ބްލޫވޭވް އެންޓަޓެއިންމެންޓުގެ ފުރަތަމަ ވެބް ސީރީޒް “ޔަސްނާ” މީޑިއާނެޓްގެ ވީޑިއޯ ކްލަބުން ގެންނަން ނިންމައި އޭގެ ޓްރެއިލަރ ޢާއްމުކޮށްފި އެވެ. ޢަލީ ރަޝީދު (ގޮޅާ އައްޔަ) ޕްރޮޑިއުސްކޮށް ގެނެސްދޭ މި ސީރީޒްގެ ނުވަދިހަ އިންސައްތަ ޝޫޓްކޮށް ނިންމައި މިހާރު ޕޯސްޓްޕްރޮޑަކްޝަން ކުރިއަށްދާ ކަމަށް މުނިއަވަސް އަށް އައްޔަ ބުނެފައިވެ އެވެ.

“ޔަސްނާ” މިއީ އާމިނަތު ރިނާޒާ ސްކްރީންޕްލޭ ލިޔެފައިވާ 13 އެޕިސޯޑުގެ ޑްރާމާ ސީރީޒެކެވެ. މި ސީރީޒް ޑައިރެކްޓްކުރަނީ ޢަލީ ރަޝީދު (ގޮޅާ އައްޔަ)ގެ އިތުރުން އާމިނަތު ރިނާޒާ އެވެ.

“ޔަސްނާ”ގައި އިސްކޮށް ހަރަކާތްތެރިވާ ތަރިންގެ ތެރޭގައި ޢަލީ އާޒިމް (ދޮން އައްޔަ)، ޢާއިޝަތު ލަހުފާ (ލަހޫ) ހިމެނެ އެވެ. މީގެ އިތުރުން ޢަލީ ޝަމީލް، މަރްޔަމް ހަލީމް، ޢަލީ ޔޫޝަޢު، ފާޠިމަތު ލަޠީފާގެ އިތުރުން އާމިނަތު ސާނާ ހިމެނެ އެވެ.

“މިހާރު މީތި (ޔަސްނާ) މިވަނީ އެމްއެސް ވީޑިއޯ ކްލަބަށް ނަގާފަ. މިހާރު ޓްރެއިލަރވެސް ދަންކަން ފަށައިފި.” އައްޔަ ބުނީ މީތި ރިލީޒްކުރާނެ ވަކި ތާރީޚެއް އަދި ބުނަން ނޭނގޭ ކަމަށާ ނަމަވެސް 90 އިންސައްތަ ޝޫޓިން ނިންމައި ޕޯސްޓްޕްރޮޑަކްޝަންގެ މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށެވެ.

“މިހާރު ޑަބިން އާ އެޑިޓިންގެ ބައިތައް ކުރިއަށް މިދަނީ. މިއީ ވަރަށް ޝޯޓް ޕީރިއަޑެއްގަ ނިންމާލެވުނު ޑްރާމާ ސީރީޒެއް. މިހާ ކުރު މުއްދަތެއްގެ ތެރޭގަ އަޅުގަނޑަށް މިކަން ކޮށް ނިންމާލެވުނީ މީގަ އުޅޭ ކުދިންގެވެސް ވަރަށް ބޮޑު އެއްބާރުލުމެއް ދީގެން.”  ވެބް ސީރީޒް “ޔަސްނާ”ގެ މަސައްކަތްތަކާބެހޭ މަޢުލޫމާތު މުނިއަވަސްއާ ހިއްސާކުރަމުން އައްޔަ ފާހަގަކުރި އެވެ.

“ޔަސްނާ” ވެބް ސީރީޒްގެ ތީމް ލަވައަކަށް ހޮވާފައިވަނީ މިދިޔަ އަހަރު ޑިސެމްބަރު 20 ވަނަ ދުވަހުގެ ރޭ މުނިއަވަސް ކްލަބްހައުސް ވީއައިޕީ ޝޯވް މެދުވެރިކޮށް ރިލީޒްކުރި ’ރިޓްޒް ލިރިކްސް‘ގެ  “ޖަޒްބާތު” ލަވަ އެވެ. މިއީ މަޝްހޫރު ލަވަކިޔުންތެރިޔާ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަ) އަދި މަޝްހޫރުކަން ހޯދާފައިވާ ލަވަކިޔުންތެރިޔާ އާމިނަތު ރާޔާ ކިޔާފައިވާ ވަރަށް ހިތްގައިމު ލޯބީގެ ލަވައެކެވެ.

“މި ދަނޑިވަޅުގަ ރިޒްނީ އަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަން، ރިޓްޒް ލިރިކްސް އިން ވަރަށް ރީތި ލަވައެއް އަޅުގަނޑުމެންގެ ޑްރާމާ ސީރީޒަށް މިވަނީ ދީފަ.” އައްޔަ ފާހަގަކުރި އެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.