އެމެޒޯންގެ ކާމިޔާބު ވެބް ސީރީޒް “މިރްޒާޕުރް” ގެ 3 ވަނަ ސީޒަންގެ ތައްޔާރީތައް ފަށައިފިއެވެ.

ޢަލީ ފަޒާލް އަދި ޕަންކަޖް ތުރިޕާޓީ އިސް ރޯލުތަކުން ފެނިގެންދާ މި ވެބް ސީރީޒްގެ އިތުރު މައި ތަރިންގެ ތެރޭގައި ރަސިކާ ދުގަލް، ޝްވޭތާ ތުރިޕާޓީ ޝަރްމާ، ލިލީޕުތު، އިޝާ ތަލްވާރް އަދި ވިޖޭ ވަރްމާ ފަދަ ތަރިން ހިމެނެއެވެ. މި ސީޒަންގެ ކާސްޓަށް ތަރިން އިތުރުވާނެ ކަމެއް ކަށަވަރުވެފައި ނުވާއިރު، ދެވަނަ ސީޒަންގައި ހިމެނުނު ހުރިހާ ތަރިންވެސް މި ސީޒަނުން ފެނިގެންދާނެކަމަށް ޚަބަރުތައް ބުނެއެވެ.

ސީރީޒްގެ މުޅި ކާސްޓާއި ކްރޫން ފިލްމުގެ ޝޫޓިންގ ފެށުމަށް ތައްޔާރުވަމުން އަންނައިރު، ސީރީޒްގެ އިސް ރޯލު ކުޅުނު ޢަލީ ފަޒާލް އަންނަނީ އޭނާ ކުޅުނު ގުއްޑޫގެ ރޯލަށް ތައްޔާރުވުމަށް ރެސްލިންގގެ އަސާސީ ތަމްރީނުތަކެއް ހޯދަމުންނެވެ.

ފަރްހާން އަޚްތަރާއި ރިތޭޝް ސިދުވާނީގެ އެކްސެލް އެންޓަޓެއިންމެންޓުން ޕްރޮޑިއުސްކުރާ މި އެކްޝަން ކްރައިމް ތުރިލާ “މިރްޒާޕުރް” ގެ 3 ވަނަ ސީޒަން ޑައިރެކްޓްކުރާނީ ކުރީގެ 2 ސީޒަންވެސް ޑައިރެކްޓްކުރި ގުރްމީތު ސިންގ އާއި މިހިތު ދޭސާއީއެވެ. ސްކްރީންޕްލޭ ލިޔުނީ ކަރަން އަންޝުމަން، ޕުނީތު ކްރިޝްނާ އަދި ވިނީތު ކްރިޝްނާއެވެ.

ޢަލީ ފަޒާލް އެންމެ ފަހުން ފެނިގެންދިޔައީ މިދިޔަ ފެބްރުއަރީ މަހު ރިލީޒްކުރި ހޮލީވުޑް ފިލްމު “ޑެތު އޮން ދަ ނިލް” އިންނެވެ. “މިރްޒާޕުރް 3” ގެ އިތުރުން އޭނާގެ ކުރިއަށް ހުރި މަސައްކަތްތަކުގެ ތެރޭގައި “ބާނވްރޭ”، “ފުކްރޭ 3″، “ހެޕީ އަބް ބާގް ޖާޔެގީ”، “ކޫފިޔާ” އަދި ހޮލީވުޑް ފިލްމެއް ކަމަށްވާ “ކަންދަހާރް” ހިމެނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.