ލޭހަދިޔާކުރުމާއި ގުޅުންހުރި އާންމު ބައެއް ގަވާޢިދުތައް
ރަގަޅު ޞިއްޙަތެއްގައި ހުރުން
* އުމުރު: 60-17 އަހަރާއި ދެމެދު : ލޭހަދިޔާކުރެވޭ އެންމެ ދަށް އުމުރަކީ 16 ނުވަތަ 17 އަހަރެވެ. މިއުމުރުގެ ކުއްޖަކު ލޭހަދިޔާކުރަން ފިޓްވާނަމަ ލޭހަދިޔާކުރެވޭނީ މައިންބަފައިންގެ ރުހުން ލިބިގެންނެވެ. އުމުރުމަތިވެގެން ލޭހަދިޔާ ނުކުރެވޭނެ ވަކި އުމުރެއް ނޯވެއެވެ. މިކަން ބިނާވެފައި އޮންނަނީ އުމުރުން ދުވަސްވުމާއެކު އެމީހެއްގެ ޞިއްޙީ ޙާލަތު ހުރިނެތް ގޮތެއްގެ މައްޗަށެވެ.
* ބަރުދަން: 50-45 ކިލޯ ވަރު މަދުވެގެންހުރުން : 45 ކިލޯއަށްވުރެ ލުއިނަމަ ލޭހަދިޔާކުރުން އެދެވިގެން ނުވެއެވެ. ސަބަބަކީ ލޭހަދިޔާކުރުމުގެ ތެރޭގައި ބޯއަނބުރައި ހޭނެތުން ފަދަ ކަމެއް އެފަދަ މީހުންނަށް މެދުވެރިވެދާނެތީ އެވެ. ލޭހަދިޔާކުރުމުގެ ތެރޭގައި މިފަދަ ކަންތައްތައް (ބޯއަނބުރައި ހޭނެތުން) މަދުންނަމަވެސް މެދުވެރި ވެއެވެ. މިފަދަ ގޮތަކަށް ހޭނެތުން އެންމެ ބޮޑަށް ކުރިމަތިވަނީ 54 ކިލޯއަށްވުރެ ބަރުދަން ލުއި މީހުންނަށެވެ.
* ފިނިހޫނުމިން: 37.4 ޑިގްރީ ސެލްޒިއަސްވުރެ މަތިނުވުން : ހުން މާގަދަނަމަ ނުވަތަ މަތީގައި ހުރިނަމަ ލޭހަދިޔާކުރުން އެދެވިގެން ނުވެއެވެ. ހުންފިލައި ރަގަޅުވަންދެން ލޭހަދިޔާނުކޮށް މަޑުކޮށްލުމަކީ އެންމެ ބުއްދިވެރި ގޮތެވެ.
* ހިތުގެ ވިންދު: މިނިޓަކު 100-80 ފަހަރާއި ދެމެދުގެ މިންވަރަކަށް ވިންދުޖެހުން : ހިތުގެ ވިންދު ޖެހުން މާބޮޑަށް ދަށްނަމަވެސް ނުވަތަ މާބޮޑަށް މަތިވެފައި ހުރި ނަމަވެސް ލޭހަދިޔާކުރުން އެދެވިގެން ނުވެއެވެ.
* ލޭގެ ޕްރެޝަރު: 110/60 – 160/90 އާއި ދެމެދުގައި ހުރުން : ލޭހަދިޔާކުރާ ވަގުތު ލޭމަތިވެގެން ގޮސް 180/100 ގައި ހުއްޓަސް ލޭހަދިޔާކުރެވިދާނެ އެވެ. އަދި ލޭދަށްވެގެން ގޮސް 80/50 ގައި ހުއްޓަސް ލޭހަދިޔާކުރެވިދާނެ އެވެ.
ލޭހަދިޔާކުރާ ފަރާތާއި ކުރެވޭ ސުވާލުތައް
ސ: ތިރީގައި ދެންނެވިފައިވާ އެއްވެސް ބައްޔެއްގެ އަސަރު ހުރޭތޯ ނުވަތަ ބޭސް ބޭނުންކުރައްވަންތޯ؟
* ހަކުރު ބަލި : ހަކުރު ބަލި ޖެހިފައިވާ މީހުން ކެއުމުގައި ބަލައިގެން އުޅެގެން ނުވަތަ ބޭސް ބޭނުންކޮށްގެން ވިޔަސް ހަކުރު ކޮންޓްރޯލްކުރެވިފައިވާނަމަ ލޭހަދިޔާ ކުރެވިދާނެ އެވެ. ނަމަވެސް ހަކުރު ބަލީގައި ދިގުލައި ދިއުމުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުގެ ތެރެއިން ކަމެއް (ގުރުދާފޭލްވުން، ފައިހަލާކުވުން، ލޯހަލާކުވުން، ނާރުތައް ހަލާކުވުން) ކުރިމަތިވެފައިވާނަމަ އެމީހަކު ލޭހަދިޔާކުރުން އެދެވިގެނެއް ނުވެއެވެ. ލޭހަދިޔާކުރަންވާނީ އެންމެ ފަހުން ބޭސް ބޭނުންކުރިތާ 24 ގަޑިއިރު ފަހުންނެވެ. ދިވެހިރާއްޖޭގެ ލޭހަދިޔާ ކުރުމުގެ ސިޔާސަތު ކަނޑައަޅާފައި އޮންނަގޮތުން ހަކުރު ބަލީގެ މީހުންގެ ހަށިގަނޑުން ލެޔެއް ނުނަގައެވެ.
* ލޭމައްޗަށްދިއުން : ލޭމައްޗަށްދިއުން ހުންނަ މީހުން ބޭސް ބޭނުންކުރި ނަމަވެސް، އަދި ބޭސް ބޭނުންނުކޮށް ނަމަވެސް، ލޭ ކަނޑައެޅިފައިވާ ވަކި މިންގަނޑެއްގެ ތެރޭގައި ކޮންޓްރޯލް ކުރެވިފައި ހުންނަނަމަ ލޭހަދިޔާ ކުރެވިދާނެ އެވެ. ލޭހަދިޔާކުރަންވާނީ އެންމެ ފަހުން ބޭސް ބޭނުންކުރިތާ 24 ގަޑިއިރު ފަހުންނެވެ. ދިވެހިރާއްޖޭގެ ލޭހަދިޔާ ކުރުމުގެ ސިޔާސަތު ކަނޑައަޅާފައި އޮންނަގޮތުން ލޭމައްޗަށްދާމީހުންގެ މީހުންގެ ހަށިގަނޑުން ލެޔެއް ނުނަގައެވެ.
* ހިތުގެ ބަލި : އާންމު ގޮތެއްގައި ހިތުގެ ބަލިތައް ހުންނަ މީހުން ( ހިތް ފޭލްވުން، ހިތުގެ ވިންދުޖެހުން ތަރުތީބުނުވުން، ހާޓް އެޓޭކްޖެހުން، ހިތުގެ ވޭލްތަކުގެ މައްސަލަ ޖެހުން ) ލޭހަދިޔާ ކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. އެއީ ލޭހަދިޔާ ކުރުމުގެ ސަބަބުން މިފަދަ މީހުންގެ ފުރާނަ އަށް ނުރައްކާވެދާނެތީ އެވެ. ހާޓް އެޓޭކް ޖެހުމަށްފަހު 6މަހާއި – އަހަރު ދުވަހުގެ މުއްދަތު ފާއިތުވެ، ބޭސް ބޭނުންނުކޮށް އަދި އިތުރު އުދަގުލެއްކުރިމަތި ނުވާނަމަ ލޭހަދިޔާ ކުރެވިދާނެ އެވެ. ހިތުގެ ކަމަކާއި ގުޅުންހުރި މޭގައި ރިހުން (އެންޖައިނާ) ކުރިމަތިވިނަމަ އޭގެ 6 މަސްފަހުން ލޭހަދިޔާ ކުރެވިދާނެ އެވެ. ދިވެހިރާއްޖޭގެ ލޭހަދިޔާ ކުރުމުގެ ސިޔާސަތު ކަނޑައަޅާފައި އޮންނަގޮތުން ހިތުގެ ބަލީގެ މީހުންގެ ހަށިގަނޑުން ލެޔެއް ނުނަގައެވެ.
* ނޭވާހިއްލުން : ނޭވާހިއްލުމުގެ އުދަގޫތައް ކުރިމަތިވެ ގަވާޢިދުން ފަރުވާކުރާ މީހުންނަށް ލޭހަދިޔާއެއް ނުކުރެވޭނެ އެވެ. ނަމަވެސް އުދަގޫތައް މެދުވެރިނުވާ މީހުންނަށް ލޭހަދިޔާ ކުރެވިދާނެ އެވެ. ދިވެހިރާއްޖޭގެ ލޭހަދިޔާ ކުރުމުގެ ސިޔާސަތު ކަނޑައަޅާފައި އޮންނަގޮތުން ނޭވާހިއްލާމީހުންގެ މީހުންގެ ހަށިގަނޑުން ލެޔެއް ނުނަގައެވެ.
ސ: އެއްވެސް އިރެއްގައި ރީނދޫ ހުންޖެހުނުތޯ؟ (ހެޕަޓައިޓިސް)
ޖ: އެއްވެސް އިރެއްގައި ހެޕަޓައިޓިސް ބީ ނުވަތަ ހެޕަޓައިޓިސް ސީ ޖެހިފައިވާނަމަ އެމީހަކަށް ލޭހަދިޔާއެއް ނުކުރެވޭނެ އެވެ. އަދި މިއިން އެއްވެސް ބައްޔަކަށް ޕޮޒިޓިވް ކަމަށް ލޭގެ ޓެސްޓްތަކުން ދައްކައިފިނަމަ ވެސް އެމީހަކަށް ލޭހަދިޔާއެއް ނުކުރެވޭނެ އެވެ. ހަމަ މިގޮތަށް އުމުުރުން 11 އަހަރު ވުމަށްފަހު ވައިރަސް އިން ޖެހޭ ހެޕަޓައިޓިސްގެ ވައްތަރެއް ޖެހިފައިވާނަމަ ވެސް އެމީހަކަށް ލޭހަދިޔާއެއް ނުކުރެވޭނެ އެވެ. ސަބަބަކީ ވައިރަސް އިން ޖެހޭ ހެޕަޓައިޓިސްގެ ވައްތަރު ތަކަކީ ލޭގެ ޒަރީޢާއިން ވެސް ފެތުރޭ ބަލިތަކެކެވެ. ނަމަވެސް ވައިރަސް އަކުން ނޫން ގޮތަކަށް ( މިސާލަކަށް ބޭސް، ބަނގުރާ، ވިހަ މާއްދާތައް ) ހެޕަޓައިޓިސް ޖެހިފައިވިޔަސް އެމީހަކަށް ލޭހަދިޔާ ކުރެވިދާނެއެވެ.
* ވައިރަލް ހެޕަޓައިޓިސް (ހެޕަޓައިޓިސް އޭ، ބީ، ސީ، ސަބަބު ނޭގޭ) ޖެހިފައިވާނަމަ އެއްގޮތަކަށް ވެސް އެމީހަކު ލޭހަދިޔާކުރުމަކީ ރަގަޅުކަމެއް ނޫނެވެ.
* އެއްވެސް އިރެއްގައި ލޭގެ ޓެސްޓަކުން ހެޕަޓައިޓިސް ބީ ސާރފޭސް އެންޓިޖެން އަށް ޕޮޒިޓިވް ވެފައިވާނަމަ އެއްގޮތަކަށް ވެސް އެމީހަކު ލޭހަދިޔާކުރުމަކީ ރަގަޅުކަމެއް ނޫނެވެ.
* ވައިރަލް ހެޕަޓައިޓިސް ޖެހިފައިވާ މީހަކާ އެއްގޭބިސީއެއްގައި އުޅުން ނުވަތަ އެފަދަ މީހަކާއެކު ޖިންސީ ގުޅުން ހިންގާފައިވާނަމަ (އެފަދަ ކަމެއް ހިންގި ދުވަހުން ފެށިގެން) 1 އަހަރު ދުވަހުގެ މުއްދަތަކަށް އެމީހަކު ލޭހަދިޔާކުރުމާއި ދުރުހެލިވާން ޖެހެއެވެ.
ސ: އެއްވެސް ކަހަލަ ބޮޑު އޮޕަރޭޝަނެއް ކޮށްފައިވޭތޯ؟
ޖ: އާދައިގެ އޮޕަރޭޝަނެއް ކޮށްފައިވާނަމަ އެމީހަކަށް ލޭހަދިޔާކުރެވޭނީ އެއްކޮށް ރަގަޅުވުމުންނެވެ. އަދި އެމީހެއްގެ ޞިއްޙަތު ރަގަޅު ޙާލަތަކަށް ބަދަލުވެ، ދިރިއުޅުމުގެ ތަފާތު ކަންތައްތައް ކުރުމުގެ ގާބިލިއްޔަތު ލިބުމުންނެވެ. ބޮޑު އޮޕަރޭޝަނެއް ކޮށްފައިވާ މީހަކަށް ލޭހަދިޔާކުރެވޭނީ އެއްކޮށް ރަގަޅުވުމާއެކު، އޮޕަރޭޝަންކުރިތާ 1 އަހަރު ދުވަސް ފާއިތުވާ ފަހުންނެވެ. ސަބަބަކީ އޮޕަރޭޝަންކުރުމުގެ ތެރޭގައި އެމީހެއްގެ ގަޔަށް ލޭއަޅާފައިވާތީ އާއި، އަދި އެފަދަ އޮޕަރޭޝަނަކަށްފަހު ހަށިގަނޑު ކުރިންހުރި ޙާލަތަށް ފުރިހަމައަށް ރުޖޫޢަވުމަށް އަހަރެއްހާ ދުވަހުގެ މުއްދަތެއް ބޭނުންވާތީ އެވެ.
ސިކުނޑިއާއި ސްޕައިނަލް ކޯޑްގެ އޮޕަރޭޝަންތައް ކޮށްފައިވާ މީހުން ވެސް ލޭހަދިޔާކުރުން އެދެވިގެނެއް ނުވެއެވެ. ހިތުގެ ބައިޕާސް ސާރޖަރީ ހަދާފައިވާ މީހުން 1 އަހަރު ވަންދެން ލޭހަދިޔާކުރުމާއި ދުރުހެލިވާން ޖެހެއެވެ.
ހުންކޮށިނެގުން: ހުންކޮށި ނެގީ ޖިސްމާނީ އަނިޔާއަކުން ހުންކޮށް އަނިޔާލިބިގެންނަމަ، އެކަމުން ރަގަޅުވާތާ 6 މަސްފަހުން ލޭހަދިޔާކުރެވިދާނެ އެވެ. ނަމަވެސް ހުންކޮށި ނެގުމުގެ އޮޕަރޭޝަންގެ ތެރޭގައި ލޭއަޅާފައިވާނަމަ ލޭހަދިޔާކުރެވޭނީ 1 އަހަރު ފަހުންނެވެ. ހުންކޮށި ނެގީ ލިމްފޯމާ، ނުވަތަ އައިޓީޕީ ފަދަ ބައްޔަކަށް ފަރުވާ ކުރުމުގެ ގޮތުންނަމަ އެމީހަކަށް އެއްގޮތަކަށް ވެސް އޭގެ ފަހުން ލޭހަދިޔާއެއް ނުކުރެވޭނެ އެވެ.
ނޯޓް: ތަފާތު އޮޕަރޭޝަންތަކަށްފަހު ލޭހަދިޔާކުރެވިދާނެ މުއްދަތު ބިނާވެގެންވަނީ އޮޕަރޭޝަންގެ ވައްތަރާއި ރަގަޅުވުމަށް ހޭދަވި މުއްދަތެއްގެ މައްޗަށެވެ. އާންމު ގޮތެއްގައި އާދައިގެ އޮޕަރޭޝަނެއް ކުރުމަށްފަހު 3 މަސް ދުވަހު މަޑުކުރަންޖެހެއެވެ. އަދި ބޮޑު އޮޕަރޭޝަނެއް ކުރުމަށްފަހު 6 މަސް ދުވަހު މަޑުކުރަން ޖެހެއެވެ. ސަބަބަކީ އޮޕަރޭޝަންތަކަށްފަހު ހަށިގަނޑުން ބޭރުވެގެންދާ ލޭ އަނބުރާ ލިބުމަށް އެމުއްދަތު ހޭދަވާތީ އެވެ.
ސ: މިދުވަސްވަރު ހުން އާދޭތޯ؟
ޖ: ހުންއައުން ފަދަ ކަމެއް ކުރިމަތިވެފައިވާނަމަ ހުން ރަގަޅުވަންދެން ލޭހަދިޔާނުކޮށް މަޑުކޮށްލުން ރަގަޅެވެ. މިސާލަކަށް އަރިދަފުސް ރޯގާ ޖެހުމުގެ ސަބަބުން ހުންއައުން، ބޮލުގައި ރިހުން، ކެއްސުން، ކަރުތެރެ ހަލާކުވުން ފަދަ ކަމެއް ކުރިމަތިވެފައިވާނަމަ ވެސް އެކަންތައްތައް ރަގަޅުވަންދެން ލޭހަދިޔާކުރުމާއި ދުރުހެލިވާން ޖެހެއެވެ.
ޑެންގޫ ހުންޖެހި ރަގަޅުވުމަށްފަހު 4 ހަފްތާވަންދެން ލޭހަދިޔާކުރުމާއި ދުރުހެލިވާން ޖެހެއެވެ.
ސ: މިދުވަސްވަރު އެއްވެސް ކަހަލަ ބޭހެއް ބޭނުންކުރަންވަންތޯ؟
ޖ: ކޮންމެ ބޭހަކީ ވެސް އެބޭނުންކުރުމުން އޭގެ އަސަރު ލޭގައި ވަކި މުއްދަތަކަށް ދެމި ހުންނަ ބޭސްތަކެވެ. އެހެންކަމުން ލޭހަދިޔާކުރައްވަން އަންނައިރު ވަކި ކަހަލަ ބޭހެއް ބޭނުންކުރަމުންދާނަމަ އެކަން ބުނެދިނުން މުހިއްމެވެ.
ލޭހަދިޔާކުރާ މީހާ ބޭނުންކުރާ ގިނަ ބޭސްތަކުގެ ސަބަބުން ލޭއަޅާމީހާ އަކަށް ގެއްލުމެއް ނުވެއެވެ. ނަމަވެސް އަންނަނިވި 5 ބޭހަކީ އެބޭސްތައް ބޭނުންކުރަމުންދާ ދުވަސްވަރު ލޭހަދިޔާކޮށްފިނަމަ ލޭއަޅާ މީހާއަށް ލިބޭދަރިފުޅު ޢައިބުވުމުގެ ފުރުޞަތު އިތުރުކުރާ 5 ބޭސްކަން ވަނީ ފާހަގަ ކުރެވިފައެވެ.
* އެޓްރެނިޓޭޓް : މިއީ ސޮރައިސިސް އަށް ފަރުވާކުރުމުގައި ބޭނުންކުރެވޭ ބޭހެކެވެ. މިބޭސް ބޭނުންކުރުމަށްފަހު އެއްގޮތަކަށް ވެސް ލޭހަދިޔާކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.
* އެސިޓްރެޓިން : މިއީ ސޮރައިސިސް އަށް ފަރުވާކުރުމުގައި ބޭނުންކުރެވޭ ބޭހެކެވެ. އެންމެ ފަހުން ބޭސް ބޭނުންކުރިތާ 3 އަހަރު ވަންދެން ލޭހަދިޔާކުރުމާއި ދުރުހެލިވުން އެދެވިގެން ވެއެވެ.
* އައިސޯޓްރެޓިނޮއިން : މިއީ އޮށާޅަ އަށް ފަރުވާކުރުމުގައި ބޭނުންކުރެވޭ ބޭހެކެވެ. އެންމެ ފަހުން ބޭސް ބޭނުންކުރިތާ 1 މަސްވަންދެން ލޭހަދިޔާކުރުމާއި ދުރުހެލިވުން އެދެވިގެން ވެއެވެ.
* ފިނެސްޓިރައިޑް :މިއީ ޕްރޮސްޓޭޓް ބޮޑުވާބަލި، އަދި އިސްތަށި ފޭބުމަށް ފަރުވާކުރުމުގައި ބޭނުންކުރެވޭ ބޭހެކެވެ. އެންމެ ފަހުން ބޭސް ބޭނުންކުރިތާ 1 މަސްވަންދެން ލޭހަދިޔާކުރުމާއި ދުރުހެލިވުން އެދެވިގެން ވެއެވެ.
* ޑުޓެސްޓިރައިޑް :މިއީ ޕްރޮސްޓޭޓް ބޮޑުވާބައްޔަށް ފަރުވާކުރުމުގައި ބޭނުންކުރެވޭ ބޭހެކެވެ. އެންމެ ފަހުން ބޭސް ބޭނުންކުރިތާ 6 މަސްވަންދެން ލޭހަދިޔާކުރުމާއި ދުރުހެލިވުން އެދެވިގެން ވެއެވެ.
* ރަނުގެ ފަރުވާ: ރަނުގެ ފަރުވާ އެންމެ ފަހުން ލިބިގަތުމަށްފަހު 1 މަސްވަންދެން ލޭހަދިޔާކުރުމާއި ދުރުހެލިވުން އެދެވިގެން ވެއެވެ.
* އެސްޕިރިން : އެސްޕިރިން ބޭނުންކުރުމަށްފަހު 2 ދުވަހުގެ ތެރޭގައި ހުސްލޭ (ހޯލް ބްލަޑް) ހަދިޔާކުރެވިދާނެ އެވެ. ނަމަވެސް 2 ދުވަސް ނުވަނީސް އެފީރެސިސްގެ ޒަރީޢާއިން ހަމައެކަނި ޕްލޭޓްލެޓް އެމީހަކަށް ހަދިޔާއެއް ނުކުރެވޭނެ އެވެ.
* ވާރފެރިން: ވާރފެރިން ބޭނުންކުރުމަށްފަހު 7 ދުވަސް ނުވަނީސް ލޭހަދިޔާއެއް ނުކުރެވޭނެ އެވެ. އެއީ އެމުއްދަތުގެ ތެރޭގައި އެކަށޭނަ ވަރަކަށް ލޭގަނޑުކުރާ މާއްދާތައް އުފައްދައި ނުދޭތީ އެވެ.
* އިންސިއުލިން: ހަކުރު ބަލީގެ މީހުން އިންސިއުލިން ޑޯޒްއަށް ބަދަލުގެންނަ ދުވަހުން ފެށިގެން 2 ހަފްތާ ނުވަތަ އިންސިއުލިން ބޭނުންކުރަން ފެށުމަށްފަހު 2 ހަފްތާ ނުވަނީސް ލޭހަދިޔާއެއް ނުކުރެވޭނެ އެވެ.
* އެންޓިބަޔޮޓިކް : އެންޓިބަޔޮޓިކް ބޭނުންކޮށް ނިމޭތާ 5 ދުވަސް ފަހުން ނޫނީ ލޭހަދިޔާކުރުން އެދެވިގެން ނުވެއެވެ. އިންޖެކްޝަން ސިފައިގައި އެންޓިބަޔޮޓިކް ނަގާފައިވާނަމަ އޭގެ 10 ދުވަސް ފަހުން ނޫނީ ލޭހަދިޔާކުރުން އެދެވިގެން ނުވެއެވެ.
* އެންޓިފަންގަލް، އަދި އެންޓިވައިރަލް: އެންމެ ފަހުން މިފަދަ ބޭހެއް ބޭނުންކުރިތާ 2 ދުވަސް ނުވަނީސް ލޭހަދިޔާކުރުން ރަގަޅެއް ނޫނެވެ.
ސ: އެއްވެސް ކަހަލަ ފާރުގަނޑެއް ހަށިގަނޑުގެ އެއްވެސް ތަނެއްގައި ހުރިތޯ؟
ޖ: ހަށިގަނޑުގައި އެއްވެސް ކަހަލަ ފާރުގަނޑެއް ހުރުމަކީ އިންފެކްޝަން އެއް އަށަގެންފައިވާ ކަމުގެ އަލާމާތެކެވެ. އިންފެކްޝަން އެއް ހުރެއްޖެނަމަ ހަދިޔާކުރެވޭ ލޭގެ ޒަރީޢާއިން އެ އިންފެކްޝަން ލޭއަޅާމީހާގެ ހަށިގަނޑަށް ވާޞިލްވުމުގެ ފުރުޞަތު އޮންނާނެ އެވެ. އަދި ފާރުގަނޑެއް ހުރެއްޖެނަމަ އެފާރުގަނޑަށް އިންޖެކްޝަން ކަށިހެރި ނުވަތަ ޖެހުމުގެ ސަބަބުން ލޭގެ ތެރެއަށް ކަށީގައި ހޭކިގެން ޖަރާސީމް ވާޞިލްވުމުގެ ފުރުޞަތު އޮންނާނެ އެވެ.
ސ: އެއްވެސް އިރެއްގައި ލޭއަޅަންޖެހުނުތޯ؟
ޖ: ލޭހަދިޔާކުރާ މީހާ އަކީ އެއްވެސް އިރެއްގައި ލޭއަޅާފައިވާ މީހެއްނަމަ، 6މަހާއި 1 އަހަރު ދުވަހުގެ މުއްދަތެއް ވަންދެން ލޭހަދިޔާކުރުމާއި ދުރުހެލިވުން މުހިއްމެވެ. އަދި އެއްވެސް އިރެއްގައި ލޭއަޅާފައިވާނަމަ އެމީހަކީ ލޭމަދުވުން ކުރިމަތިވެފައިވާ މީހަކަށްވުމަކީ އެކަށީގެންވާ ކަމެކެވެ. ލޭމަދުވުން ކުރިމަތިވެފައިވާ މީހަކު ލޭހަދިޔާކުރުމަކީ ރަގަޅު ކަމެއް ނޫނެވެ. އަދި ލޭހަދިޔާކުރަންދާއިރު ލޭމަދުވުމުގެ އެއްވެސް އުދަގުލެއްވާނަމަ ވެސް ލޭހަދިޔާކުރުން އެދެވިގެނެއް ނުވެއެވެ. ސަބަބަކީ ލޭހަދިޔާ ކުރުމުގެ ސަބަބުން އެމީހެއްގެ ހަށިގަނޑުގައި ލޭއިތުރަށް ދަށްވެ، ބޯއަނބުރައި، ހޭނެތުން ފަދަ ކަމެއް މެދުވެރިވެދާނެތީ އެވެ.
އެހެންކަމުން މިފަދަ މީހަކަށް ލޭހަދިޔާ ކުރެވޭނީ ލޭ ޓެސްޓްކޮށް ލޭގައި ހިމޯގްލޯބިން ހުރި މިންވަރު ބަލައި އެކަށޭނަ ވަރެއްގައި ހުރެއްޖެނަމަ އެވެ.
މަދުން ނަމަވެސް ލޭއަޅަންޖެހޭ ބައްޔެއް ކަމުގައިވާ ސިކްލް ސެލް ބަލި ޖެހިފައިވާނަމަ ލޭހަދިޔާ ކުރުން އެދެވިގެނެއް ނުވެއެވެ.
ސ: ވޭތުވެދިޔަ ގަޑިއެއް ނުވަތަ ބައިގަޑިއެއް ހާއިރުގެ ތެރޭގައި އެއްވެސް ކަހަލަ ފަރިއްކޮޅެއް ބޭނުންކުރެއްވިންތޯ؟
ޖ: ލޭހަދިޔާކުރަން އައުމުގެ ކުރިން އެދެވިގެންވަނީ ރަގަޅަށް ކައިގެން އައުމެވެ. ހައިބަޑާހުރެ ލޭހަދިޔާކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. ހޫނު މާހައުލެއްގައި ދިރިއުޅޭނަމަ ނުވަތަ ހޫނު ދުވަސްވަރެއްނަމަ ލޭހަދިޔާކުރާ ދުވަހުގެ ކުރީދުވަހު ވީހާވެސް ގިނައިން ދިޔާތަކެތި ބުއިން މުހިއްމެވެ. އަދި ލޭހަދިޔާކުރުމުގެ 1 ގަޑިއިރު ކުރިން ރަގަޅަށް ކެއުމާއެކު، މަދުވެގެން 4 ތަށި ފެން ނުވަތަ ޖޫސް ބުއިމަކީ އެދެވިގެންވާ ކަމެކެވެ.
އެކަށޭނަ ވަރަކަށް ދިޔާތަކެތި ހަށިގަނޑަށް ލިބިފައިވާނަމަ، ލޭނާރުތައް ހޯދަން ފަސޭހަވެ، ލޭހިނގުމަށް ފަސޭހަވެއެވެ. ފެނާއި ޖޫސް ބުއިން އެދެވިގެންވާ ފަދައިން ކޯލާ، ކޮފީ، ސޮޑާ ފަދަ ކެފޭއިން އެކުލެވޭ ބުއިންތައް ލޭހަދިޔާކުރަން އައުމުގެ ކުރިން ބޭނުންކުރުން ރަގަޅެއް ނޫނެވެ.
ލޭހަދިޔާ ކުރެއްވުމުގެ ދެތިން ދުވަސްކުރިން ދަގަނޑު ގިނައިން އެކުލެވޭ ކާނާ ބޭނުންކުރުން މުހިއްމެވެ. އެގޮތުން ބޭނުންކުރެވިދާނެ ކާތަކެތީގެ ތެރޭގައި، ޕާން، ބަދަން، އޮށް، ތޮޅި، މުގު، އެއްގަމުމަސް، ކަނޑުމަސް، ބިސް، ޓޮމާޓޯ ޖޫސް، ޕްރޫން ޖޫސް، އާފަލް ޖޫސް، ފެހިކަން ގަދަ ފަތް ، ކަރާ، ދޮންކެޔޮ، ސްޓޯބެރީ، ކަދުރު، ހިކި މޭބިސް ކަދުރު، ވައްތީނި، ޕްރޫން، ހިއްކާފައިހުރި އެޕްރިކޮޓް، ފަދަ ބާވަތްތައް ބޭނުންކުރެވިދާނެ އެވެ. އަދި ހަމަމިހެން ސަރުބީ މަދު ކާނާ ބޭނުންކުރުން ވެސް މުހިއްމެވެ.
ސ: ރޭގައި މަދުވެގެން 6 ގަޑިއިރު އަވަހާރަ ލެއްޕެވިންތޯ؟
ޖ: ދުވާލަކު މަދުވެގެން 6 ގަޑިއިރު ނިދުމަކީ ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށް ވަރަށް މުހިއްމު ކަމެކެވެ. ފުރިހަމަ ނިދި ނުލިބި ހުރެ، ލޭހަދިޔާކޮށްފިނަމަ އެކަމުގެ ސަބަބުން ލޭހަދިޔާކުރާ ފަރާތަށް އުދަގުލެއް ނުވަތަ ނުރައްކަލެއް ކުރިމަތިވުމަކީ ވެދާނެގޮތެކެވެ. މިސަބަބަށްޓަކައި ލޭހަދިޔާކުރަން އޮންނަ ދުވަހުގެ ކުރީރޭ މަދުވެގެން 6 ގަޑިއިރު ނިދިކުރެއްވުން ވަރަށް މުހިއްމެވެ.
ސ: ވޭތުވެދިޔަ 3މަސް ދުވަހުގެ ތެރޭގައި އެއްވެސް ވަރަކަށް ހަށިގަނޑުގެ ބަރުދަން ލުއިވެފައިވޭތޯ؟
ޖ: ހަށިގަނޑުގެ ބަރުދަން ލުއިވުމަކީ ވަރަށް ގިނަ ނުރައްކާތެރި ބަލިތަކުގެ ޢަލާމާތެކެވެ. އެގޮތުން ފާހަގަކުރެވޭ ބައެއް ބަލިތަކުގެ ތެރޭގައި ، ކެއްސުންބަލި، އެއިޑްސް ބަލި، ކެންސަރުގެ ވައްތަރުތައް ހިމެނެއެވެ. ލޭހަދިޔާކުރުމުގެ ކުރިން މިފަދަ ކަމެއް ކުރިމަތިވެފައިވޭތޯ ބަލަންޖެހެއެވެ. ސަބަބަކީ މިފަދަ ބައްޔެއްހުރި ނަމަ ލޭހަދިޔާކުރުމާއި ދުރުހެލިވާން ޖެހެއެވެ. އެއީ ލޭހަދިޔާކުރުމުގެ ތެރޭގައި ތިބާގެ ގައިގައި ހުރި ބަލި ލޭއަޅާމީހާގެ ގަޔަށް ލޭގެ ޒަރީޢާއިން ވާޞިލްވެދާނެތީ އެވެ.
ސ: މީގެ ކުރިން ލޭހަދިޔާކުރައްވަން އުޅުއްވި އެއްވެސް ފަހަރަކު ލޭހަދިޔާ ނުކުރެއްވޭފަދަ އުޒުރެއް މެދުވެރިވިތޯ؟
ޖ: ކުރީފަހަރެއްގައި ލޭހަދިޔާކުރައްވަން އުޅުއްވިއިރު ލޭހަދިޔާ ނުކުރެއްވޭފަދަ އުޒުރެއް ކުރިމަތި ވެފައިވާނަމަ އެކަމެއް ބަޔާންކުރުން މުހިއްމެވެ. އެއީ ބައްޔެއްތޯ، ނުވަތަ ބޭހެއް ބޭނުންކުރާތީތޯ ނުވަތަ އެނޫން ވެސް ކަމެއް މެދުވެރިވެގެން ކަމަށްވާނަމަ އެކަމެއް ބަޔާންކުރުން މުހިއްމެވެ. އަދި މިފަހަރު ލޭހަދިޔާކުރައްވާއިރު އެފަހަރު ކުރިމަތިވި އުޒުރު މިހާރު ވެސް ހުރިތޯ ބަލައި ޔަގީންކުރުން މުހިއްމެވެ. އެފަދަ އުޒުރެއް ނެތްނަމަ ލޭހަދިޔާ ކުރެވޭނެ އެވެ.
މިސާލަކަށް ކުރިން ފަހަރު ލޭހަދިޔާ ނުކުރެވުނީ ލޭމައްޗަށްގޮސްގެން ކަމަށްވެފައި އަދި މިހާރު ލޭހުރީ އެކަށޭނަ މިންގަނޑެއް ކަމުގައިވާނަމަ ލޭހަދިޔާ ކުރެވިދާނެ އެވެ.
ސ: މިއަދު ހުންނެވީ ލޭހަދިޔާ ކުރެއްވޭފަދަ ޞިއްޙަތެއްގައިތޯ؟
ޖ: އަންނަނިވި ޙާލަތްތަކުގައި ލޭހަދިޔާކުރުމުން ދުރުހެލިވާން ޖެހެއެވެ.
* އެލާރޖީ : އެއްޗަކާއި ނުގުޅުމުގެ ސަަބަބުން ނޭވާލާން އުދަގޫވާނަމަ އެކަން ރަގަޅުވަންދެން ލޭހަދިޔާކުރުމާއި ދުރުހެލިވުން ބުއްދިވެރި އެވެ. އެލާރޖީގެ ބޭސް ބޭނުންކުރިޔަސް ލޭހަދިޔާ ކުރެވިދާނެ އެވެ.
* އަރިދަފުސް ރޯގާ: އަރިދަފުސް ރޯގާ ޖެހިފައިވާނަމަ ރޯގާ އެއްކޮށް ރަގަޅުވަންދެން ލޭހަދިޔާނުކޮށް މަޑުކޮށްލުން އެދެވިގެން ވެއެވެ.
* ބޭރަށްހިންގުން: ބޭރަށްހިންގުމަށްފަހު ރަގަޅުވާތާ 1 ހަފްތާފަހުން ލޭހަދިޔާކުރެވިދާނެ އެވެ.
* ކާނާވިހަވުން: ރަގަޅުވާތާ 1 ހަފްތާފަހުން ލޭހަދިޔާކުރެވިދާނެ އެވެ.
* ޖުޒާމު ބަލި : މިބަލި ހުންނަ މީހުން ލޭހަދިޔާކުރުން އެދެވިގެން ނުވެއެވެ.
* ހީމޯކްރޮމަޓޯސިސް: މިބަލި ހުންނަ މީހުން ލޭހަދިޔާކުރުން އެދެވިގެން ނުވެއެވެ.
* ހަދާންނެތޭ ބަލި: މިބަލި ހުންނަ މީހުން ލޭހަދިޔާކުރުން އެދެވިގެން ނުވެއެވެ.
* ހަމުގެ ބަލިތައް : އާދައިގެ ވަރަކަށް ހަމުގެ ބައްޔެއް ޖެހިފައި ހުއްޓަސް ލޭހަދިޔާ ކުރެވިދާނެ އެވެ. އެކަމަކު ނުރައްކާތެރި ދަރަޖައަކަށް ބަލި ހަށިގަނޑަށް ފެތުރިފައިވާނަމަ ލޭހަދިޔާކުރުން އެދެވިގެން ނުވެއެވެ.
* ފިޓްޖެހުން: ބޭސް ބޭނުންކުރުން އަދި ބޭސް ބޭނުންކުރުމާއި ނުލައިވިޔަސް 3-6 މަހާއި ދެމެދުގެ މުއްދަތެއް ފިޓްނުޖެހި ފާއިތުވެއްޖެނަމަ އެމީހަކަށް ލޭހަދިޔާ ކުރެވިދާނެ އެވެ.
* ސިކުނޑީގެ ދުލިފަށް ދުޅަވުން : ޖެހި ރަގަޅުވުމަށްފަހު 3 ހަފްތާ ވަންދެން ލޭހަދިޔާނުކުރުން
* ހިމަބިހި، ޖަރުމަނު ހިމަބިހި، ފާނަބަނސަދު، ކޯފުއްޕި : ޖެހި ރަގަޅުވުމަށްފަހު 3-4 ހަފްތާ ވަންދެން ލޭހަދިޔާނުކުރުން
* މޮޔަގެރި ބަލި: މިބަލި ޖެހިފައިވާނަމަ ލޭހަދިޔާއެއް ނުކުރެވޭނެއެވެ.
* ސިސްޓެމިކް ލޫޕަސް އެރިތިމަޓޯސަސް: މިބަލި ޖެހިފައިވާނަމަ ލޭހަދިޔާއެއް ނުކުރެވޭނެ އެވެ. ސަބަބަކީ ލޭހަދިޔާކުރުމުގެ ސަބަބުން ބަލީގެ ޙާލަތު އިތުރަށް ގޯސްވުމުގެ ފުރުޞަތު ބޮޑުވެގެންދާތީ އެވެ.
* މަލްޓިޕްލް ސްކެލިރޯސިސް، ލީޝްމޭނިއޭސިސް، ޗާގާސް ބަލި، ލައިމް ބަލި ފަދަ ބަލިތައް: މިފަދަ ޖެހިފައިވާނަމަ ލޭހަދިޔާކުރުން އެދެވިގެނެއް ނުވެއެވެ.
* ކެންސަރު : ލެޔާއި ގުޅުންހުރި ކެންސަރުގެ ބާވަތްތައް ކަމުގައިވާ ލިޔުކީމިޔާ،ލިމްފޯމާ، ކަޕޯސީ ސާރކޯމާ، ފަދަ ކެންސަރެއް ޖެހިފައިވާނަމަ އެއްގޮތަކަށް ވެސް ލޭހަދިޔާއެއް ނުކުރެވޭނެ އެވެ. އެހެން ބާވަތެއްގެ ކެންސަރެއް ޖެހި އޮޕަރޭޝަންކޮށް ރަގަޅުވުމަށްފަހު 1 އަހަރު ފަހުން ލޭހަދިޔާ ކުރެވިދާނެ އެވެ.
* ލޭގެ ބަލިތަކާއި ލޭފާއްދާ ބަލިތައް : މިފަދަ ބަލިތައް ޖެހިފައިވާނަމަ ލޭހަދިޔާކުރުން އެދެވިގެން ނުވެއެވެ.
* ކެއްސުން ބަލި: ބަލިޖެހި ރަގަޅުވާތާ 2 އަހަރު ފަހުން ލޭހަދިޔާ ކުރެވިދާނެ އެވެ.
* ސްޓްރޯކްޖެހުން: މިބަލި ޖެހިފައިވާ މީހުންނަށް ލޭހަދިޔާއެއް ނުކުރެވޭނެއެވެ.
* ތައިރޮއިޑް މައްސަލަތައް: ތައިރޮއިޑްގެ މައްސަލަތައް ހުންނަމީހުންނަށް ބޭސް ބޭނުންކުރުމާއެކު ފާއިތުވި 6 މަހުގެ ތެރޭގައި އެއްވެސް އުދަގުލެއް ކުރިމަތިނުވާނަމަ ލޭހަދިޔާ ކުރެވިދާނެ އެވެ.
ސ: ފާއިތުވި 3 ދުވަހުގެ ތެރޭގައި ދަތުގެ އެއްވެސް ފަރުވާއެއް ކުރެއްވިންތޯ؟
ޖ: ދަތްޕިލަ ސާފުކުރުން، ފުޓުނިއެޅުން ފަދަ ކަމެއް ކޮށްފައިވާނަމަ 1 ދުވަހުގެ މުއްދަތަށް ލޭހަދިޔާކުރުމާއި ދުރުހެލިވާން ޖެހެއެވެ. ދަތްއުފުރުން، އަނގައިގެ އޮޕަރޭޝަނެއްކުރުން، އަނގައިގެ ތެރޭގައި ޖަހާފައިއިން މުލިއްސެއް ފަޅާލުން، ނުވަތަ އަނގައިގެ ތެރޭގައި އެއްވެސް ކަހަލަ އިންފެކްޝަނެއް އުފެދުން ފަދަ ކަމެއް މެދުވެރިވެފައިވާނަމަ މަދުވެގެން 3 ދުވަސް ވަންދެން ލޭހަދިޔާކުރުމާއި ދުރުހެލިވާން ޖެހެއެވެ. އެއީ ދަތް އުފުރުން ފަދަ ކަމެއް ކުރުމާއި ގުޅިގެން އިންފެކްޝަނެއް އުފެދި އޭގެ އަސަރު ލޭގައި ހުރެދާނެތީ އެވެ. އަދި ލޭގައި އިންފެކްޝަންގެ އަސަރު ވަނިކޮށް ލޭހަދިޔާކޮށްފިނަމަ އޭގެ އަސަރު ލޭއަޅާމީހާގެ ހަށިގަނޑަށް ކޮށްދާނެތީ އެވެ.
ސ: ފާއިތުވެ ދިޔަ 1 އަހަރުގެ ތެރޭގައި މެލޭރިޔާ އާންމު ގައުމަކަށް ދަތުރުކުރެއްވިންތޯ؟ ނުވަތަ ފާއިތުވި އަހަރުގެ ތެރޭގައި މެލޭރިޔާ ޖެހުނުތޯ؟
ޖ: މެލޭރިޔާ ޖެހިފައި ރަގަޅުވުމަށްފަހު 3 އަހަރު ނުވަނީސް ލޭހަދިޔާ ކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. މެލޭރިޔާ ފެތުރިފައިވާ ގައުމެއްގައި ދިރިއުޅެފައި އައުމަށްފަހު ވެސް 3 އަހަރު ނުވަނީސް ލޭހަދިޔާކުރުމަކީ އެދެވިގެންވާ ކަމެއްނޫނެވެ. މެލޭރިޔާ އާންމު ގައުމަކަށް ދަތުރުކުރުމަށްފަހު (ޒިޔާރަތްކުރުމަށްފަހު) 1 އަހަރު ނުވަނީސް ލޭހަދިޔާކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.
ފާއިތުވި 3 އަހަރު ދުވަހުގެ ތެރޭގައި މެލޭރިޔާ ޢާންމު ގައުމަކަށް ދަތުރުކުރުން، 6 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގައި މެލޭރިޔާ އާންމު ގައުމެއްގައި ދިރިއުޅުން، އަދި އެއްވެސް ދުވަސްވަރެއްގައި މެލޭރިޔާ ޖެހިފައިވާނަމަ އެމީހެއްގެ ލޭގައި މެލޭރިޔާގެ ޖަރާސީމްގެ އަސަރު ހުރިތޯ ޓެސްޓްކުރާނެ އެވެ. ޓެސްޓްކުރާނީ ވެސް މެލޭރިޔާ ޖެހި ރަގަޅުވެފައިވާތާ 4 މަސް ނުވަތަ އެފަދަ ގައުމަކުން އެނބުރިއައިތާ 4 މަސްވެފައިވާނަމަ އެވެ. 4 މަސް ފަހުން ޓެސްޓްކުރާއިރު ޓެސްޓް މެލޭރިޔާ ޖަރާސީމް އަށް ނެގެޓިވްނަމަ ލޭހަދިޔާކުރެވިދާނެ އެވެ.
ސ: އެއްވެސް އިރެއްގައި މަސްތުވާތަކެތި ބޭނުންކުރުން ނުވަތަ އެފަދަ ކުށެއްގައި ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ބަންދެއްގައި ހުންނެވިންތޯ؟
ޖ: ކޮކެއިން ފަދަ މަސްތުވާތަކެތި ބޭނުންކޮށްފައިވާނަމަ އެންމެ ފަހުން ބޭނުންކުރި ދުވަހުން ފެށިގެން މަދުވެގެން އަހަރެއް ވަންދެން ލޭހަދިޔާކުރުމާއި ދުރުހެލިވާން ޖެހެއެވެ. ބަނގުރާ ބޭނުންކޮށްފައިވާނަމަ ވެސް އެންމެ ފަހުން ބޭނުންކުރި ދުވަހުން ފެށިގެން މަދުވެގެން އަހަރެއް ވަންދެން ލޭހަދިޔާކުރުމާއި ދުރުހެލިވާން ޖެހެއެވެ. އެއީ މިފަދަ މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން އޭގެ އަސަރު ލޭގައި ގިނަ ދުވަހަކަށް ދެމިގެންދާތީ އެވެ. އަދި އޭގެ އަސަރު ލެއިން ނުފިލައި ވަނިކޮށް ލޭހަދިޔާކޮށްފިނަމަ ލޭއަޅާމީހާގެ ހަށިގަނޑަށް އޭގެ އަސަރުގޮސް އިތުރު ނުރައްކަލަކާއި ކުރިމަތިވެދާނެތީ އެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަކީ ވަރަށް ގިނަ ފަހަރު ކަންފަތް ތޮރުފުން، ހަށިގަނޑުގެ އެހެން ހިސާބުތައް ތޮރުފުން، ހަށިގަނޑުގައި ޓެޓޫޖެހުން، އަދި އިންޖެކްޝަން ބޭނުންކޮށްގެން އަމިއްލައަށް މަސްތުވާތަކެތި ނެގުން، ފަދަ ކަންތައްތައް ކުރުމަށް ޝައުގުވެރިވާ މީހުންނެވެ. މިފަދަ ކަމެއް ކޮށްފައިވާނަމަ އެކަމެއް ކޮށްފައިވާ ދުވަހުން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތަށް ލޭހަދިޔާކުރުމާއި ދުރުހެލިވާން ޖެހެއެވެ. އެއީ އެފަދަ ކަމެއް ކުރުމުގެ ތެރޭގައި މަސްތުވާތަކެތީގެ އަސަރު ހަށިގަނޑަށް ފޯރުމާއި، އަދި ހަށިގަނޑުގައި އިންފެކްޝަން އަށަގަތުމުގެ ސަބަބުން، އެފަދަ ޙާލެއްގައި ލޭހަދިޔާކޮށްފިނަމަ ލޭއަޅާމީހެއްގެ ހަށިގަނޑަށް އިންފެކްޝަން ވާޞިލްވުމާއި، މަސްތުވާތަކެތީގެ އަސަރު ފޯރުމުގެ ފުރުޞަތު ބޮޑުވެގެންދާތީ އެވެ. ބޮޑަށް އެދެވިގެންވަނީ މިފަދަ ކަންތައްތަކުން މީހުން ސަލާމަތްކުރުމަށްޓަކައި މަސްތުވާތަކެތި ބޭނުންކުރާ ކަމަށް / ބޭނުންކޮށްފައިވާ ކަމަށް ބެލެވޭ / ޝައްކުކުރެވޭ އެއްވެސް މީހެއްގެ ކިބައިން ލޭ ނުނެގުމެވެ. ކަންފަތް ތޮރުފީ ރައްކާތެރި މާހައުލެއްގައި ނަމަ އޭގެ 24 ގަޑިއިރު ފަހުން ލޭހަދިޔާ ކުރެވިދާނެ އެވެ.
ސ: ހަދިޔާކޮށްދެއްވާ ލެޔަކީ ޞިއްޙީ ގޮތުން ރައްކާތެރި އެއްޗެއް ކަމުގައި ތިޔަ ފަރާތުން ދެކިލައްވަންތޯ؟
ޖ: ލޭހަދިޔާކުރުމަކީ އިންސާނިއްޔަތަށް ކޮށްދެވޭ ވަރަށް އަގުބޮޑު ޚިދުމަތެކެވެ. މިފަދަ އިންސާނީ އަގުބޮޑު ޚިދުމަތެއް ދޭއިރު އެކަމަށް ތިމާގެ ފަރާތުން ފޯރުކޮށްދެވޭ މަޢުލޫމާތަކީ ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު ތަކެއްކަމުގައި ހަދަންޖެހެއެވެ. އެއީ ލޭހަދިޔާކުރުމުގައި ބޭނުންކުރެވޭ ޝިޢާރުތަކުގައި ބުނާ ”ލޭހަދިޔާކޮށްގެން ފުރާނަތައް ސަލާމަތްކުރައްވާ” ފަދަ އަމާޒުތައް ހަގީގަތަކަށް ހެދުމަށްޓަކައެވެ. އެހެންކަމުން ލޭހަދިޔާކުރާއިރު ފުރާ ފިޓްނަސް ފޯރމްގައި ހުންނަ މަޢުލޫމާތުތަކަށް ތެދުވެރިކަމާއެކު ޖަވާބު ދޭންޖެހޭނެ އެވެ. އަދި އެފޯރމްގައި ބަޔާންކޮށްފައި ނެތް ޙާލަތެއް މެދުވެރިވެފައިވާނަމަ ވެސް އެކަން ޑޮކްޓަރުން އަދި ޞިއްޙީ ލަފާދެއްވާ ފަރާތްތަކަށް އޮޅުން ފިލުވައިދިނުން މުހިއްމެވެ. އެހެނީ ފޯރުކޮށްދެވޭ މައުލޫމާތުތަކަކީ ތެދު މަޢުލޫމާތުތަކެއް ކަމަށް ނުވެއްޖެނަމަ ފުރާނައެއް ސަލާމަތްކުރުމުގެ ބަދަލުގައި ހަދިޔާކުރެވުނު ލެއަކީ ”ފުރާނައެއް ނެތިދިއުމުގެ ސަބަބު” ކަމުގައި ވެގެން ހިގައިދާނެ އެވެ.
ލޭހަދިޔާކުރުމާއި ގުޅުންހުރި ބައެއް މުހިއްމު މަޢުލޫމާތުތައް
ވެކްސިން ދިނުން : ތަފާތު ވެކްސިންތައް ލިބިގަތުމަށްފަހު ވަކި މުއްދަތަކަށް ލޭހަދިޔާ ކުރުމާއި ދުރުހެލިވާން ޖެހެއެވެ.
* ރުބެއްލާ، އެމްއެމްއާރު،އަދި ފާނަބަނސަދުއަށްދޭ ވެކްސިންލިބިގަތުމަށްފަހު 4 ހަފްތާ ވަންދެން ލޭހަދިޔާކުރުމާއި ދުރުހެލިވުން އެދެވިގެން ވެއެވެ.
* ހިމަބިހި، ކޯފުއްޕި، ޕޯލިއޯ، ކަށިވިދުރި، އަދި ޔެލޯފީވަރ ވެކްސިން ލިބިގަތުމަށްފަހު 2 ހަފްތާ ވަންދެން ލޭހަދިޔާކުރުމާއި ދުރުހެލިވުން އެދެވިގެން ވެއެވެ.
* ހެޕަޓައިޓިސް ބީ ވެކްސިން ލިބިގަތުމަށްފަހު 3 ހަފްތާ ވަންދެން ލޭހަދިޔާކުރުމާއި ދުރުހެލިވުން އެދެވިގެން ވެއެވެ. އެއީ މިވެކްސިންގެ ސަބަބުން ޓެސްޓްގެ ނަތީޖާ އޭގެ އެންމެ އެދެވޭގޮތުގައި ފެނިގެން ނުގޮސްދާނެތީ އެވެ.
* ކަރުފޮޅު، އަރިދަފުސްރޯގާ، އޫރު ރޯގާ، ހެޕަޓައިޓިސް އޭ، ހޯއްގޮވާ ކެއްސުން، ކިޔޫ ފީވަރ، ފަދަ ބަލިތަކަށް ހުންނަ ވެކްސިންތަކާއި، ޓެޓްނަސް، މެނިންގޯކޯކަސް، ނިއުމޯކޯކަސް، ފަދަ ވެކްސިންތައް ނެގުމަށްފަހު ވަކި މުއްދަތެއް މަޑުކުރުމެއްނެތި ވެސް ލޭހަދިޔާ ކުރެވިދާނެއެވެ. ނަމަވެސް މިފަދަ ވެކްސިން އެއް ނެގުމަށްފަހު އެއްވެސް އުދަގުލެއް ކުރިމަތިވިނަމަ ލޭހަދިޔާކުރެވޭނީ އެކަމެއް ފިލައިގޮސް ރަގަޅުވުމުންނެވެ.
ގުނަވަން ބަދަލުކުރުން : ގުނަވަނެއް ބަދަލުކޮށްފައިވާނަމަ ރަގަޅުވުމަށްފަހު 1 އަހަރު ވަންދެން ލޭހަދިޔާކުރުމުން ދުރުހެލިވުން އެދެވިގެން ވެއެވެ. އަދި ސިކުނޑީގެ ”ޑިއުރާ މޭޓަރ” އޭކިޔޭ ފަށަލަ ބަދަލުކޮށްފައިވާނަމަ އެއްގޮތަކަށް ވެސް ލޭހަދިޔާކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.
* މާބަނޑުވުން : މާބަނޑު ދުވަސްވަރު ލޭހަދިޔާކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. އެއީ ލޭހަދިޔާކުރުމުގެ ސަބަބުން މައިމީހާއަށާއި، ކުޑަދަރިފުޅުގެ ފުރާނައަށް ނުރައްކަލެއް މެދުވެރިވެދާނެތީ އެވެ. ވިހެއުން ނުވަތަ ސިޒޭރިއަން ހެދުމަށްފަހު މަދުވެގެން 9 މަސް ނުވަނީސް ލޭހަދިޔާކުރުން އެދެވިގެނެއް ނުވެއެވެ. ވިހެއުމުގެ ތެރޭގައި ލޭއަޅަންޖެހުނުނަމަ 1 އަހަރު ވަންދެން ލޭހަދިޔާކުރުން ރަގަޅެއް ނޫނެވެ. މާބަނޑުވުމަށްފަހު ފުރަތަމަ 6 މަހުގެ ތެރޭގައި ބައިގެން ހިގައްޖެނަމަ ލޭހަދިޔާކުރެވޭނީ އޭގެ 6 މަސް ފަހުންނެވެ. އެއީ ބައިގެންދިއުމުގެ ސަބަބުން ބޭރުވާ ލެޔާއެކު މަދުވެގެންދާ ދަގަނޑުގެ ބައި ހަށިގަނޑަށް އަނބުރައި ލިބުމަށް މަދުވެގެން 6 މަހުގެ މުއްދަތެއް ބޭނުންވާތީ އެވެ.
ގާތުންދިނުން: ގާތުންދޭ ދުވަސްވަރު ލޭހަދިޔާކުރުމަކީ ރަގަޅު ކަމެއް ނޫނެވެ. ވިހެއުމަށްފަހު ލޭހަދިޔާކުރެވޭނީ 9 މަސް ފާއިތުވާ ފަހުންނެވެ. 9 މަސްވާއިރު ތުއްތު ދަރިފުޅު އެހެނިހެން ކާނާ ބޭނުންކޮށް ހަދާނެ އެވެ. ވީމާ ވިހައިގެން 9 މަސް ވުމަށްފަހު ގާތުންދެމުން ގެންދިޔަ ނަމަވެސް ލޭހަދިޔާ ކުރެވިދާނެ އެވެ.
މައްސަރު ކަންތައްޖެހުން: މައްސަރުކަންތައް ޖެހުމަކީ ގިނަ އަންހެނުންނަށް ލޭހަދިޔާކުރުމަށް ހުރަސް އަޅާކަމެއް ނޫނެވެ. ނަމަވެސް މައްސަރު ކަންތައް ޖެހުމުން މާގިނައިން ލޭބޭރުވެ، ވަރުބަލިވެ، ބަނޑުގައި ރިއްސައި އުދަގޫވާނަމަ، މައްސަރު ކަންތައް ނިމެންދެން ލޭހަދިޔާކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. އަދި މައްސަރުކަންތައް ޖެހުމުން މާގިނައިން ލޭބޭރުވުމަކީ ވަރަށް ގިނަ މީހުންނަށް ލޭމަދުވުން ކުރިމަތިވާ ކަމެކެވެ. އެހެން ކަމުން މިފަދަ ޙާލަތުގައި ލޭހަދިޔާކުރެވޭނީ ހިމޯގްލޯބިންގެ މިންވަރު އެކަށޭނަ މިންވަރެއްގައި ހުރިނަމަ އެވެ.
ޖިންސީ ގުޅުމުގެ ޒަރީޢާއިން ފެތުރޭ ބަލިތައް : ރައްކާތެރި ނޫން ގޮތުގައި ޖިންސީ ގުޅުން ހިންގައިފައިވުމުގެ ސަބަބުން ޖިންސީގުޅުމުގެ ސަބަބުން ފެތުރޭ ބައްޔެއް ޖެހިފައިވެދާނެ ކަމަށް ޝައްކުކުރެވޭނަމަ އެދެވިގެންވަނީ ލޭހަދިޔާކުރުމާއި ދުރުހެލިވުމެވެ. މިސާލަކަށް ހުއްދަ ނޫން ގޮތްގޮތަށް ޖިންސީގުޅުން ހިންގައިފައިވާނަމަ އެފަދަ މީހަކު ލޭހަދިޔާކުރުން އެދެވިގެން ނުވެއެވެ.
އެއިޑްސް: އެއިޑްސް އަކީ ލޭގެ ޒަރީޢާއިން ވެސް ފެތުރޭ ބައްޔެއްކަމުން މިބަލީގެ އަހުލުވެރިން ލޭހަދިޔާކުރުމަކީ އެއްގޮތަކަށް ވެސް އެދެވިގެންވާ ކަމެއްނޫނެވެ. އެއިޑްސް ޖެހިފައިވާ މީހަކު ބޭނުންކުރި ކަށި ފަދަ އަދަވާތެއް އަތަށް ހެރިއްޖެނަމަ، 1 އަހަރު ދުވަހުގެ މުއްދަތަށް އެފަދަ މީހަކު ލޭހަދިޔާކުރުމާއި ދުރުހެލިވާން ޖެހެއެވެ.
* ސިފިލިސް : ސިފިލިސް ޖެހުމަށްފަހު ރަގަޅުވާތާ 12 މަސްފަހުން ލޭހަދިޔާކުރެވިދާނެ އެވެ. މާނައަކީ ފާއިތުވި 12 މަހުގެ ތެރޭގައި ސިފިލިސް އަށްފަރުވާކޮށްފައިވާނަމަ ލޭހަދިޔާ ކުރުމަކީ އެދެވިގެންވާ ކަމެއްނޫނެވެ. އަދި މިހެން ފާއިތުވި 12 މަސް ދުވަހުގެ ތެރޭގައި ލޭގެ ޓެސްޓް ސިފިލިސް އަށް ޕޮޒިޓިވްކޮށް ދައްކާފައިވާނަމަ ވެސް ލޭހަދިޔާކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.
* ކިހުނުވުން: ކިހުނުވުމަށްފަހު ރަގަޅުވާތާ 12 މަސްފަހުން ލޭހަދިޔާ ކުރެވިދާނެ އެވެ.
* ކްލަމީޑިއާ: ކްލަމީޑިއާ އިންފެކްޝަން ޖެހުމަށްފަހު ރަގަޅުވާތާ 12 މަސްފަހުން ލޭހަދިޔާ ކުރެވިދާނެ އެވެ.
ލޭހަދިޔާކުރާއިރު ހަދައިއުޅޭ ބައެއް ޓެސްޓުތައް
ޓެސްޓް ތައް : ލޭހަދިޔާކުރާއިރު ފޯރުކޮށްދެވޭ ލޭ އަންނަނިވި ކަންތައްތައް ދެނެގަތުމަށް ޓެސްޓްކުރެވެއެވެ.
* ލޭގެ އޭބީއޯ ގުރޫޕް
* ލޭގެ އާރުއެޗް ގުރޫޕް
* ލޭގެ ޒަރީޢާއިން ފެތުރޭ 5 ބައްޔަކަށް :
– އެއިޑްސް ބަލި
– ހެޕަޓައިޓިސް ބީ
– ހެޕަޓައިޓިސް ސީ
– ހިއުމަން ޓީސެލް ލިމްފޮސިޓިކް ވައިރަސް
– ސިފިލިސް
* އިތުރު 7 ޓެސްޓް :
– ހެޕަޓައިޓިސް ސީ އެންޓިބޮޑީ
– ހެޕަޓައިޓިސް ބީ ސާރފޭސް އެންޓިޖެން
– އެޗްއައިވީ1 އެންޓިބޮޑީ
– އެޗްއައިވީ2 އެންޓިބޮޑީ
– ސިފިލިސް އެންޓިބޮޑީ
– އެޗްޓީއެލްވީ1 އެންޓިބޮޑީ
– އެޗްޓީއެލްވީ2 އެންޓިބޮޑީ
މީގެ އިތުރުން މެލޭރިޔާ އަށް ވެސް ޓެސްޓް ކުރެއެވެ.
އެއްގޮތަކަށް ވެސް ލޭހަދިޔާނުކުރެވޭނެ ފަރާތްތައް
* ހެޕަޓައިޓިސް ޖެހިފައިވުން
* އެއިޑްސް ޖެހިފައިވުން
* މޮޔަގެރިބަލި ޖެހިފައިވުން
* އިންޖެކްޝަންގެ ޒަރީޢާއިން މަސްތުވާތަކެތި ބޭނުންކޮށްފައިވާ މީހުން
* ބައެއް ކަހަލަ ފުއްޕާމޭގެ ބަލިތައް
* ބައެއް ކަހަލަ ފުރަމޭގެ ބަލިތައް
* ހިއުމަން ޑެރައިވްޑް ޕިޓޫއިޓަރީ ގުރޯތު ހޯމޯން ނަގާފައިވާ މީހުން
* އެޓްރެނިޓޭޓް ސޮރައިސިސްއަށް ފަރުވާގެ ގޮތުގައި ބޭނުންކޮށްފައިވާ މީހުން
* ސިކުނޑީގެ ޑިއުރާ މޭޓަރ ބަދަލުކޮށްފައިވާ މީހުން
ލިޔުންތެރިޔާގެ ފުރަމަލަ
- މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ފެބްރުއަރީ 2024ރިޕޯޓްއައިބައިފިލި : ދިވެހިބަހުން ގެއްލެމުންދާ އަގުބޮޑު މުދަލެއް
- 31 ޖެނުއަރީ 2024އަދަބިއްޔާތުފަޚުރުވެރި ދިވެހިބަސް
- 3 ނޮވެމްބަރ 2023އަދަބިއްޔާތުދިވެހިން ކުރާނެ ކުށްވެރި
- 31 އޮކްޓޯބަރ 2023ހާދިސާދިރާސާ ނަޒަރަކުން ތިނެއް ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާ