ކާމިޔާބު ފިލްމު “ބަވަތި”ގެ ހުނަރުވެރި ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ)، މި ރަމަޟާން މަހުގެ ފަހުން “ޝައިޠޯނާ” ނެރެން ތައްޔާރުވަމުން އަންނަ ކަމަށް ބުނެފިއެވެ.

އިއްލެގެ އައި ފިލްމްސް އިން ނެރެން ތައްޔާރުވަމުން އަންނަ “ޝައިޠޯނާ”ގެ ޕޯސްޓަރެއް މިއަދު އާއްމުކޮށްފައިވެއެވެ. ވަރަށް ތަފާތު ގޮތަކަށް ތައްޔާރުކޮށްފައިވާ މި ޕޯސްޓަރުން ފެންނަނީ ތިން މީހެއްގެ މޫނުތޯ ނުވަތަ އެކެއްގެ މޫނު، ތިން ސޫރައަކަށް ފެންނަ ގޮތަށް ތައްޔާރުކޮށްފައިވާ މޮޅު މޭކަޕެއްތޯ މިއީ އުފެދޭ ސުވާލެކެވެ.

މުނިއަވަސް އަށް އެނގިފައިވާ ގޮތުން “ޝައިޠޯނާ” މިއީ ލަވައެކެވެ. އައި ފިލްމްސްގެ ބިރުވެރި ވާހަކަ ސީރީޒްގެ ޝޫޓިން މި ރޯދަމަހު ވަރަށް ބާރަށް ކުރިއަށްދާކަން އައި ފިލްމްސްގެ އިންސްޓަގްރާމުން ފެނިފައިވެއެވެ. އެހެންކަމުން މިއީ އެ ޕްރޮޑަކްޝަނުން އުފައްދަމުން އަންނަ ޕްރޮޖެކްޓެއްގައި ހިމެނޭ ލަވައަކަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ނުވަތަ މިއީ ‘ބިރުވެރި ވާހަކަ’ ސީރީޒްގެ ޕްރޮމޯޝަން ލަވައަކަށް ވުމަކީވެސް ގާތް ކަމެކެވެ.

އައި ފިލްމްސް އިން އާއްމުކޮށްފައިވާ “ޝައިޠޯނާ” ޕޯސްޓަރާ ގުޅޭ އިތުރު އެއްވެސް މަޢުލޫމާތެއް އެ ޕްރޮޑަކްޝަނުން ދީފައެއް ނުވެއެވެ. ނަމަވެސް އެ ޕްރޮޑަކްޝަންގެ މޭކަޕް އާޓިސްޓް ރުޠުބާ އަޙްމަދުގެ އިންސްޓަގްރާމް މެދުވެރިކޮށް ދީފައިވާ ޚާއްޞަ މެސެޖެއް މަތިން މި ޕޯސްޓަރު ފެނުމުން ހަނދާންވެއެވެ. އައި ފިލްމްސްގެ ޕްރޮޖެކްޓެއްގައި ކްރީޗަރޒް ތަކެއް ހަދާނެކަމަށް ރުޠުބާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެ އެވެ. އެހެންކަމުން މި ޕޯސްޓަރުން މި ފެންނަނީ ރުޠުބާގެ ހުނަރުވެރި މަސައްކަތެއްކަން ވަރަށް ޔަޤީނާ ގާތަށް ބުނަން އެނގެއެވެ.

ކޮންމެއަކަސް، މި ރަމަޟާން މަހަށް ފަހު، އިއްލެ ހުރީ އޭނާގެ “ޝައިޠޯނާ” ނެރެން ތައްޔާރަށެވެ. އިންތިޒާރުކޮށްލަމާ ހިންގާށެވެ. އިއްލެގެ ފޭނުންނަށް ޔަޤީންކަން ދީ ފޭނުން ހިތްހަމަޖެހޭ ފަދަ މޮޅު މަސައްކަތްތަކެއް ދައްކަމުން އަންނައިރު، މި ޕްރޮޖެކްޓުންވެސް ތަފާތުތަކެއް ދައްކައި މޮޅު މަސައްކަތެއް ދައްކާނެކަން މިއީ ޤަބޫލުކުރަން ޖެހޭ ހަޤީޤަތެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.