ސާދަ ވަނަ ފަންގިފިލާ އިމާރާތުގެ އެގާރަވަނަ ފަންގިފިލާ އަކީ އަހަރެން މަސައްކަތް ކުރާ ސެކްޝަން ހުންނަ ފަންގިފިލާއެވެ. އަހަރެން އިނީ އެދުވަހު ކޮންމެހެން ނިންމަންޖެހޭ މަސައްކަތެއް ނިންމުމަށް މޭޒު ދޮށުގައެވެ. އަވަހަށް ނިންމަން ޖެހޭ މަސައްކަތެއް ނިންމުމަށް އަހަރެން އުޅުނީ އަވަދިނެތިއެވެ. އަހަރެން ލިޔަން އިން ގަލަން މޭޒު ދަށަށް ވެއްޓުމުން ގަލަންވީ ހިސާބެއް ބަލައިލުމަށް އަހަރެން ގުދުވެލީމެވެ. އަހަރެން ސިއްސައިގެން ދިޔައީ ފައި ކައިރީގައި ކުރައްޕެއް އޮއްވާ ފެނިގެންނެވެ. ކުރައްޕަކީ އަހަރެން ބިރުގަންނަ އެއްޗަކަށް ނުވިޔަސް އެވަގުތު ސިއްސައިގެން ދިޔައީ ކީއްވެ ކަމެއް އަހަރެންނަކަށް ނުވިސްނުނެވެ. ގަލަން އޮތީ ކުރަފި ކައިރީގައެވެ. ބަލާކަށް ނުހުރެ އަހަރެން ހަމަލަ ދިނީ ކުރަފިން ސަލާމަތް ވުމަށެވެ. ނަމަވެސް އަހަންނަށް ވުރެ އޭތި މާ ހުޝިޔާރެވެ.

 

މީހުން ބުނެއުޅެއެވެ. މިސަރަހައްދަކީ ކުރިން ވަރަށް ނާމާން ތަނެކެވެ. ކުރިން މީހުން މަރާފައި ހުރި ހިސާބެކޭވެސް މީހުން ކިޔައި އުޅެއެވެ. ނަމަވެސް އެއީ ބޯދާ ވާހަކަ ތަކެއް ކަމަށް އަހަރެން އައީ ގަބޫލުކޮށް އެގޮތަށް އެހެން މީހުންނަށް ވެސް ވިސްނައިދެމުންނެވެ. ޖިންނި އަކީ އުޅޭ އެއްޗެއް ނަމަވެސް އެއަށް އަހަރެމެން ގޯނާ ނުކުރާހާ ހިދަކު އެވެސް އަހަރެމެންނަށް ގޯނާއެއް ނުކުރާނެވެ. ނަމަވެސް އެދުވަހަށްފަހު އަހަރެން ހުންނަނީ ގޮތް ނޭގޭ ބިރުވެރިކަމެއްގައެވެ. ލިފްޓަށް އެރިޔަސް ހިތަށް އަރަނީ ކޮންމެވެސް މީހަކު އަބަދު ގާތުގައި ހުންނަހެންނެވެ. މިވަމުންދާ ކަންތަށް އަހަރެން އެއްވެސް މީހަކަށް ކިޔައި ނުދެމެވެ. އެމީހުންގެ މަލާމާތް ލިބިދާނެތީއެވެ. އަހަރެންނަކީ ޖިންނި ފުރޭތަ އަކީ ފްލޯކް ވާހަކަތަކެއްކަން އެންމެންގެ ބޮލަށް ވިސްނައިދޭން މަސައްކަތް ކުރަމުންދާ މީހަކަށް ވާތީއެވެ. އެހެންވުމާއި އެކު އެއްވެސް ޖެހިލުމެއް ނުވާކަމަށް ހަދައިގެން ހަމަ ހުނަންނީއެވެ.

“ކުރައްޕެއް ތިއިނީ” ނުސްރާ ބާރަކަށް ހަޅޭލަވައިގަތް އަޑަށް އަހަރެން ފަހަތަށް ބަލައިލިއިރު ފާރުގައި ދެކުރަފި އިނެވެ. އަހަރެން ބޫޓް ނަގައި މަޑުމަޑުން ގޮސް އެއާއި އަރައި ހަމަވިތާނަ ކުރަފި އުދުހިގެންގޮސް ގެއްލިޖެއެވެ.

“ތީނައަކަށް ތިކަމެއް ނުވާނެ” ނުސްރާ ބުނެލިއެވެ.

“ކީއްވެ ނުވާންވީ. މަވެސް މިއީ ފިރިހެނެކޭ” އެހެން ބުނެފައި އަހަރެން ހިގައިގަތީ ސެކްޝަނުން ބޭރަށް ނިކުތުމަށެވެ. މާދުރަކަށް ނުދެވެނީސް ފަހަތުން މީހަކު ވާހަކަ ދައްކާހެން ހީވާތީ ފަސްއެބުރި ބަލައިލީމެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ހީވި ގޮތް ކަމަށް ހިތައި ހިގައިގަތީ ލިފްޓައި ދިމާލަށެވެ.

“ހާދަ ފިނޑިއޭ” އަހަންނަށް އަޑު އިވުނީ ލީނާގެ އަޑެވެ. ނަމަވެސް ފެންނާކަށް ނެތެވެ. ލީނާ އަކީ ސެކްޝަނުގައި އުޅޭއިރުވެސް ލާނެތް ފާޑަކަށް އުޅޭ މަންޖެއެކެވެ. ނަމަވެސް އަހަންނަށް ވުރެ ކުރިން ލިފްޓަށް މީހަކު އެރިހެން ހީވިއެވެ. އަހަރެން ބިރުން ހުއްޓަކަސް ބިރުގަންނަ ކަމަކަށް ނުދައްކަމެވެ. އެމީހުންގެ ބާރުގެ ދަށަށް އަހަރެން ދާންވީ ކީއްވެހެއްޔެވެ. އަހަރެންނަކީ އިންސާނެކެވެ. އެމީހުންނަށް ވުރެ އަހަރެން ބާރު ގަދަ ވާނެއެވެ.

“ދެން ފައިބަންވީނު” ލިފްޓް ގްރައުންޑް ފްލޯރ އަށް އައުމާއި އެކު ލީނާ ބުނެލިއެވެ. އަހަރެން މިފަހަރު ބިރުގަތެވެ. ހަމަ ޔަގީނުންވެސް އަހަރެންނާއި އެކީ އެގާރަ ވަނަ ފަންގިފިލާ އިން ލީނާ ލިފްޓަކަށް ނާރައެވެ. އަނެއްކާ އަހަރެން ވިސްނުމެއްގެ ތެރޭގައި ހުއްޓާ ލިފްޓަށް އެރީ ނޫންބާއެވެ. ބާރަވަނަ ފަންގިފިލާއަށް ހުއްޓުނުހެން އެއްފަހަރަކު އަހަންނަށް ހީވިއެވެ. އެކަމަކު ބާރަވަނަ ފަންގިފިލާގައި އެއްވެސް ބަޔަކު ނޫޅޭނެއެވެ. ދެން އުޅޭނީ ތޭރަ އަދި ސާދަ ވަނަ ފަންގިފިލާގައެވެ.

 

ހުކުރުވިލޭރެއަށް އިރު އޮއްސުނީވެސް އޮފީހުގައި އިންދައެވެ. މާދަމާ އަށް ނިންމަންޖެހޭ މަސައްކަތްތަކެއް ހުރުމުން ޑިޕާޓްމަންޓްގެ ހުރިހާ ކުދިން ކަހަލަ ގޮތަކަށް އޮފީހުގައި އުޅެމުން ދިޔައެވެ. އަހަރެން ބިރުގެންނެވުމުގެ ގޮތުން އިރު އިރުކޮޅާ ކޮންމެވެސް ކުޑަކުއްޖެއްގެ ވާހަކަ ސެކްޝަން ތެރޭގައި ދައްކާލައެވެ. އަހަރެން އަޑުއިވޭ ކަމަށް ވެސް ނަހަދަމެވެ. އަހަންނަށް މި ފެންނަ ކަންތައް އެމީހުންނަށް ފެންނަ ނަމަ ހާދަ ބިރެއް ގަންނާނެތާއެވެ. އަހަރެންގެ ފައި ދަށުން އުދުއްސައިގަތީ ހަމަ އެއްކަލަ ކުރައްޕެވެ. އެހެން މީހުންނަށް ފެންނަންދެން އަހަރެން ގަސްތުގައި އަޅައިލުލާ އިނީމެވެ. އެފެނިފައި އެހެން މީހުން ތެޅިގަންނާނެ ވަރު ހިތަށް އަރާފައިއެވެ. ވީ އަހަރެން ހީކުރި ގޮތަށެވެ. ކުރަފި ގޮސް އިށީނީ އައިޝާގެ މޭޒުމަތީގައެވެ. ދެން ހީވީ އެތަނަށް ތޫފާނެއް އައިހެންނެވެ. މުޅި ސެކްޝަން ތެރޭ ދުވީއެވެ. އަންހެން ކުއްޖެއް ވިއްޔާ އެކަމުގައި ބައިވެރި ނުވާ ކުއްޖެއް ނެތެވެ. އަހަރެން ނިކުމެގެން ދިޔައީ ފާޚާނާ އާއި ދިމާލަށެވެ. ބާރަ ވަނަ ފަންގިފިލާއަށެވެ. އެތާ އެއްވެސް މީހެއްގެ ހިލަމެއް ނުވާނެތީއެވެ. ފާޚާނާގައި އަހަރެން އިންދާ ލީނާ ގޮވައިލިހެން ހީވިއެވެ. އެއީ އަހަރެންނަށް ހީވި ގޮތް ކަމަށް ހީކޮށް އިނީމެވެ. ނަމަވެސް ދެވަނަ ފަހަރަށް ގޮވައިލުމާއި އެކު އަހަރެން ވަށައިގެން ހޯދައިލީމެވެ. ހީވީ އެއަޑު އައީ ސީދާ ފާޚާނަތެރެއިންނެވެ. ގޮވީ އަހަރެންގެ ނަމުންނެވެ. އަހަރެން ބިރުގަތެވެ. ހުރިގޮތަށް ނިކުމެގެން ދުއްވައިގަންނާނީ ބާއެވެ. ނޫނެކެވެ. މިހެން ހުރެ ނިކުމެއްޖެއްޔާ އެތާ ހުރި ކެމެރާތަކަށް އަހަރެން އަރާނެއެވެ. އެއިރުން އެމީހުން ކިހާ ޖޯކް ޖަހާނެހެއްޔެވެ. އިރުކޮޅަކު މަޑުކޮއްލުމަށްފަހު މަޑުމަޑުން ނިކުމެ ލިފްޓާއި ދިމާއަށް ދުއްވައިގެންފީމެވެ. އެއްވެސް މީހަކު ފެންނަން ނެތުމުން އަހަރެންގެ ބިރުވެރިކަން އިންތިހާއަށް ދިޔައެވެ. އެފަންގިފިލާއަކީ ހުސްކޮށް ހުންނަ ތަނަކަށް ވާތީ އެއްވެސް މީހަކު އެފަންގިފިލާއަކަށް ނާރައެވެ. ލިފްޓާއި އަރާ ހަމަވިތަނާހެން އަހަރެން ހުއްޓުވީ ލީނާއެވެ. އެއީ އިންސާނެއްތޯ ޖިންނިއެއްތޯ ނުބަލާ ސިޑިއާއި ދިމާއަށް ކޮއްޕައިލީމެވެ. އަނިޔާ ވެދާނެހެން ހީވާ ގޮތަކަށެވެ. ލީނާ މަރުވިޔަސް ހެޔޮކަމަށެވެ. އަހަންނަށް ލިފްޓް ހުޅުވޭ ގޮތެއް ނުވިއެވެ. ލިފްޓް ހުރީ ތަޅުލެވިފައެވެ. ލީނާ ކޮބައިތޯ ފަހަތަށް ބަލައިލީމެވެ. ލީނާ ސިޑިމަތިން ފިރުކެމުން ކަހަލަ ގޮތަކަށް އަހަރެންނާއި ދިމާލަށް އާދެއެވެ. މުޅި މީހާ ހުރީ ލެއިން ތަތް ތެޅިފައެވެ. އަހަރެން ބޫޓް ކިބައެއް ނަގައި އަތަށް ހެޔޮވަރު ކޮއްލީމެވެ. ލީނާ އެއައި ގޮތަށް އައިސް އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ. ބަލާކަށް ނުހުރެ އަހަރެން އަތުގައި އޮތް ބޫޓު ކިބައިން ލީނާގެ މޫނުމައްޗަށް ހަމަލަ ދިނުމާއި އެކު ލީނާ އަހަރެންގެ ކަރުގައި ހިފިއެވެ. ނޭވާ ހާސްވެ އަހަރެން ތެޅި ފޮޅުނީއެމެވެ. އެހީއަކަށް އެދި އާދޭސްކޮށް ގޮވަން ފެށީމެވެ. ނަމަވެސް މިގަޑީ އަހަރެންނަށް އެހީވާން އަންނާނީ ކާކުހެއްޔެވެ. އަހަރެން ބިންމަޗަށް ވެއްޓުނެވެ. ކަކުލަށް ވީ ތަދުން ކޮޅަށް ތެދުވާނޭހާ ހިތްވަރަށްވެސް ނުލިބުނެވެ. އަހަރެން ލޯމަރައިލީމެވެ. އެވަގުތު އަހަރެންނަށް އެހީވާން މީހަކު ދުވެފައި ސިޑިން އަރާ އަޑުއިވުނެވެ. އަހަރެން ލޯ ހުޅުވައި ބަލައިލީމެވެ. އަހަރެންނަށް އޮވެވުނީ ކޮޓަރީގައެވެ. އަނބިމީހާގެ ކަރުގައި ބާރަށް ހިފަހައްޓައިގެންނެވެ. ކަރުގައި ރިއްސާތީ އަންހެނުން ތެޅިފޮޅެނީއެވެ. އަހަރެންނަށް ހަމަހޭވެރިކަންވީ ކިރިޔާއެވެ. ހުވަފެނެއް ފެނުނީއެވެ. ތެދުވެ އެނދުގައި އިށީނީމެވެ. އަދި ވިސްނައިލީމެވެ. ރޭގައި އަހަރެންނަށް ނިދުނީ ބިރުވެރި ވާހަކައެއް ކިޔަން އޮއްވައެވެ. އެވާހަކައިން ވީ ގޮތް ހުވަފެނުގައި ފެނުނީ ކަމަށް ވެސް ވެދާނެއެވެ.

= ނިމުނީ =

 

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު އީމާން
މުޙައްމަދު އީމާން އަކީ އޮންލައިން ނޫސްތަކަށް ވާހަކަ ލިޔުމުގައި ދިގު މުއްދަތެއް ހޭދަކޮއްފައިވާ ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް