ދިރާގު ޓީވީ އަދި ދިރާގު ވީޑިއޯ އޮން ޑިމާންޑް ޕްލެޓްފޯމް މެދުވެރިކޮށް ކޮންމެ ހުކުރު ދުވަހަކު މިހާރު ގެނެސްދެމުން އަންނަ އައިފިލްމްސްގެ ފުރަތަމަ ވެބް ސީރީޒް ‘ބިރުވެރި ވާހަކަ’އިގެ ފޯރި އެޕިސޯޑަކަށް ފަހު އެޕިސޯޑަކުން އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިމަހު 17ވީ ހުކުރު ދުވަހު މި ސީރީޒްގެ ތިންވަނަ އެޕިސޯޑް “އެދުން” ރިލީޒްކޮށްފައިވެ އެވެ. މި އެޕިސޯޑްގެ ޓްރެއިލާ ރިލީޒްކުރި ހިސާބުން މިއާމެދު ކުރެވުނު ހީތައް ޔަޤީނާ ގާތަށް ދިމާވެފައި ވިޔަސް، މި ސީރީޒްގެ ނަމުގައި އެ ބުނާ އެދުމަކީ ހީކުރިވަރަށް ވުރެން ތަފާތު އެދުމެއްކަން ފާހަގަކޮށްލެވެ އެވެ.

ހަމަގައިމުވެސް ދިވެހިބަހުގެ މުހާވިރާއެއްގައި ބުނާ ފަދައިން ‘އެދުމެއް ނެތި ވެދުމެއް ނުކުރާނެ’ އެވެ. އެހެންކަމުން މި އެޕިސޯޑްގައި ‘އެދުން’ މިއީ ކިހާވަރެއްގެ ކަމެއްކަން އެނގިގެންދަނީ ވަރުގަދަ ސަސްޕެންސެއްގެ ތެރެއިންނެވެ.

‘ބިރުވެރި ވާހަކަ’އިގެ އެހެން އެޕިސޯޑްތަކާ ޚިލާފަށް މި އެޕިސޯޑްގެ ވާހަކަ ލިޔެފައިވަނީ އިލްޔާސް ވަހީދު (އިއްލެ) އެވެ. އިއްލެގެ ޑައިރެކްޝަން ހިމެނޭ މި އެޕިސޯޑުން ފެނިގެންދިޔަ އަނެއް ތަފާތަކީ މަޝްހޫރު މޫނުތަކެއް ފެނިގެން ދިއުމެވެ. ހަމަ އެހެންމެ މީގެ ލީޑުން ފެނިގެންދިޔަ މައިގަނޑު ތިން ފަންނާނުންގެ މޮޅު އެކްޓިންގެ ވާހަކަ މިއީ ހަމަ ކޮންމެހެންވެސް ފާހަގަކޮށްލަން ޖެހޭ ކަމެކެވެ.

ފިލްމު “ބަވަތި”އިން ނުޒޫގެ ބައްޕަގެ ރޯލުން ފެނިގެންދިޔަ ‘މީހާ’ މަތިން ހަނދާން އެބަހުރިދޯ އެވެ. ގޮނޑިއެއްގައި ވާގިނެތިފައި އިންނަ ބަލިމީހެއްގެ ގޮތުގައި ފެނިގެންދިޔަ ފައިރޫޒް އަކީ މި އެޕިސޯޑްގެ ފިރިހެން ލީޑެވެ. މުނިއަވަސް އަށް އިއްލެ ބުނި ފަދައިން ފައިރޫޒްގެ އެކްޓިންއަކީ ތަފާތު، ހުނަރުވެރި އެކްޓިންއެއްކަން ފާހަގަކޮށްލެވެ އެވެ. ހަމަ އެހެންމެ މި އެޕިސޯޑްގައި ތާތި ދައްކާފައިވާ ތަފާތު ކެރެކްޓަރ ފަހާގަކޮށްލެވެނީ އޭނާގެ ހަށިގަނޑަށް ގެނެސްފައިވާ ލޫޅާފަތިކަމަށްވުރެން ވަކީން ކުޑަކޮށެއް ނޫނެވެ. ދެން ފެނިގެންދަނީ ޝަރާ އެވެ. “އެހެނަސް” ސީރީޒުން އެކްޓިންއަށް ނުކުތް ޝަރާ މި އެޕިސޯޑުން ފެނިގެންދަނީ އިނގިރޭސިބަހުން ބުނާނަމަ ‘ކިލަރ އެންޑް ސެކްސީ ލުކެއް’ގަ އެވެ. މީގައި ޝަރާ ކުޅެފައިވާ ރޯލަކީ ކޮބައިކަން ބުނެފިނަމަ އެޕިސޯޑްގެ ސަސްޕެންސް ގެއްލޭނެއެވެ.

މި އެޕިސޯޑުންވެސް ފެނިގެންދާ މޮޅު މޭކަޕްތައް ކޮށްފައިވަނީ ރުޠުބާ އަޙްމަދު އެވެ. ފައިރޫޒްގެ މޭކަޕާއި ޝަރާގެ މޭކަޕް މިއީ ހަމަ ގައިމުވެސް ބިރުވެރި ވާހަކައެއް ގެނެސްދިނުމަށް ބޭނުންކޮށްލެވޭނެ މޮޅު މޭކަޕެއްކަން ފާހަގަކޮށްލެވެ އެވެ. މި އެޕިސޯޑްގެ މިއުޒިކް ހެދީ ޙުސައިން ތަޢުފީޤް އެވެ. ކެމެރާކުރީ އިސްމާޢީލް މުނައްވަރު އެވެ.

އިތުރަށް ފެނިގެންދާ މުހިންމު ތަރިންގެ ތެރޭގައި ނުޒޫ އަދި ޝަރަފް ހިމެނެއެވެ. ދެން ފެނިގެންދާ ދެ އެކްޓަރުންނަކީ ދާއިރާގެ ސީނިއަރ އެކްޓަރުންގެ ލިސްޓުގެ ކުރީކޮޅާއި ގާތުގައި އުޅޭ ވަރަށް ހުނަރުވެރި ދެ ތަރިންނެވެ. ފިލްމާއި ސީރީޒްތަކުން ތަފާތު މޮޅު އެކްޓިންއެއް ދައްކަމުން އަންނަ މި ދެ ފަންނާނުންގެ ނަންވެސް ހިމަނާލެވެން ނެތްކަން ކުށަކުން ނަޖާ ވެވޭނެކަމަށް އުއްމީދުކުރަމުން އެ ދެ ނަންވެސް ދޫކޮށްލާނަމެވެ.

“އެދުން”ގެ ވާހަކަތައް އިތުރަށް ދައްކާކަށް ނެތީމެވެ. ސީރީޒް ބަލައިލަން މާބޮޑަށް އެެދުންވެރިވެދާނެ އެވެ. އެހެންވިޔަސް މައްސަލައެއް ނެތްތާއެެވެ. ދިރާގު ޓީވީ ނުވަތަ ދިރާގު ޕްލޭ އެޕްލިކޭޝަނުންް މި “އެދުން” ބަލައިލުމުގެ އެދުން ފުއްދައިލެވޭނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.