މޯލްޑިވްސް ސޮސައިޓި ފޯރ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ) އިން ބޭއްވުމަށް އިޢުލާނުކުރި ސްކްރިޕްޓް ރައިޓިން ވޯކްޝޮޕުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ. މިއީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއާ ގުޅިގެން ކުރިއަށްގެންދިއުމަށް ރާވާފައިވާ ވޯކްޝޮޕެކެވެ.

ޖުމްލަ 20 ބައިވެރިންނަށް ފުރުސަތު ދިނުމަށް ނިންމާފައިވާ މި ވޯކްޝޮޕްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 09 ވަނަ ދުވަހުގެ ކުރިން ނަންނޯޓްކުރުމުގެ ފުރުޞަތު ހުޅުވާލާފައިވެއެވެ. މިއީ ބޭރުގެ ތަޖުރިބާކާރު މުދައްރިބެއްގެ އިރުޝާދާއެކު ހިންގުމަށް ހަމަޖެހިފައިވާ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕްގައި ބައިވެރިވުމަށް އެދޭ ފޯމާއި ވޯކްޝޮޕްގެ ޤަވާޢިދު، އެމްއެސްޕީއޭގެ ވެބްސައިޓް (އެމްއެސްޕީއޭ ޑޮޓް އެމްވީ) mspa.mv އިން ލިބެން ހުންނާނެއެވެ.

ސްކްރީން ރައިޓިން ފަދަ ފުރުޞަތުތައް ލިބޭ މިންވަރު މަދުކަން ފާހަގަވެފައިވާއިރު، މިއީ ހަމަ ގައިމުވެސް ލިޔުންތެރިކަމަށް ޝައުޤުހުންނަ ފަރާތްތަކާއި ފިލްމު އުފެއްދުމަށް ޝައުޤުހުންނަ ފަރާތްތަކަށް ލިބިގެންދާނެ ރަނުގެ ފުރުޞަތަކަށް ވެގެންދާނެ އެވެ.

މުޅިން ހިލޭ ހިންގާ މި ވޯކްޝޮޕް ކުރިއަށް ގެންދާނީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިފަދަ ސްކްރިޕްޓް ރައިޓިންގް ވޯކްޝޮޕެއް ބޭއްވުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ފިލްމީ ދާއިރާގައި ހުނަރުވެރި ސްކްރިޕްޓް ރައިޓަރުން މަދުކަމާއެކު ބޮޑަށްް ޒުވާނުން މި ހުނަރުގެ ތެރެއަށް ވެއްދުމަށް ބާރު އެޅުން ކަމަށް އެމްއެސްޕީއޭ އިން ބުނެއެވެ. މީގެ އިތުރުން، ސްކްރިޕްޓް ލިޔުމުގެ ރޮގުން ޝައުގުވެރިކަން ހުރި ބަޔަކު އުފެއްދިއްޖެނަމަ ދިވެހި މުނިފޫހިފިލުވުމުގެ ދާއިރާއަށް ކޮލިޓީ ޕްރޮޑަކްޓް ތަކެއް ނެރެވިގެން ދާނެކަމަށް ދެކޭ ކަމަށްވެސް އެމްއެސްޕީއޭ އިން މުނިއަވަސް އަށް މަޢުލޫމާތު ދެމުން ބުނެފައިވެއެވެ.

މޯލްޑިވްސް ސޮސައިޓީ ފޮރ ޕާރފޯމިނގް އާރޓްސް ގެ މަޤުސަދުގެ ތެރޭގައި މީހުން ބިނާ ކުރުމަކީ އެއްމެ ބޮޑަށް އިސްކަންދޭ އެއް ކަމަކަށް ވާތީ މި އަހަރުގެ ތެރޭގައި ތަފާތު ވޯކްޝޮޕްތައް ހިންގުމަށް ކަނޑައަޅާފައިވާ ކަމަށާ، މިއަދު މި އިޢުލާނުކުރެވޭ ސްކްރިޕްޓް ރައިޓިންގް ވޯކްޝޮޕަކީ އެގޮތުން ހިންގޭ ފުރަތަމަ ހަރަކާތް ކަމަށްވެސް އެ ސޮސައިޓީން ބުނެއެވެ.

އެމްއެސްޕީއޭ ސްކްރިޕްޓް ރައިޓިންގް ވޯކްޝޮޕްގެ ފްލަޔަރ އިން އިތުރު މަޢުލޫމާތުތައް ލިބޭނެއެވެ.

އެމްއެސްޕީއޭގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން އަދި މުނިއަވަސް ކްލަބްހައުސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.