ އަސްލުވެސް؟” ރާއިދުގެ ސަމާސާގައި ޔަމަން ބައިވެރިވެލިއެވެ.
ޒާޔާ ހިނިތުންވެލިއެވެ.
“ހާދަ އަވަހަކަށް މިއަދު ތިއައީ؟” ދެއަތް ފުރާ ކޮތަޅު ހިފައިގެން ފާއިޒާ އެތަނަށް އައިސް ހުއްޓުނެވެ.
“އެމެއް ނުހިފުނު. މާދަމާ ހުކުރެއްނު. އެހެންވެ އައީ ދެން.” ޔަމަން ދަބަސް ކޮނޑަށް ހެޔޮވަރުކޮށްލަމުން އެތެރެއަށްވަނެވެ.
“މިސްވިތަ؟” ރާއިދު ޒާޔާއާއި ކައިރިވެލިއެވެ.
“ނުވޭ.” އަނގަޔަަށް ވައްތަރެއް ޖައްސާލަމުން ޒާޔާ ކުނި ކަހަންފެށިއެވެ.
ރާއިދު ފެންވަރައިގެން އައިއިރު ޒާޔާ އިނީ ކާގޭގައެވެ. ސައިހަދައިގެން އިންތިޒާރުގައެވެ.
“ހާދަ ލަސްވީ ފެންވަރަން. އަންހެނަކަަށްވުރެ ކަންތައް ބޮޑު.” ޒާޔާ ސަމާސާކޮށްލިއެވެ.
ނަމަވެސް ރާއިދުގެ މޫނުމަތިން ހިނިތުންވުމެއް ނުފެނުނެވެ.
“ރާއިދު ކިހިނެއްވީތަ؟” ޒާޔާ ދެލޯ ބޮޑުކޮށްގެން ހުރެ ރާއިދުގެ މޫނަށް ބަލަންފެށިއެވެ. ދެންމެއަކާއި ޖެހެންދެން އުފާވެރިކަން ފެންނަން ހުރި އެ މޫނުމަތިން މިހާރު ފެންނަމުންދަނީ ހިތްދަތިކަމުގެ އަސަރެވެ.
ރާއިދުއަށް އެއްވެސް ޖަވާބެއް ނުދެވުނެވެ. ރާއިދުގެ ލޮލުން ވިދަވިދާހުރި ކަރުނަތައް ޖަވާބަކަށް ފުދޭ ކަހަލައެވެ.
“ރޮނީ ކީއްވެތަ؟ ބުނެބަލަ ވީގޮތެއް؟” ޒާޔާ ރާއިދުގެ ކައިރިއަށް ގޮސް ހުއްޓި ރާއިދުގެ އަތުގައި ހިފާލި އެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- ހުނަރުވެރި ވާހަކަލިޔުންތެރިއެކެވެ. ފީޗާ ލިޔުމަށްވެސް ވަރަށް ކުޅަދާނައެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 12 ސެޕްޓެމްބަރ 2024ވާހަކައެކު މަށާވީ ހަނދާނޭ – 02
- 7 ސެޕްޓެމްބަރ 2024ވާހަކައެކު މަށާވީ ހަނދާނޭ – 01
- 12 ޖެނުއަރީ 2021ވާހަކަމާފުކުރާށޭ ކަލާ
- 28 އޭޕްރިލް 2020ބިރުވެރިލޯބިވެވުނީ އެވެ.