– ވިސިޓް މޯލްޑިވްސް ޕްރޯ 2022 – އައި.ބީ.ސީ ބޮޑީބޯޑިންގް ވޯލްޑް ޓުއާރ
ވިސިޓް މޯލްޑިވްސް ޕްރޯ 2022 – އައި.ބީ.ސީ ބޮޑީބޯޑިންގް ވޯލްޑް ޓުއާރގެ ޕާރޓްނަރަކަށް ވުމަށް މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް (އެމް.ޔޫ.އެމް) އިން މޯލްޑިވްސް ބޮޑީބޯޑިންގ އެސޯސިއޭޝަން (އެމް.ބީ.ބީ.އޭ) އާއި އެކީ އެއްބަސްވެއްޖެއެވެ.
ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ޖުލައި 29 ވަނަ ދުވަހުން ފެށިގެން އޮގަސްޓް 7ގެ ނިޔަލަށް ހިނގާ މި އިވެންޓްގައި ކޮންމެ ރެއަކުވެސް ދިވެހި ފަންނާނުންގެ މިއުޒިކީ ހަރަކާތްތަކެއް ފެނިގެންދާނެއެވެ.
މި އިވެންޓުގައި ބައިވެރިވުމަށް ޝައުގުވެރިވާ ބޭންޑުތައް، އެމް.ޔޫ.އެމްގެ ވެބްސައިޓު (www.musiciansunion.mv) މެދުވެރިކޮށް ރެޖިސްޓަރީވުމަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން ބާއްވާ މި އިވެންޓުގައި ރާއްޖެއިންނާއި ރާއްޖެއިން ބޭރުން 100އަށް ވުރެން ގިނަ އެތުލީޓުން ބައިވެރިވާނެއެވެ. 2022 ވަނަ އަހަރުގެ އައި.ބީ.ސީ ވޯލްޑް ބޮޑީބޯޑިންގް ޓުއާރ ފެށިގެން ދިޔައީ މި އަހަރުގެ ކުރީކޮޅު ޕެރޫގައި ބޭއްވި ‘ލޫރިން ޕްރޯ’ އިވެންޓުގައެވެ. ޕެރޫ އާއި ދިވެހިރާއްޖޭގެ އިތުރުން މި ޓުއާރގެ އިވެންޓުތައް ޗިލީ، ބްރެޒިލް، ހަވާއީ، މެކްސިކޯ، އޮސްޓްރޭލިއާ، ދެކުނު އެފްރިކާ، ޕޯޗުގަލް، ފަރަންސޭސިވިލާތާއި، ސްޕެއިންގައި ކުރިއަށް ދާނެއެވެ.
2013 ވަނަ އަހަރު އުފެއްދުނު މޯލްޑިވްސް ބޮޑީބޯޑިންގ އެސޯސިއޭޝަން އަކީ ބޮޑީބޯޑް ކުރާ އެތުލީޓުންނަށް ފަހި ފުރުސަތުތައް ހޯދައިދިނުމަށް، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ. ދިވެހިރާއްޖޭގައި ހުރި ފާހަގަކޮށްލެވޭ ރާޅުތައް ހިމާޔަތްކުރުމަށާއި، ދިވެހިރާއްޖޭގެ ވޯޓާސްޕޯޓްސް ދާއިރާގައި މަސައްކަތްކުރަމުންދާ ފަރާތްތަކުގެ ދިރިއުޅުން ހިމާޔަތްކުރުމަށް މަސައްކަތްކުރުމުގެ އިތުރުން، އެމް.ބީ.ބީ.އޭއިން ބޮޑީބޯޑިންގްގެ ޕްރޮފެޝަނަލް އިވެންޓްތައް ރާވައި، ހިންގާ، ކުޅިވަރާއި ގުޅޭ ގަވާއިދުތައް ތަންފީޒުކޮށް، ދިވެހިރާއްޖޭގައި ބޮޑީބޯޑް ކުރާ އެތުލީޓުންނަށް ހިތްވަރާއި ހިދުމަތް ދެމުންދެއެވެ.
އިންޓަނޭޝަނަލް ބޮޑީބޯޑިންގް ކޯޕަރޭޝަން (އައި.ބީ.ސީ)އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑީބޯޑް ކުރުން ތަމްސީލުކޮށް، ހުރިހާ ފެންވަރެއްގައި ބޮޑީބޯޑްކުރުން ކުރިއަރުވާ، ބޮޑީބޯޑިންގް އިވެންޓްތައް ރާވައި، އިމްތިޒާމްކުރާ، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ.
ދިވެހިރާއްޖޭގެ އެތުލީޓުންނަށް ހިތްވަރުދީ، މި ގައުމުގައި ސްޕޯޓްސް ޓުއަރިޒަމް ކުރިއެރުވުމަށް ލިބުނު މި ފުރުސަތައް މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް (އެމް.ޔޫ.އެމް) އިން ނުހަނު ޝުކުރުވެރިވާކަމަށް އެ ޔޫނިއަނުން ބުނެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!