ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ކަންގަނާ ރަނައުތު ޑައިރެކްޓްކުރާ ދެވަނަ ފިލްމު “އެމަޖެންސީ” ގެ ވަރުގަދަ ރޯލަކަށް އަނުޕަމް ކޭރް ހަމަޖައްސައިފިއެވެ.

ކަންގަނާ އާއި އަނުޕަމްގެ އިތުރުން މައިގަނޑު ރޯލުތަކުން ފެންނާނެ ތަރިންގެ ތެރޭގައި ޝްރެޔާސް ތަލްޕަޅޭ ، ސާމިރް ކުރާނާ، ރާކޭޝް ޔަދަވް އަދި އަޖޭ ރާއީ ފަދަ ތަރިން ހިމެނެއެވެ.

ކަންގަނާ އިންޑިއާގެ ކުރީގެ ޕްރައިމް މިނިސްޓަރ އިންދިރާ ގާންދީގެ ރޯލު ކުޅޭ “އެމަޖެންސީ” ގައި އަނުޕަމް ކުޅެނީ ޖަޔަޕްރަކާޝް ނާރަޔަންގެ ރޯލުކަން ހާމަކޮށް ކަންގަނާގެ ފިލްމު ކުންފުނި މަނިކަރްނިކާ ފިލްމްސްގެ މީސްމީޑިއާ މަންސަތަކުގައި އާންމުކޮށްފައިވެއެވެ.

ކަންގަނާ ރަނައުތުގެ ވާހަކައަކަށް ރިތޭޝް ޝާހް ސްކްރީންޕްލޭ އާއި ޑައިލޮގްތައް ލިޔެދީފައިވާ “އެމަޖެންސީ” އަކީ ކަންގަނާ އާއި ރޭނޫ ޕިޓީ ޕްރޮޑިއުސްކުރާ ފިލްމެކެވެ. ފިލްމުގެ ޝޫޓިން ފަށާފައިވާއިރު، ފިލްމު ރިލީޒްކުރާނެ ތާރީޚެއް އަދި އިޢުލާނެއް ނުކުރެއެވެ.

އެންމެ ފަހުން “ދާކަޅް” އިން ފެނުނު ކަންގަނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި “އެމަޖެންސީ” ގެ އިތުރުން ކަންގަނާ ޕައިލެޓެއްގެ ރޯލުން ފެނިގެންދާ “ތޭޖަސް” އާއި އަލައުކިކް ދޭސާއީގެ “ދި އިންކާނޭޝަން: ސީތާ” ހިމެނެއެވެ. އޭގެ އިތުރުން އޭނާ ޕްރޮޑިއުސް ކޮށްފައިވާ ބްލެކް ކޮމެޑީ “ޓީކޫ ވެޑްސް ޝޭރޫ” އަކީވެސް މަސައްކަތް އެއްކޮށް ނިމިފައިވާ ފިލްމެކެވެ. ރިލީޒްކުރާނެ ތާރީޚެއް އަދި ކަނޑަނާޅާ އެ ފިލްމުގެ ލީޑުގައި ހަރަކާތްތެރިވަނީ ނަވާޒުއްދީން ސިއްދީޤީ އާއި އަވްނީތު ކައުރްއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.