އައިފިލްމްސްގެ ‘ބިރުވެރި ވާހަކަ’އިގެ ޝައުޤުވެރިކަން ދުވަހެއް ދުވަހަކަށް ބޮޑުވަމުން އަންނަ އިރު، އެންމެ ފަހުން ނެރުނު ދެ އެޕިސޯޑުން މި ސީރީޒްގައި ކިޔައިދެމުން އަންނަ ވާހަކަ އިތުރަށް މިވަނީ ނިއުޅިގެން ގޮސްފަ އެވެ. ‘ބިރުވެރި ވާހަކަ’އިގެ އެޕިސޯޑް 07 “ހަނީމޫން” އަދި އެޕިސޯޑް 08 “ޖާދޫގަރު” ބަލައިލުމުން މި ސީރީޒާމެދު އުފެދިފައިވާ ޝައުޤުވެރިކަން އިތުރުވެގެން ދާނެ އެވެ.

‘ބިރުވެރި ވާހަކަ’އިގެ އެޕިސޯޑް 07 “ހަނީމޫން”ގައި ކިޔައިދެނީ އާދަޔާޚިލާފު ރަށަކަށް މާމުއިހަނދުގެ އުފާވެރިކަން ހޯދުމަށް ދާ ޒުވާން ދެމަފިރިންނާ ކުރިމަތިލާން ޖެހޭ ވަރަށް އާދަޔާޚިލާފު ތަޖުރިބާއެކެވެ. ލީޑް ކާސްޓުގެ ގޮތުގައި ނުޒުހަތު ޝުޢައިބް އަދި ޝަރަފް ފެނިގެންދާއިރު، މުހިންމު އަދި އެހާމެ ހައިރާން ކުރުވަނިވި ރޯލަކުން އިބްރާހީމް ސޮބާހް (ކުޑަ ސޮބާ) ފެނިގެންދެ އެވެ. މި ސީރީޒްގައި ކުޑަ ސޮބާ ދައްކާލާފައިވަނީ ޚާއްޞަ މޭކަޕެއްގަ އެވެ. އޭނާ ދައްކައިދީފައިވާ ހުނަރުވެރި އަދި އެހާމެ ތަފާތު އެކްޓިންގެ ސަބަބުން މީގައި ފެނިގެންދަނީ ކުޑަ ސޮބާ ކަން ފާހަގަވެސް ނުކުރެވޭނެ އެވެ.

“އެއީ ކުޑަ ސޮބާ!” ‘ބިރުވެރި ވާހަކަ’އިގެ އެޕިސޯޑް 07 “ހަނީމޫން” އަދި އެޕިސޯޑް 08 “ޖާދޫގަރު”ން ފެންނަ އާދަޔާޚިލާފު ކެރެކްޓަރ ކުޅެފައިވަނީ ކާކުކަން ނޭނގޭތީ ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) ކުރެން އަހައިލުމުން ބުންޏެވެ.

“ތަފާތު ކެރެކްޓަރ ލިބުނީމަ މޮޅު އެކްޓިން ދެއްކޭކަން އެ އެނގުނީ. އަބަދުވެސް އެއް ކަހަލަ ކެރެކްޓަރ ކުޅެންޏާ ފެންނާނީވެސް ހަމަ އެއް ކަހަލަ އެކްޓިންއެއް ދޯ!” އިއްލެ ފާހަގަކުރި އެވެ. އިއްލެ އިތުރަށް ބުނީ ސޮބާ އެ ރޯލު ކުޅެފައި އެއޮތީ އިއްލެ އެ ކެރެކްޓަރ ލިޔެ ދައްކައިދޭން ބޭނުންވި ގޮތަށް ކަމަށެވެ.

އެޕިސޯޑް 08 “ޖާދޫގަރު”ގެ ލީޑުން ފެނިގެންދަނީ ދެވަނައެއް ނެތް ފަދަ ހުނަރުވެރި އެކްޓްރެސް ރިޝްމީ ރަމީޒްގެ އިތުރުން އަޙްމަދު އަޒްމީލް (އަޒޭ)ގެ އިތުރުން އަދި ކުޑަ ސޮބާ އެވެ. މި އެޕިސޯޑްގައި ދައްކައިދެނީ އާދަޔާޚިލާފު މޮޅު ޖާދޫގަރެއް، އޭނާއަށް ލިބިފައިވާ މަޝްހޫރުކަން ލިބުނު ގޮތާއި އެ މަޝްހޫރުކަން ލިބިފައިވާ އަސްލު ސަބަބާހުރެ އޭނާގެ ޒާތީ ދިރިއުޅުމަށް ކޮށްފައިވާ އަސަރެވެ. މި އެޕިސޯޑު ނިމޭ ހިސާބުން، މީގެ ކުރީގެ އެޕިސޯޑުގެ ވާހަކައާއި މި ވާހަކައާއި ހުރި ގުޅުން ދައްކުވައިދެ އެވެ. މި އެޕިސޯޑުގައި ރިޝްމީ އަދި އަޒޭ ދައްކާލާފައިވާ ހުނަރުވެރި އެކްޓިންގެ އިތުރުން ކުޑަ ސޮބާ ދައްކައިދީފައިވާ ތަފާތު މޮޅު އެކްޓިން ފާހަގަކޮށްލެވެ އެވެ.

އާސިމް ޢަލީ ޕްރޮޑިއުސްކޮށް ގެނެސްދޭ ‘ބިރުވެރި ވާހަކަ’އިގެ އައު އެޕިސޯޑެއް ކޮންމެ ހުކުރު ދުވަހެއްގެ ރޭ ދިރާގު ޓީވީ އަދި ދިރާގު ޕްލޭ ވީޑިއޯ އޮން ޑިމާންޑުން ދައްކާނެ އެވެ. މިހައިތަނަށް 08 އެޕިސޯޑް ދައްކާފައިވާއިރު، މި އެޕިސޯޑުތަކުން ރާއްޖޭގެ ގިނަ ފިލްމީ ފަންނާނުންތަކެއް ފެނިގެންދެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.