އިންޑިއާގެ ބޮކްސް އޮފީހުގެ ރެކޯޑްތައް މުގުރާލި ފިލްމު “ބަހޫބަލީ” އާއެކު މަޤުބޫލުކަން އެތައް ގުނައަކަށް އިތުރުވި އެކްޓަރު ޕްރަބާސް ހުރީ އެ ފިލްމު ނިންމާފައި ކައިވެނިކުރަން ކަމަށް އޭނާ ބުނެފިއެވެ.

މިހާރު އުމުރުން 42 އަހަރުގެ ޕްރަބާސް މިހެން ބުނެފައިވަނީ މިހާރު ރިލީޒްކުރަން ތައްޔާރުވަމުން އަންނަ އޭނާގެ ފިލްމު “ރާދޭ ޝިޔާމް” ގެ ޕްރޮމޯޝަނަލް އިވެންޓެއްގައެވެ. ފިލްމުގެ ޑައިލޮގަކާއި ގުޅުވައި ޕްރަބާސް ގާތުގައި ލޯތްބާއި ބެހޭގޮތުން ކުރި ސުވާލަކަށް ޖަވާބުދެމުން ޕްރަބާސް ބުނެފައިވެއެވެ.

“އަހަރެންނަށް ލޯބީގެ ކަންތައްތަކުގައި ގޮތް ނިންމެނީ މުޅިންވެސް ނުބައިކޮށް. އެހެންވެ އަހަރެން އަދިވެސް ހުސްހަށިބަޔަށް މިހުރީ.”

ޕްރަބާސް އޭނާގެ އެ ޖަވާބު އިތުރަށް ތަފްސީލުކޮށްދެމުން ބުނެފައިވާ ގޮތުގައި “ބަހޫބާލީ” ކުޅެމުންދިޔަ ދުވަސްވަރު އޭނާގެ މަންމަ އޭނާ ގާތުގައި ކައިވެނީގެ ވާހަކަ ވަރަށް ދެއްކިއެވެ. އަދި ފިލްމު ނިންމާފައި އޭނާ އެކަމާ އުޅޭނެކަމަށް ބުނިން ކަމަށްވެސް ޕްރަބާސް ބުންޏެވެ. ނަމަވެސް ކަންތައްތައް ދިމާވި ގޮތުން އެކަން އަދިވެސް އޮތީ ނުވެކަމަށް އޭނާ ބުނެފައިވެއެވެ.

ޕްރަބާސް އިތުރަށް ބުނެފައިވާ ގޮތުގައި އެމީހެއްގެ ދަރިން ރަނގަޅު ޒަވާޖީ ޙަޔާތެއް އުޅޭތަން ދުށުމަކީ ކޮންމެ މަޔަކުވެސް ދެކެން އެދޭނެ ދުވަހެއް ކަމަށާއި އެގޮތުގެ މަތިން އެއީ އޭނާގެ ގޭގައިވެސް އާންމު ވާހަކައެކެވެ. އަދި އޭނާވެސް ކައިވެނިކުރަން ބޭނުން ކަމަށާއި އެކަމުގެ ރަނގަޅު ވަގުތު ޖެހުނުހާ އަވަހަކަށް އެކަން ކުރާނެކަމަށްވެސް ޕްރަބާސް ބުނެފައިވެއެވެ.

ޕްރަބާސްގެ ޝައުޤުވެރި ގިނަ ފިލްމުތަކެއް ކުރިއަށް ހުރިއިރު، އޭނާގެ ދެން އެންމެ އަވަހަށް ރިލީޒްވާން އޮތް ފިލްމަކީ މިމަހު 11 ގައި ރިލީޒްކުރާ “ރާދޭ ޝިޔާމް” އެވެ. އެ ފިލްމުގެ ބަތަލާއަކީ ޕޫޖާ ހެގްޅޭއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.