އެހެން އަހަރުތަކާއި ޚިލާފަށް ފ. ފީއަލީ ކައުންސިލްގެ އިސްނެގުމުގެ މަތިން، މިއަހަރުގެ އަޟްޙާ ޢީދު ރަށުގެ ރައްޔިތުން ގުޅިގެން ފާހަގަކުރުމަށް ވަނީ ނިންމާފައެވެ.

ފީއަލީ ކައުންސިލްގެ މެމްބަރު އަޙުޒަމް ޢަބްދުﷲ ވިދާޅުވީ “މީގެ ކުރިން ރަށުގައި ޢީދު ފާހަގަ ކުރަނީ ޖަމުޢިޔާތަކުގެ މެދުގައި ވަކި ވަކިން ކަމަށެވެ. ނަމަވެސް މިފަހަރުގެ އަޟްޙާ ޢީދު ފާހަގަކުރަން ނިންމާފައިވަނީ ރަށުގެ ކުދި ބޮޑު އެންމެން ބައިވެރިވާ ގޮތަށް “އެންމެން ގުޅިގެން” މިޝިޢާރުގެ ދަށުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.”

އަޟްޙާ ޢީދު ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ޢީދުގެ ފުރަތަމަ ތިން ދުވަހަށް ބަހާލައިގެން ވަރަށް ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. ކައުންސިލްގެ މެމްބަރު އަޙުޒަމް ވިދާޅުވި ގޮތުގައި ޢީދުގެ ޙަރަކާތްތައް ފެށިގެން ދާނީ ބޮޑު ޖަމާޢަތުގައި ކުރެވޭ ފަތިސް ނަމާދަށް ފަހުގައެވެ. ފަތިސް ނަމާދަށް ފަހު ޢީދު ނަމާދު ވެސް ކުރެވޭނީ ބޮޑު ޖަމާޢަތުގައެވެ. ޢީދުނަމާދަށް ފަހު، ކުދިބޮޑު އެންމެންނަށް ޚާއްޞަކޮށްގެން ރަށުގެ ހިއްކި ސަރަޙައްދުގައި ޢީދުސައި އޮންނާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެއަށްފަހު ދެން ކުރިއަށްދާނީ ހަރުބީގައި ރަށުގެ ފިރިހެނުން ޢީދު ހުއްދަ ނެގުމަށް ކައުންސިލް އިދާރާއަށް ދިއުމުގެ ޙަރަކާތެވެ. މީގެ އިތުރުން ޢީދުގެ ތިން ދުވަހުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޙަރަކާތްތަކުގެ ތެރޭގައި ޢުޟްހިޔާ ކަތިލުން، ފެން ޖެހުން، ފަސްމުގޯލި އަދި މަންޑި ކުޅުން ހިމެނެއެވެ.

2022 ވަނަ އަހަރުގެ އަޟްހާ ޢީދަށް ސްޓޭޖު ތައްޔާރުކުރުން – ފޮޓޯ: ކައުންސިލްގެ މެންބަރު އަހުޒަމް އަބްދުالله

އަޙުޒަމް ވިދާޅުވި ގޮތުގައި މިފަހަރުގެ ޢީދުގައި ސަޤާފީ ޙަރަކާތްތައް ކުރިއަށް ގެންދިޔުމުގައި ބަލާނީ ވީހާ ވެސް ބޮޑަކަށް އިހުގެ ގޮތްތަކަށް ގެންދެވޭތޯއެވެ. ސަޤާފީ ޙަރަކާތްތަކުގެ ތެރޭގައި ދަފިނެގުން، ތާރަޖެހުން، ބީރުނެރުން، ކުރުފަލި ޖެހުން އަދި ވެސް އެހެނިހެން ޙަރަކާތްތައް ހިމެނެއެވެ. އަދި މީގެ އިތުރުން ކުޑަކުދިންނަށް ޚާއްޞަކޮށްގެން ޢާއިލީ ހަވީރެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މި ހަވީރަކީ ރަށުގެ ހުރިހާ މުއައްސަސާތަކެއް ގުޅިގެން ކުރިއަށް ގެންދާ ޙަރަކާތެވެ.

އަޙުޒަމް ވިދާޅުވި ގޮތުގައި ރަށުގެ ރައްޔިތުން ގުޅިގެން ފާހަގަކުރާ މި ޢީދު ނިންމާލަން ހަމަޖެހިފައިވަނީ ރޭގަނޑުގެ ކެއުމަކަށްފަހު ރަށުން ބޭރުން ގެނެވޭ މިއުޒިމް ގުރޫޕަކުން ދެވޭ ޝޯވ އަކުންނެވެ.

******

ފ. ފީއަލިން ޢީދަށް ތައްޔާރުވުމަށް ހިންގޭ ހަރަކާތްތަކުގެ ފޮޓޯތަކާއި އިތުރު މަޢުލޫމާތު ހޯދައިލުމަށް ފީއަލީ ކައުންސިލް އިދާރާގެ ރަސްމީ ފޭސްބްކް ޕޭޖަށް ޒިޔާރަތްކޮށްލައްވާ: ފ. ފީއަލީ ކައުންސިލް އިދާރާ

ލިޔުންތެރިޔާގެ ފުރަމަލަ

ރީޝަމް ޢަލީ
ރީޝަމް އަކީ މުނިއަވަސް އޮންލައިންގެ ޚަބަރުލިޔުންތެރިއެއްގެ އިތުރުން މުނިއަވަސް ކްލަބްހައުސްގެ ޕްރޮގްރާމު ހުށައެޅުންތެރިއެކެވެ.