އިސް ބަޠަލުންގެ ގޮތުގައި ކާތިކް އާރްޔަންއާއި ކިއާރާ އަދުވާނީ ފެނިގެންދާ “ބޫލް ބުލައްޔާ 2” ހުކުރު ދުވަހު ރިލީޒްކުރުމާ އެކު ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު، ފިލްމަށް ސަޕޯޓަރުންގެ ތަޢުރީފުވެސް އަންނަނީ އޮހެމުންނެވެ. ސިނަމާތަކުގައި ކާމިޔާބުކަމާއެކު “ބޫލް ބުލައްޔާ 2” ދައްކަމުން އަންނައިރު، ފިލްމީ ވިޔަފާރީގެ ތަޖުރިބާކާރުން މިވަނީ މިފިލްމަކީ ކާތިކް އާރްޔަންގެ އެންމެ ހިޓް ފިލްމަށް ވާނެކަމަށް ލަފާކޮށްފަ އެވެ.

ކާތިކް އަދި ކިއާރާގެ އިތުރުން ތައްބޫ އާއި ރާޖްޕަލް ޔަދަވް ފެންނަ، “ބޫލް ބުލައްޔާ 2” ރިލީޒްކުރި ދުވަހު އެކަނި ވެސް 14.11 ކްރޯޑް ރުޕީސް ފިލްމަށް ލިބުނެވެ. މިއީ ކާތިކް ލީޑު ރޯލުން ފެންނަ ފިލްމެއް ރިލީޒްކުރި ދުވަހު އެހާ ބޮޑު ތަރުހީބެއް ލިބުނު ފުރަތަމަ ފަހަރެވެ. އެހެންކަމުން މި ފިލްމުގެ ތިންވަނަ ބައިގެ ލީޑަށް ކާތިކް ނަގާނެ ކަމަށް މިވަނީ ބެލެވިފައެވެ. ކުރިއަށް އޮތް 2 އަހަރު ތެރޭގައި “ބޫލް ބުލައްޔާ 3” ނެރޭނެ ކަމަށް މަސްދަރުތައް ބުނެއެވެ.

“ބޫލް ބުލައްޔާ 2” އަށް ލިބެމުން އަންނަ ކާމިޔާބީއާއި ގުޅިގެން ބޮލީވުޑަށް ލިބިފައިވާ ހަނަފަސްކަމަށް ނިމުމެއް ގެނުވައިފި ކަމަށް ބޮލީވުޑްގެ ނޫސްތަކުން ސިފަކުރެއެވެ.

މި ފިލްމަށް މިމަހުގެ 21 ވަނަ ދުވަހުގެ ރެއާއި ހަމައަށް އައިއިރު ގާތްގަނޑަކަށް 18 ކްރޯޑް ރުޕީސް ލިބިފައިވާކަމަށް ރިޕޯޓްތައް ބުނެ އެވެ.

އަނީސް ބަޒްމީ ޑައިރެކްޓްކޮށްފައިވާ “ބޫލް ބުލައްޔާ 2” ކޯ ޕްރޮޑިއުސްކޮށްފައިވަނީ ބޫޝަން ކުމާރާއި ކްރިޝަން ކުމާރާއި މުރާދު ޚެތާނީ އަދި އަންޖުމް ޚެތާނީ އެވެ.

މި ފިލްމުގެ ސްޓޯރީލައިންގައި ދައްކުވައިދެނީ ސައިކިކް ބާރު ހުންނަކަމަށް ހެދިގެން އުޅޭ މަކަރުވެރި ރުހާން، ޓާކޫރެއްގެ ގަނޑުވަރަށް ގެނެސްގެން މަންޖޫލިކާ އަލުން އަނބުރާ ގެނައުމަށް ކުރާ މަސައްކަތްތަކެކެވެ. ނަމަވެސް އުއްމީދުކުރި ގޮތާ ޚިލާފަށް މައްސަލަތައް އިތުރަށް ގޯސްވެ މަޖާ އެތައް ކަންތައްތަކެއް މި ބިރުވެރި-މަޖާ ފިލްމުގައި ދައްކުވައިދެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.