ދާދި ފަހުން ރިލީޒްކުރެވުނު “ގަންގޫބާއީ ކަތިއާވަޅީ” އަށް ފަހު މިވަގުތު ބޮލީވުޑްގައި ރަނިކަންކުރަމުން އަންނަ އާލިއާ ބަޓް މިހާރު ތައްޔާރަށް ހުރީ ހޮލީވުޑަށް އޭނާގެ ފުރަތަމަ ފިޔަވަޅު އެޅުމަށެވެ. ހޮލީވުޑްގެ ފިލްމަކުން އާލިއާ ފެނިގެން ހިނގައިދާނެ ކަމުގެ އަޑުތައް ފެތުރެމުން އަންނަތާ އެތަކެއް ދުވަހެއް ވެފައިވާއިރު، މިހާރު މިއޮތީ އެކަން ކަށަވަރުވެފައެވެ.

އާލިއާ ބަޓްގެ ފުރަތަމަ ހޮލީވުޑް ފިލްމު “ހާރޓް އޮފް ސްޓޯން”ގައި އިޒްރޭލްގެ މޮޑެލް އަދި އެކްޓްރެސް ގަލް ގެޑޮޓްގެ އިތުރުން އެކްޓަރ، މޮޑެލް އަދި މިއުޒީޝަން ޖޭމީ ޑޯރނަން ހަރަކާތްތެރިވެއެވެ. ޓޮމް ހާރޕަރ ޑައިރެކްޓްކުރާ މި ފިލްމަކީ ބައިނަލްއަޤްވާމީ ޖާސޫސީ ތުރިލަރ އެކެވެ. ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ ނެޓްފްލިކްސްގައެވެ. ފިލްމު “ހާރޓް އޮފް ސްޓޯން”ގެ އިތުރު މަޢުލޫމާތުތަކެއް އާއްމުވެފައި ނުވިޔަސް، މި ފިލްމުގައި ގެޑޮޓް ކުޅޭނީ ނުރައްކާތެރި ޖާސޫސެއްގެ ރޯލެވެ. ނަމަވެސް އާލިއާ ބަޓް ކުޅުމަށް ހަމަޖެހިފައިވަނީ ކޮން ރޯލެއްކަން ބަލައިލުމަށް އަހަރުމެން ޖެހޭނީ އިންތިޒާރުކޮށްލާށެވެ.

ފިލްމުގެ ވާހަކަ އެނބުރެނީ ޖާސޫސެއްގެ ގޮތުގައި ރޭޗަލް ސްޓޯންގެ ރޯލު ކުޅޭ ގެލް ގެޑޮޓްގެ ވަށައިގެންނެވެ. ފިލްމު އިސް-ބަޠަލާއަކީ ގެޑޮޓް އެވެ. ފިލްމުގެ ވާހަކަ ރާވާލެވިފައިވާ ގޮތުން ސުލްހައަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމާއަތެއްގެ އެއްމެ މުހިންމު އަދި ނުރައްކާތެރި ރައުސުލްމާލު ބީވެ ދިޔަނުދީ ސަލާމަތްކޮށްދެވޭނެ ހަމަ އެކަނި މީހަކީ ގެޑޮޓް އެވެ.

ގަލް ގެޑޮޓް މި ފިލްމުގައި ހަރަކާތްތެރިވާކަން ހާމަކުރީ ފިލްމުގެ ޝޫޓިން ތެރެއިން ނަގާފައިވާ ބައެއް މަންޒަރުތަކާއެކު “ހާރޓް އޮފް ސްޓޯންގެ ރޭޗަލް ސްޓޯން އާއި ބައްދަލުވީތީ އުފާކުރަން.” މި އިބާރާތްކޮޅާއެކުގައެވެ.

މިއީ ބައިނަލްއަޤްވާމީ ސިނަމާގައި ވިދައިލުމަށް އާލިއާ ބަޓަށް ލިބުނު ތާރީޚީ ފުރުޞަތެކެވެ.

އާލިއާގެ ފިލްމީ މަސައްކަތްތަކަށް ބަލައިލާއިރު، “ގަންގޫބާއީ ކަތިއާވާޅީ” ގެންދަނީ ބޮކްސް އޮފީހުގައި ރަސްކަންކުރަމުންނެވެ. އާލިއާގެ ކުރިއަށް އޮތް ޕްރޮޖެކްޓަކީ “ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ” އެވެ. މި ފިލްމުގައި ރަންވީރް ސިންހ، ޝަބާނާ އާޒްމީ، ޖާޔާ ބައްޗަން އަދި ދަރްމެންދްރާ މުހިންމު ރޯލުތަކުގައި ހަރަކާތްތެރިވާނެ އެވެ.

މި އަހަރު ސިނަމާއަށް ރިލީޒްކުރަން ހަދާ މި ފިލްމު ޑައިރެކްޓްކުރަނީ ކަރަން ޖޯހަރް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.