ދިވެހިރާއްޖޭގައި އާއްމު މޭވާތަކުގެ ތެރެއިން ޖަނބުރޯލަކީ ހުތް ފޮނި މޭވާ އެކެވެ. ޖަނބުރޯލުގެ ތަފާތު ވައްތަރުތަކާއި ކުލަތައް ހުރެއެވެ. އެގޮތުން ރަތްކުލަ، ފެހިކުލަ، ހުދުކުލަ އަދި ފިޔާތޮށި ކުލައިގެ ޖަނބުރޯލު ހުންނަކަން ފާހަގަ ކުރެވެއެވެ. ޖަނބުރޯލަކީ ފެނުގެ ބައި ގިނަ މޭވާއެކެވެ.

 

ޖަނބުރޯލަކީ ސިއްޙަތަށް ވަރަށް ފައިދާހުރި މޭވާއެއްކަމަށް ހީވެފައި ނޯވެދާނެ އެވެ. ނަމަވެސް މިއީ ވެސް ވަރަށް ފައިދާހުރި މޭވާއެކެވެ. ޖަނބުރޯލުން ލިއްބައިދޭ ގިނަގުނަ ސިއްޙީ ފައިދާތަކާމެދު ރަނގަޅަށް މަޢުލޫމާތު ލިބި، ވިސްނައިލުމުން ދޭހަވަނީ މާތްﷲ ސުބްޙާނަހޫ ވަތަޢާލާ އިންސާނުންނަށް ދެއްވަވާފައިވާ ނިޢުމަތްތަކުގެ މަތިވެރިކަމެވެ.

 

ޖަނބުރޯލަކީ ޢާއްމު މޭވާއެއް ނަމަވެސް، މިއީވެސް އެހައި އަގެއްހުރި މޭވާއެއް ކަމަށް ދެކެވެމުން އަންނަ މޭވާއެއް ނޫނެވެ. އެހެންނަމަވެސް، މީގެ ގަރުނުތަކެއް ކުރިންވެސް ޖަނބުރޯލަކީ ވަރަށް ގިނަގުނަ ބަލިތަކަށް ފަރުވާއެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ މޭވާ އެކެވެ. މިއަދު މިވަނީ މި މޭވާ އިން ލިއްބައިދޭ އަގުނުކުރެވޭ ފަދަ ފައިދާތައް ސައިންސްވެރިން ހޯދާފަ އެވެ.

 

މިއީ އިރުދެކުނު އޭޝިއާ ސަރަހައްދުން އައިސްފައިވާ މޭވާއެކެވެ. އާއްމުގޮތެއްގައި ޖަނބުރޯލު ހެދެނީ ހޫނުގަދަ ގައުމުތަކުގަ އެވެ. ޖަނބުރޯލުގެ 96 އިންސައްތަ އަކީ ފެނެވެ.

 

ޖަނބުރޯލުގެ ފައިދާތަކަށް ބަލާލާއިރު، މިއީ ކެންސަރު ޖެހުމުން ދުރުކޮށްދޭ މޭވާއެއް ކަމަށްވެސް ބެލެވެ އެވެ. މީގެ އިތުރުން ޖަނބުރޯލުން ލިއްބައިދޭ ފައިދާތައް ކުރުގޮތަކަށް ގެނެސްދޭނަމެވެ.

 

– ހަކުރު ބައްޔަށް ފަރުވާ އެއް

– ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުކޮށްދިނުން

– ލިވަރ (މޭގަނޑު) ޑިޓޮކްސިފައި ކޮށްދިނުން

– ދިފާއީ ނިޒާމުގެ މަސައްކަތް ވަރުގަދަކޮށްދިނުން

– ކެންސަރުގެ ބައެއް ވައްތަރުތައް ޖެހުމުން ދުރުކޮށްދިނުން

– ހުން މަޑުކޮށްދިނުން

– ހަށިގަނޑަށް ގޯސް ކޮލެސްޓްރޯލް މަދުކޮށްދިނުން

– ވެއްޓޭބަލި (ޝީޒަރ) ޖެހުން ކުޑަކޮށްދިނުން

– ފަންގަލް އަދި ބެކްޓީރިއާ އިން ޖެހޭ ބަލިތައް ޖެހުން ކުޑަކޮށްދިނުން

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.