ފިލްމު “ޖުގް ޖުގް ޖިޔޯ”ގެ ސްކްރިޕްޓް އަދި އޭގައި ހިމެނޭ ލަވައެއް ނަކަލުކުރިކަމުގެ ތުހުމަތާއެކު މަޝްހޫރު ޕްރޮޑިއުސަރ/ޑައިރެކްޓަރ ކަރަން ޖޯހަރް ހޫނުފެނަށް ވެއްޓިއްޖެ އެވެ. މިގޮތުން ބައެއް ފަންނާނުން ވަނީ އެމީހުންގެ ހުއްދަނެތި އެމީހުންގެ ފިކުރީމުދާ ވަގަށްނެގި ކަމުގެ ތުހުމަތުކޮށްފަ އެވެ.

މިގޮތުން ވިޝާލް ސިންގް ނަމަކަށް ކިޔާ ލިޔުންތެރިއަކު އޭނާގެ ޓްވިޓާ އެކައުންޓު މެދުވެރިކޮށް ކަރަން ޖޯހަރާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ޓްވީޓްތަކެއް ކޮށްފައިވެ އެވެ. ވިޝާލް ހާމަކުރި ގޮތުގައި އޭނާ ‘ބަނީރާނީ’ގެ ނަމުގައި ލިޔެފައިވާ ސްކްރިޕްޓެއްގެ ކޮޕީއެއް ދަރްމާ ޕްރޮޑަކްޝަންސް އާއި އެކު ރަސްމީކޮށް ކޯ ޕްރޮޑިއުސް ކުރުމަށްޓަކައި ފޮނުވި ކަމަށެވެ. ނަމަވެސް ދަރްމާ ޕްރޮޑަކްޝަނުން އެކަމަށް އިޖާބައެއްދީފައި ނުވާއިރު، އޭނާގެ ހުއްދަ ނުހޯދައި، “ޖުގް ޖުގް ޖީޔޯ”ގެ ނަމުގައި ‘ބަނީރާނީ’ އުފައްދާފައިވާ ކަމަށެވެ.

“ބަނީ ރާނީގެ ނަމުގައި 2020 ޖެނުއަރީގައި އަހަރެން ވާހަކައެއް ރެޖިސްޓްރީކުރިން. ރަސްމީކޮށް އެ ވާހަކަ ދަރްމާ ޕްރޮޑަކްޝަނަށް އަހަރެން މެއިލްކުރީ 2020 ފެބްރުއަރީގަ، އެމީހުންނާއެކު އެއަށް ފިލްމެއް ހެދުމަށް މަސައްކަތް ކުރެވޭނެ ކަމަށް. އެމީހުންގެ ފަރާތުން ޖަވާބުވެސް ލިބުނު. އަހަރެންގެ ވާހަކަ ގެންގޮސްގެން އެމީހުން އެއަށް ހެދީ “ޖުގް ޖުގް ޖިޔޯ”. މިއީ އެއްވެސް އިންސާފެއް ނޫން ކަރަން ޖޯހަރް!” ކަރަންއަށް ޓެގްކޮށް ވިޝާލް ޓްވީޓްކުރިއެވެ.

ކަރަން ޖޯހަރާއެކު ކޮށްފައި އީމެއިލްގެ ސްކްރީން ޝޮޓްތަކެއް ވެސް ވިޝާލް އާއްމުކުރި އެވެ. “އަހަރެން ހިއްސާ މިކުރި ‘ބަނީރާނީ’ގެ ސިނޮޕްސިސް ކިޔާލަބަ. އެއީ އަހަރެން ދަރްމާ ޕްރޮޑަކްޝަނަށް 2020 ފެބްރުއަރީގަ ފޮނުވި ސިނޮޕްސިސް. ސިނޮޕްސިސް ކިޔާފަ “ޖުގް ޖުގް ޖިޔޯ”ގެ ޓްރެއިލަރ ބަލާފަ ނިކަން އަމިއްލައަށް ޖަޖްކޮށްލަބަލަ.” ސްކްރީންޝޮޓްތައް ޓްވީޓްކުރަމުން ވިޝާލް އިތުރަށް ތަފުސީލުދީފައި ވެއެވެ.

“މަށަށް މި ދިމާވި ކަންތައް މިއީ ހިންދީ ސިނަމާގައި ހިނގަމުން އަންނަ ކަމެއްކަން މަށަށް އެނގޭ. ނަމަވެސް އޭގެ މާނައަކީ އަހަރެން ހަނު ހުރުމެއް ނޫންދޯ؟ އަހަރެން މިކަމާ ދެކޮޅަށް މި ތެދުވީ މިއީ ހުއްޓަން ޖެހޭ ގޯސް އާދައަކަށް ވާތީ. މިއީ އަބަދަށް މިކަން ހިނގައިގެންވާނެ ކަމެއް ނޫން.” ވިޝާލްގެ އެހެން ޓްވީޓެއްގައި ބުންޏެވެ.

މީގެ އިތުރުން ޕާކިސްތާނުގެ ލަވަކިޔުންތެރިޔާ އަބްރާރުލް ޙައްޤުގެ ލަވަ “ނަޗް ޕަންޖާބަން” މި ފިލްމުގައި ބޭނުންކޮށްފައިވާ މައްސަލަ ފެންމަތިވެ ކަރަން އިތުރަށް ބަދުނާމުވެފައި ވާކަން ފާހަގަކޮށްލެވެ އެވެ. ކަރަން ޖޯހަރަށް ‘ނަޗް ޕަންޖާބަން” ބޭނުންކުރުމުގެ ހުއްދަ ދީފައި ނުވާނެ ކަމަށް އަބްރާރުލް ޙައްޤު ބުނެއެވެ.

“އަހަރެންގެ ލަވަ ‘ނަޗް ޕަންޖާބަން’ ނުވިއްކަން އިންޑިއާގެ ފިލްމުހަދާ އެއްވެސް ބަޔަކަށް. އެހެންކަމުން އަހަންނަށް މި ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ދިއުމުގެ ހައްޤު މަށަށް އެބަ އޮތް. ކަރަން ފަދަ ޕްރޮޑިއުސަރެއް މިހެން ލަވަ ކޮޕީކޮށްގެން ބޭނުންކޮށްގެން ނުވާނެ. މިއީ މިގޮތަށް ކޮޕިީކުރި އަހަރެންގެ 06ވަނަ ލަވަ. މިއީ މިހެން މިކަން ހިނގިޔަދީގެން ވާނެ ކަމެއް ނޫން.” ދަރްމާ ޕްރޮޑަކްޝަން އަދި ކަރަންއަށް ޓެގްކޮށް އަބްރާރް ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވެއެވެ.

ނަމަވެސް މިކަމާމެދު ޓީ-ސީރީޒުން ބުނާ ވާހަކަ ތަފާތެވެ. “އަހަރުމެން ވާނީ ޤާނޫނީ ގޮތުން މި ލަވަ ބޭނުންކުރުމުގެ ހުއްދަ 01 ޖެނުއަރީ 2002ގައި މި ލަވަ ‘ނަޗް ޕަންޖާބަން’ އަލްބަމް މެދުވެރިކޮށް ނެރުނު އައިޓިއުންސް އިން ގަނެފަ.”

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.