ކަލާޒް ޓީވީގެ ކާމިޔާބު ސްޓަންޓް ރިއަލިޓީ ޝޯވ “ޚަތުރޯން ކޭ ކިލާޅީ” ގެ 12 ވަނަ ސީޒަން ފަށައިފިއެވެ.

ޓެގް ލައިނަކަށް “ބަޗްކޭ ކަހާނ ޖާޔެގާ؟ ކަތުރާ ކަހީ ސޭ ބީ އާޔެގާ!” ބޭނުންކޮށްފައިވާ މި ސީޒަން، ރޭގައި ކަލާޒް ޓީވީން ދައްކަން ފަށާފައިވާއިރު، މި ސީޒަންގައި ޖުމްލަ 14 ބައިވެރިން ހިމެނެއެވެ. މުނިފޫހިފިލުވުމުގެ ދާއިރާގެ މަޝްހޫރު އެތައް މޫނެއް މިފަހަރުގެ ސީޒަނުންވެސް ފެނިގެންދާނެއެވެ.

“ޚަތުރޯން ކޭ ކިލާޅީ 12” ގައި ހިމެނޭ 14 ބައިވެރިންނަކީ ރުބީނާ ދިލައިކް، މޯހިތު މާލިކް، ޝިވާންގީ ޖޯޝީ، ތުޝާރް ކާލިއާ، ސްރިތީ ޖާ، ނިޝާންތު ބަޓް، ފައިސަލް ޝެއިޚް (މރ. ފައިޒޫ)، ޖަންނަތު ޒުބައިރް، ޕްރަތީކް ސެހަޖްޕާލް، އަނޭރީ ވަޖާނީ، އެރިކާ ޕަކާޑް، ރަޖީވް އަދަތިއާ، ކަނީކާ މާން އަދި ޗޭޓްނާ ޕާންޑޭއެވެ.

މި ސީޒަންވެސް ހުށަހަޅައިދެނީ އެންމެ ފަހުގެ 4 ސީޒަނާއެކު ޖުމްލަ 6 ސީޒަން ހުށަހަޅާދީފައިވާ ރޯހިތު ޝެޓީއެވެ. މިއީ ރޯހިތު ހުށަހަޅައިދޭ “ޚަތުރޯން ކޭ ކިލާޅީ” ގެ 7 ވަނަ ސީޒަނެވެ. 2020 ވަނަ އަހަރު ސްޕިން އޮފް ސީޒަނެއްގެ ގޮތުގައި ގެނެސްދިން “ޚަތުރޯން ކޭ ކިލާޅީ – މޭޑް އިން އިންޑިއާ” ވެސް ހުށަހަޅައިދިނީ ރޯހިތުކަން ފާހަގަކޮށްލެވެއެވެ.

ދެކުނު އެފްރިކާގެ ކޭޕްޓައުންގައި ޝޫޓްކޮށްފައިވާ “ޚަތުރޯން ކޭ ކިލާޅީ 12” ގެ ވެސް މެއިން ސްޕޮންސަރަކީ މާރޫތީ ސުޒުކީ ސްވިފްޓްއެވެ. ޝޯވ ކާމިޔާބުކުރާ ބައިވެރިއަކަށް ޓްރޮފީގެ އިތުރުން މާރޫތީ ސުޒުކޯ ސްވިފްޓް ކާރަކާއި ފައިސާގެ އިނާމު ކަނޑައެޅިފައިވެއެވެ.

“ޚަތުރޯން ކޭ ކިލާޅީ 12” ގެ އާ އެޕިސޯޑްތައް ގެނެސްދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފުތާއެއްގެ ހޮނިހިރު އަދި އާދިއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 20:30 ގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.