2018 ގެ ބޮލީވުޑް އެންތޮލޮޖީ ފިލްމު “ލަސްޓް ސްޓޯރީސް” ގެ ސީކުއެލްގައި ސުޖޯއީ ގޯޝް ގެނެސްދޭ ސެގްމެންޓްގެ ލީޑް ރޯލަށް ވިޖޭ ވަރްމާ ހަމަޖައްސައިފިކަމަށް ޚަބަރުތައް ބުނެފިއެވެ.

އިއްޔެ ނެޓްފްލިކްސް އިން ރިލީޒްކުރި “ޑާލިންގްސް” ގެ ބަތަލު ވިޖޭ، ސުޖޯއީ ގޯޝްގެ ސެގްމެންޓަށް ހަމަޖެއްސިއިރު އޭނާ ވަނީ ސުޖޯއީގެ އިތުރު ފިލްމަކަށްވެސް ސޮއިކޮށްފައެވެ. އެއީ ކަރީނާ ކަޕޫރް ޚާން އާއި ޖެއިދީޕް އަހްލަވަތު އާއެކު ފެނިގެންދާ “ދަ ޑިވޯޝަން އޮފް ސަސްޕެކްޓް އެކްސް” ގެ ހިންދީ ރީމޭކެވެ.

އަދި ބަތަލާއަކު ހަމަނުޖައްސާ “ލަސްޓް ސްޓޯރީ 2” ގެ ސުޖޯއީގެ ސެގްމެންޓްގެ ނަން ހާމަކޮށްފައި ނުވާއިރު، ބަތަލާއަކު ހަމަޖެހުނުހާ އަވަހަކަށް ޝޫޓިންގ ފަށާނެކަމަށް ޚަބަރުތައް ބުނެއެވެ.

ޒޯޔާ އަޚްތަރުގެ “ގަލީ ބޯއީ” އަށްފަހު ބޮޑު ސަމާލުކަމެއް ލިބުނު ވިޖޭ “ލަސްޓް ސްޓޯރީސް 2” ގައި ކުޅޭ ރޯލަކީ އޭނާ މީގެ ކުރިން ކުޅެފައިވާ ރޯލުތަކާއި މުޅިން ތަފާތު ރޯލެއް ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

“ލަސްޓް ސްޓޯރީސް 2” ގައި ސުޖޯއީ ގޯޝްގެ ސެގްމެންޓްގެ އިތުރުން ހިމެނެނީ އަންގަދް ބޭޑީ އާއި މުރްނާލް ޓާކުރްއާއެކު އާރް. ބަލްކީ ގެނެސްދޭ ސެގްމެންޓަކާއި ކޮންކޮނާ ސެން ޝަރްމާ ގެނެސްދޭ ސެގްމެންޓަކާއި އަމިތު ރަވިންދަރްނާތު ޝަރްމާ ގެނެސްދޭ ސެގްމެންޓެކެވެ. ކޮންކޮނާ އާއި އަމިތުގެ ސެގްމެންޓާއިބެހޭ އެއްވެސް މަޢުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

“ލަސްޓް ސްޓޯރީސް 2” ވެސް ޕްރޮޑިއުސްކުރަނީ ރޮނީ ސްކްރޫވާލާ، އާޝީ ދުއާ އަދި ނެޓްފްލިކްސް ގުޅިގެންނެވެ. މިއީ ރޮނީ ސްކްރޫވާލާ ޕްރޮޑިއުސްކޮށް ގެނެސްދޭން ފެށި އެންތޮލޮޖީ ފިލްމު ސީރީޒްގެ 4 ވަނަ ފިލްމެވެ. ކުރިން ގެނެސްދިން ފިލްމުތަކަކީ 2013 ގެ “ބޮމްބޭ ޓޯކީސް”، 2018 ގެ “ލަސްޓް ސްޓޯރީސް” އަދި 2020 ގެ “ގޯސްޓް ސްޓޯރީސް” އެވެ. އެ 3 ފިލްމުވެސް ޑައިރެކްޓްކުރީ ކަރަން ޖޯހަރް، ޒޯޔާ އަޚްތަރް، އަނޫރާގް ކަޝިޔަޕް އަދި ޑިބާކަރް ބަނަރްޖީއެވެ.

“ޕިންކް”، “ބާޣީ 3” އަދި “މިރްޒާޕުރް” ފަދަ ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ 36 އަހަރުގެ ވިޖޭގެ އިތުރު ފިލްމެއްވެސް މި އަހަރު ރިލީޒްވިއެވެ. އެއީ މިދިޔަ އޭޕްރިލް މަހު ރިލީޒްކުރި “ހުޅްދަންގް” އެވެ. އެ ފިލްމުގައި އޭނާ ފެނިގެންދިޔައީ ނުޝްރަތު ބަރޫޗާ އާއި ސަނީ ކޯޝާލްއާ އެކުގައެވެ.

“ލަސްޓް ސްޓޯރީސް 2” އާއި “ދަ ޑިވޯޝަން އޮފް ސަސްޕެކްޓް އެކްސް” ގެ ވިޖޭގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ސޮނާކްޝީ ސިންހާއާއެކު ކުޅޭ “ފޯލެން” އަދި ސުމީތު ސަކްސޭނާގެ ނަން ހާމަނުކުރާ ފިލްމެއް ހިމެނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.