ތިިޔަައީީ ‘ބީޓްސް’ ނުވަތަ ބީޓްރޫޓް އާއިލާގެ ތަރުކާރީ ކެއުމަށް ލޯބިކުރާ އަދި އާދަވެ ބީޓްސް ކައިއުޅޭ މީހެއް ނަމަ، ބީޓްސް އިން ހަށިގަނޑަށް ލިއްބައިދޭ ފައިދާތައް އަލެއް ނުވާނެ އެވެ. ބީޓްސް ކެއުމަށް އާދަވެފައި ނެތް މީހެއްނަމަ، މިއަދުން ފެށިގެން ބީޓްސް ކެއުމަށް ފަސްނުޖެހޭށެވެ. ސަބަބަކީ ބީޓްސް އަކީ ކާނާގެ ފައިދާ ހުންނަ ބައިތައް (ނިއުޓްރިއެންޓސް) ގިނަ ޢަދަދަކަށް އޭގައި އެކުލެވޭ ގަހުގެ މުލެކެވެ. ސިއްޙަތަށް ފައިދާހުރި ގިނަގުނަ ސިފަތަކަކާއި މިނަރަލްސް އަދި ވިޓަމިންސް އެކުލެވޭ ތަރުކަރީ އެކެވެ.

ބީޓްސް އިން ލިއްބައިދޭ ސިއްޙީ ފައިދާތައް:

1- ލޭގެ ޕްރެޝަރު ދަށްކޮށްދިނުން:

ބީޓްސް އަކީ ނައިޓްރޭޓްސް މުއްސަނދި އެއްޗެކެވެ. ބީޓްސް ގައި ހުންނަ ނައިޓްރޭޓްސް ބަދަލުވެގެން ދާނީ ނައިޓްރިކް އެސިޑަށެވެ. ނަތީޖާއެއްގެ ގޮތުން ނާރުތަކުގެ މަސައްކަތް ރަނގަޅުކޮށްދީ ލޭހޮޅިތަކުގެ ވަށަމިން ބޮޑުކޮށްދީ ލޭހިނގުން ރަނގަޅުކޮށްދެއެވެ.

2- އެނޭމިއާ އަށް ފަރުވާއެއް:

ބީޓްސް އަކީ ދަގަނޑުގެ ބައި ގިނަ ތަރުކާރީ އެކެވެ. ދަގަނޑުގެ ބައި މަދުވުމުން ކުރިމަތިވާ އެނޭމިއާ (ލޭމަދުވުން) އަށް މިއީ ރަނގަޅު ފަރުވާއެކެވެ.

3- ކެންސަރު ސެލް ލޭގެތެރެއަށް ވަނުން ދުރުކޮށްދިނުން:

ބީޓްސް ގައި ހުންނަ ބީޓާސަޔަނިން އަދި ފައިޓޯކެމިކަލްސް އާއި އެހެނިހެން މާއްދާތަކުގެ ސަބަބުން ކެންސަރު ސެލްތައް ލެޔާއި ހަމައަށް ވާޞިލް ވުމަށް ހުރަސްއަޅައެވެ.

4- އޮސްޓިއޯޕޮރޯސިސް އަށްފަރުވާއެއް:

މިއީ ހޯމޯނަށް އަންނަ ބަދަލަކާއި ގުޅިގެން ނުވަތަ ހަށިގަނޑުން ވިޓަމިން ޑީ މަދުވެ ކެލްސިއަމް މަދުވުމުން ކަށީގެ ޓިޝޫތައް ހަލާކުވެގެން ކަށި މުރަނަވެ ފުރަޖާލި ވުން ކުރިމަތިވާ ހާލަތަށް ކިޔާ ނަމެވެ. އެހެންކަމުން އޮސްޓިއޯޕޮރޯސިސް އަކީ އުމުރުން ދުވަސްވުމާއި ގުޅިގެން ކަށްޓަށް އަންނަ ބަލިކަށިކަމަށްވެސް ބޭނުންކުރާ ނަމެކެވެ. އިއްތިފާޤުން ނަމަވެސް، ބީޓްސް އަކީ އޭގައި ކެލްސިއަމް އުފެއްދުމަށް ބޭނުންވާ ސިލިކާ ގެ މައުދަން އެކުލެވޭ ކާނާއެކެވެ. އެހެންކަމުން ބީޓްސް ބޭނުންކުރުމުން ހިމަކަށި އުފެދުން ހުއްޓުވައެވެ. މާނައަކީ އޭރުން އުފެދޭނީ ފަލަ އަދި ވަރުގަދަ ކަށްޓެވެ.

5- ދުޅަ ލުއިކޮށްދިނުން:

ބީޓްސް އަކީ ދުޅަލުއިކޮށްދިނުމުގައި އެހީތެރިވެދޭ މާއްދާއެއް ކަމަށްވާ ބީޓްރީން މުއްސަނދި ތަރުކާރީ އެކެވެ.

6- ބުންވަރު ގަދަކޮށްދިނުމަށް:

ބީޓްސް ގައި ހުންނަ ‘ވާސޯޑައިލޭޝަން ޕްރޮޕަރޓީ’ ގެ ސަބަބުން ހަށިގަނޑު ހޭލައްވާލައެވެ. މިހެން މިވަނީ ހަށިގަނޑުގެ އެކި ހިސާބުތަކަށް ހަމަހަމަ ގޮތެއްގައި ލޭގެ ޕްރެޝަރު ހުންނަގޮތް ވުމުންނެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ ގުނަވަންތަކަށް ފަސޭހަކަމާއެކު ލޭ ފޮނުވައިދީ ހަށިގަނޑުގެ ބުންވަރު ގަދަކޮށްދޭނެ އެވެ.

7- ނޭވާހިއްލުމަށް ފަރުވާއެއް:

ބީޓްސް އަކީ މެގްނީޒިއަމް އާއި ވިޓަމިން ސީ އިން މުއްސަނދިވެފައިވާ ތަރުކާރީ އެކެވެ. މެގްނީޒިއަމް އާއި ވިޓަމިން ސީ އަކީ ނޭވާހިއްލުމުގެ މައްސަލަ ހުންނަ މީހުންގެ ނޭވާ ހިނގާ މަގުގައި ހުންނަ ފިއްތުން ކުޑަކޮށްދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ.

8- ޑިމެންޝާ ޖެހުން:

މިއީ ހަނދާނާ ގުޅުން ހުރި ކަންކަން އޮޅުންބޮޅުން ވުމާއި މީހާގެ މިޒާޖު އަވަސް އަވަހަށް ބަދަލުވުމާއި ކަންކަމުގައި ގޮތް ކަނޑައެޅުމުގައި އެކަށީގެން ނުވާ ސަބަބުތަކަށް ބެލުން ފަދަ ކަންކަމުގެ ތެރެއަށް މީހާ ގެންދާ ނަފްސާނީ ބައްޔެކެވެ. އެހެންކަމުން މިއީ އިންސާނުންނަށް ޖެހޭ ބިރުވެރި ބައްޔެއްގެ ގޮތުގައި ސިފަކުރެވޭ ބައްޔެކެވެ. ޑިމެންޝާ ޖެހެނީ ސިކުނޑީގައި ލޭހިނގުން ބްލޮކުވެ ސިކުނޑިއަށް ގެއްލުން ވުމުންނެވެ. ބީޓްސް ގައި ހުންނަ ޑައިލޭޝަން ޕްރޮޕަރޓީ (ނާރުތަކުގެ ވަށަމިން ފުޅާކޮށްދިނުމުގެ ޚާއްޞަ ސިފައިގެ) ގެ ސަބަބުން ޑިމެންޝާ ޖެހުމާއި ދުރުހެލިކޮށްދެ އެވެ.

9- ހަކުރުބައްޔަށް ފަރުވާއެއް:

ބީޓްސް އަކީ ހަކުރުބައްޔަށް ފަރުވާ ހޯދުމަށް ޒަނާނުންސުރެން ބޭނުންކުރެވެމުން އަންނަ ތަރުކާރީ އެކެވެ. ބީޓްސް ކެއުމުން ހަކުރުބަލީގެ ވައްތަރެއް ކަމަށްވާ ‘ޓައިޕް ޓޫ ޑައިބެޓީސް’ ކޮންޓްރޯލް ކޮށްދެއެވެ.

10- މާބަނޑު އަންހެނުންނަށް ރަނގަޅު ކާނާއެއް:

ބަނޑުގައިވާ ތުއްތު ދަރިފުޅަށް ބޭނުންވާނެ ފައިދާހުރި ކާނާގެ ބައިތައް ލިއްބައިދޭނެ ތަރުކާރީ އެކެވެ. ކުރިންވެސް ފާހަގަކުރެވުނު ފަދައިން ބީޓްސް އަކީ ވިޓަމިންސް އާއި މައުދަން އޭގައި މަތީ ނިސްބަތަކަށް އެކުލެވޭ ތަރުކާރީ އެކެވެ.

11- ލޮލުގެ ތެރޭގައި ތެތްކަން ހިފަހައްޓާއިދިނުމަށް:

އުމުރުން ދުވަސްވުމުން އަހަރެމެންގެ ލޮލުގެ ފެނުމުގެ ބާރު ދަށަށް ދެއެވެ. ލޮލުގެ ސިއްޙަތު ރަނގަޅުކޮށްދިނުމަށް އެހީތެރިވެދޭ ބީޓާ-ކެރޮޓީން ބީޓްސް ގައި ހުރެއެވެ. އެހެންކަމުން ބީޓްސް ކެއުން އާދަކުރުމުން ލޮލުގެ ސިއްހަތު ރަނގަޅުކޮށްދޭނެ އެވެ.

12- ފުރަމޭ (ލިވަރ) ސާފުކޮށްދިނުމަށް:

ބީޓްސް ގައި ހުންނަ އެންޓިއޮކްސިޑެންޓްސް އިން ފުރަމޭ ޑިޓޮކްސިފައި ކޮށްދެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.