ރޯދައިގެ ފަހުން ނެރެން ބުނި އައިފިލްމްސްގެ “ޝައިތޯނާ” މޭމަހުގެ ހަވަނަ ދުވަހު އާއްމުކުރި ހިސާބުން، ބެލުންތެރިންނާއި ދިވެހި ފިލްމީ ދާއިރާގެ ފަންނާނުންގެ ފަރާތުން އެ މަސައްކަތަށް ތަޢުރީފުގެ ބަސްތައް އޮހެން ފެށިއެވެ. މިއީ ދިވެހިން ކޮށްފައިވާ އުފެއްދުންތެރި މޮޅު އަދި އެހާމެ ސަޅި މަސައްކަތެއްކަން ފާހަގަކޮށްލެވެ އެވެ.

“އުފާވަނީ މިފަދަ މަސަކަތްތައް ފަހުގެ ކުދިން ކުރީމަ – ސާބަސް އިލިޔާސް ވަރަށް ފުރިހަމަ.” ރާއްޖޭގެ ފިލްމީ ދާއިރާގައި އެއްމެ ގިނަ ފިލްމު ޑައިރެކްޓްކުރި ކާމިޔާބު ޑައިރެކްޓަރ އަމްޖަދު އިބްރާހީމް (އަމްޖޭ) އައިފިލްމްސްގެ މި މަސައްކަތަށް ތަޢުރީފުކުރަމުން ބުނެފައިވެއެވެ.

ފިލްމު ޕްރޮޑިއުސަރ އިސްމާޢީލް ޝަފީޤް ވެސް މިއީ މޮޅު މަސައްކަތެއް ކަމަށް ބުނެފައިވާއިރު، ހުނަރުވެރި އެކްޓަރ ޑައިރެކްޓަރ އަޙްމަދު ނިމާލު ބުނީ މިއީ މޮޅު މަސައްކަތެއް ކަމަށާ ކާމިޔާބަށް އެދޭ ކަމަށެވެ.

އައިފިލްމްސްގެ “ބިރުުވެރި ވާހަކަ” ސީރީޒްގެ ޕްރޮމޯޝަނަލް ލަވަ “ޝައިތޯނާ” އަކީ ވެސް އޯކޭޒް އިންްކްގެ އުފެއްދުންތެރި ޓީމާއި ހުނަރުވެރި ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) އަދި އޭނާގެ ޓީމުން ކޮށްފައިވާ ބުރަ މަސައްކަތެކެވެ.

“ޝައިތޯނާ” ލަވަ ކިޔާފައިވަނީ ހުނަރުވެރި ލަވަކިޔުންތެރިޔާ އަންދަލާ ހަލީމް (އަންޔާ) އެވެ. މި ލަވައިގެ ބެކިންގ ވޯކަލެއްގެ ގޮތުގައި އިބްރާހިމް ނިޔާޒް (ތޫ) އާއި އަބްދުލް ސަމީޢު ވެސް ހަރަކާތްތެރިވެއެވެ.

“ޝައިތޯނާ”ގެ ޕޯސްޓަރު މިދިޔަ އޭޕްރިލް މަހު ރިލީޒްކޮށްފައިވާ އިރު، ޕޯސްޓަރުން ތިން ސޫރައެއް ފެނެއެވެ. “ޝައިތޯނާ” ލަވައިން އެ ތިން މޫނުން ދޭހަވާ ބައެއް ކަންކަން ފެނިގެންދެއެވެ. މީގެ އިތުރުން “ބިރުވެރި ވާހަކަ” ސީރީޒްގެ ބައެއް މަންޒަރުތަކުގެ ތަންތަންކޮޅު ވެސް ލަވައިގައި ހިމަނާފައިވެއެވެ. ލަވައިގައި ހަރަކާތްތެރިވެފައި ވަނީވެސް އަންޔަ އެވެ.

އިއްލެ ޑައިރެކްޓްކޮށްފައިވާ މިލަވައިގެ އުފެއްދުންތެރި، މޮޅު މޭކަޕް ހެދީ ރުޠުބާ އަޙްމަދު އެވެ. އިސްމާޢީލް މުނައްވަރު (މުނޯ) ކެމެރާކޮށްފައިވާއިރު، އެޑިޓްކުރީ އިއްލެއެވެ. ވީއެފްއެކްސް އަދި މޯޝަން ޖީއެފްއެކްސް ހެދުމާއި ކަލަރގްރޭޑިން ހެދީ އޯކޭޒް އިިންކްގެ މުޙައްމަދު ސާމީ އެވެ. ޕްރޮޕްސް ތައްޔާރުކުރީ އާސިމް ޢަލީ އެވެ.

މިއީ އާސިމް އަލީ އާއި އިއްލެ ޕްރޮޑިއުސް ކޮށްފައިވާ ލަވައެކެވެ.

“ޝައިތޯނާ” ގެ ހުނަރުވެރި މޮޅު މަސައްކަތް ފެނުމުން، “ބިރުވެރި ސީރީޒް” އަށް ކުރެވޭ އިންތިޒާރު މިހާރު މިވަނީ އިތުރުވެފައެވެ. “ބިރުވެރި ވާހަކަ” ދައްކާނީ ދިރާގު ޓީވީންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.