ޕީއެސްއެމްގައި ކުރިން މަސައްކަތްކުރި މަޝްހޫރު ޕްރެޒެންޓަރު މުޙައްމަދު ޝަނޫން ފިލްމު ޑައިރެކްޝަނަށް ނުކުމެއްޖެ އެވެ. ޝަނޫން ފުރަތަމަ އުފެއްދި ފީޗާ ފިލްމަކީ “ހަށި” މި ނަމުގައި އުފައްދާފައިވާ ކުރު ފިލްމެކެވެ.

ފިލްމު “ހަށި” މިހާރު މީޑިއާ ނެޓްގެ އެމް އެސް ޓީވީން ބަލައިލެވެން ހުރިއިރު، މި ފިލްމު ބެލި ފަރާތްތަކުން ތަޢުރީފުގެ ކޮމެންޓްތައް ޝަނޫންގެ މަސައްކަތަށް ދީފައި ވެއެވެ. މީޑިއާނެޓްގެ “އެމް އެސް މޫވީ ޗެލެންޖް”އަށް ހެދި ފިލްމު “ހަށި” މިއީ ހަށި ވިއްކާ އަންހެން ކުއްޖެއްގެ ދިރިއުޅުމަށް އައި އިިންގިލާބަކަށް އަމާޒުކޮށް ހަދާފައިވާ ފިލްމެއް ކަމަށް ޝަނޫން ބުނެއެވެ.

މީޑިއާނެޓްގެ އެމް އެސް ޝޯޓް މޫވީ ޗެލެންޖްގައި ޝަނޫން އާއި އޭނާގެ ޓީމުން ބައިވެރިކޮށްފައިވާ 25 މިނެޓްގެ ކުރު ފިލްމުގައި ހަރަކާތްތެރިވަނީ ރާއްޖޭގެ އެއްމެ ޑިމާންޑް ބޮޑު، ހުނަރުވެރި ތަރި މަރްޔަމް އައްޒަގެ އިތުރުން، ފިލްމީ ދާއިރާގައި ކުރިއަރަމުން އަންނަ މުޙައްމަދު އަފްރާހްގެ އަދި ޔޫޝަޢު އެވެ. މި ފިލްމުގެ ޑައިރެކްޓަރެއްގެ ގޮތުގައި ޝަނޫން މަސައްކަތްކޮށްފައިވާއިރު އޭނާގެ އުއްމީދަކީ މި ފިލްމަކީ ބެލުންތެރިންނަށް ވަރަށް ކަމުދާ ގޮތަކަށް ގެނެސްދެވިފައިވާ ފިލްމެއްކަމަށް ވުން ކަމުގައި ޝަނޫން ބުނެފައި ވެއެވެ.

“އަޅުގަނޑުމެންގެ މުޖުތަމަޢު ތެރޭގައި ވިސްނާލަން ޖެހޭ، މެސެޖް ދޭން ޖެހޭ ވަރަށް މުހިއްމު ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި. ‘ހަށި’ މި ފިލްމަކީ އޭގެ ތެރެއިން ވަރަށް މުހިއްމު ކަމަކަށް ފޯކަސްކުރެވިގެން ގެނެވިފައިވާ ފިލްމެއް. އާދެ މި ފިލްމުގަ މި ދައްކައިދެނީ ހަށިވިއްކާ އަންހެން ކުއްޖެއްގެ ދިރިއުޅުން. އޭނަ ކައިރިއަށް ހަށިގަންނަން ދާ މީހެއްގެ ފަރާތުން ފެންނަ ތަފާތު ކަންތައްތަކެއް، އާދަޔާ ޚިލާފު ކަންތައްތަކެއް ޙަޤީގަތުގަ މި ފިލުމުން މި ދައްކުވައިދެނީ. އަޅުގަނޑު ޔަޤީންކުރަނީ މި ފިލްމުން މުޖުތަމައަށް ރަނގަޅު މެސެޖެއް ލިބޭނެ ކަމަށް. އަދި ބެލުންތެރިން މި މެސެޖް ބަލައިގަންނާނެ ކަމަށް.” މި ފިލްމާ މެދު ޝަނޫން ބުނެފައިވެ އެވެ.

މިއީ ޝަނޫން އަލަށް ލިޔުނު ސްކްރީންޕްލޭ އަށް އޭނާ އަލަށް ކޮށްފައިވާ ޑައިރެކްޝަން ދައްކުވައިދޭނެ ފިލްމެކެވެ. ޝަނޫން ބުނީ މި ފިލްމު މީޑިއާނެޓުން ދައްކަން ފެށުމާއެކު ބެލުންތެރިންގެ ފަރާތުން ވަރަށް ޕޮޒިޓިވް ކޮމެންޓްތަކެއް ލިބެމުން އަންނަ ކަމަށެވެ.

“ޚާއްޞަ ގޮތެއްގަ މި ސްޓޯރީ ގެނެސްދީފައިވާ ގޮތާ އޭގެން ލިބޭ މެސެޖާ ގުޅޭގޮތުން ނުދަންނަ ފަރާތްތަކުންވެސް ވަރަށް ގިނަ ކޮމެންޓްތަކެއް ލިބެމުން ދާކަން ފާހަގަކުރަން. އަޅުގަނޑު އުއްމީދުކުރަނީ ހަމަ އަދި އިތުރަށްވެސް ބެލުންތެރިން މީތި ބަލާފަ އަޅުގަނޑުމެންނަށް އިތުރު ކޮމެންޓްތައް ކުރަމުން ދާނެ ކަމަށް.” ޝަނޫން އިތުރަށް ފާހަގަކުރިއެވެ.

ޝަނޫންގެ އަލަތު ޑައިރެޝަން ފެނިގެންދާ “ހަށި” ފިލްމަށް ވަނަ ހޯދައިދިނުމަށް ބެލުންތެރިންނަށް ކޮށްދެވޭނެ ކަމަކީ އެމް އެސް ޓީވީގެ ކޮންމެ ޔޫޒާރއަކުން އެއް ފަހަރު ފިލްމު ބަލައިލުން ކަމަށް ޝަނޫން ފާހަގަކުރި އެވެ. ޝަނޫން އަދި އޭނާގެ ޓީމުގެ އުއްމީދަކީވެސް އެއީ އެވެ. ޝަނޫން ހުރީ އޭނާގެ އަލަތު ޑައިރެކްޝަނަށް ލިބޭ ކޮންމެ ފާޑު ކިޔުމެއްވެސް އުފަލާއެކު ބަލައިގަންނަން ތައްޔާރަށެވެ.

މީގެ ކުރިން “މަލިކު ދަތުރު”ގެ ނަމުގައި ކާމިޔާބު ޑޮކިއުމެންޓްރީ ސީރީޒެއް ޝަނޫން އާއި އޭނާގެ ޓީމުން އުފައްދާފައިވެ އެވެ. މި ސީރީޒް ބައިސްކޯފުން މިހާރުވެސް ބަލައިލެވެން ހުންނާނެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.