“ކުއްލިއަކަށް އެކްޓްރެސްގެ ނިތްކުރިން ތަންކޮޅެއް ފުއްޕާލި. ދެން ފެނުނީ ގޮންބެއްހެން ދުޅަވެފައި ހުރި ތަނުގެ ތެރެއިން ދިރޭ އެއްޗެއް ނުކުންނަތަން. އޭގަ ފައިތަކެއްވެސް ހުރި. އޭތި ކުއްލިއަކަށް ޗުސްލާފަ ގޮސް ޖެހުނީ ކުރިމަތީ ހުރި ފާރުގަ. ފާރުގަ ފިނިހަކައެއް އޮންނަ ގޮތަށް އެ ދިރޭއެތި އޮތީ ތަންކޮށްލައިގެން.” މިއީ ސައިންސް ފިކްޝަން ފިލްމުތަކާއި ބިރުވެރި ފިލްމުތަކުން އާއްމުކޮށް ފެންނަ މަންޒަރެއްދޯ އެވެ. މިފަދަ ކަމެއް އަސްލު ދިރިއުޅުމުގައި ހިނގާފާނެކަމަށް ޤަބޫލުކުރެވޭ ހެއްޔެވެ؟

މިއީ އިނގިރޭސިވިލާތުގެ ލިވަރޕޫލްގެ އަންހެނަކަށް ދިމާވި ކަމެކެވެ. ލުއިސް އެޑްވަޑަށް ދުވަހަކުވެސް ތަހައްމަލުކުރަން ޖެހިފައި ނުވާފަދަ ގަދަފަދަ ތަދަކާއި ވޭނެއް އޭނާގެ ލޮލުގެ މަތީ ބޮނޑިއަށް އިހްސާސްކުރަން ޖެހުނީ ހަންގަނޑުގެ ތެރޭގައި އަށަގަނެ އުފެދި ބޮޑުވި ޕެރަސައިޓެއްގެ ސަބަބުންނެވެ.

މިދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހު ލުއިސްއަށް ހޭލުވުނު އިރު އޭނާގެ ކަނާތު ލޮލުގެ މަތީ ބޮނޑީގައި ކަޅު ތަންކޮޅެއް ހުރިކަން ފާހަގަކުރެވުނެވެ. އޭނާ ހީކުރީ އެއީ ކޮންމެވެސް ސޫއްޕެއް ހަފާފައި ހުރި ތަނެއް ކަމަށެވެ. ނަމަވެސް އޭނާގެ ލޮލުގެ ބޮނޑިމަތީގައި ހުރި ތަންކޮޅު ފާރުކޮޅަކަށް ބަދަލުވާން ފެށުމުން ޑޮކްޓަރަށް ދެއްކި އެވެ.

ރޯޔަލް ލިވަރޕޫލްގައި ހުންނަ ސެއިންޓް ޕޯލްސް އައި ހޮސްޕިޓަލަށް ދެއްކުމުން އެންޓިބަޔޮޓިކެއް ޑޮކްޓަރު ދެއްވި އެވެ. އުމުރުން 34 އަހަރުގެ ލުއިސްގެ ރައްޓެއްސަކު ބުނި ބުނުމަށް ތާފަނާ ފެނުން ލޮލުގެ ބޮނޑިމަތީގައި ބޮނޑިތާންކުރި އެވެ.

“ބޮނޑިތާންކޮށްލުމުން ހީވީ ދުޅަވެފައި ހުރި ތަން ތޮރުފާލާފައި ކޮންމެވެސް އެއްޗެއް ނުކުންނަން އުޅޭހެން. ދެން ހަމަ ކުއްލިއަކަށް އެ އެއްޗެއް ފިރުކިލާފައި ފާރުގަނޑު ތެރެއިން ނުކުމެއްޖެ.” ލުއިސްއަށް ދިމާވި އާދަޔާޚިލާފު ކަންތައް ހިއްސާކުރަމުން ބުންޏެވެ.

ލުއިސްގެ ލޮލުގެ ބޮނޑިން ނުކުތް ޕެރަސައިޓް ހިފައިގެން ހޮސްޕިޓަލަށް ދިޔަ އެވެ. ތިޔައީ އޭލިއަން ފިލްމުތަކުގައި ހިނގާފަދަ ކަމެއްދޯއޭ އެތަނުން ނަރުހެއް ހައިރާންވެފައި ބުންޏެވެ.

ލުއިސްގެ ލޮލުގެ ބޮނޑިން ނުކުތް ޕެރަސައިޓްގެ ފޮޓޯ މީސްމީޑިއާގައި ހިއްސާކުރުމުން ތަފާތު ކޮމެންޓްތައް ލިބުނެވެ.

“ތިޔައީ ބިރުވެރި ފިލްމުގަ ހިނގާކަހަލަ ކަމެއްދޯ.” މީހަކު ކޮމެންޓްކޮށްފައިވެ އެވެ.

ބައެއް މީހުން ބުނަނީ ލުއިސްގެ ލޮލުގެ ބޮނޑިތެރޭގައި އަށަގަތީ ބޮޓްފްލައިގެ ފަންޏެއް ކަމަށެވެ. ބޮޓްފްލައިސް އަކީ ޓިޕްޓެރަން އާއިލާއަށް ނިސްބަތްވާ މެއްސެކެވެ. ބޮޑެތިވެފައި ތިބޭ ބޮޓްފްލައި ވައްތަރު ވާނީ ކުޅަނދުރަކާ އެވެ. ނަމަވެސް އޭގައި ކެހެރިތަކެއް ހުންނާނެ އެވެ. މިވައްތަރު މެހީގެ ފަންޏަކީ މަންމަލި ޖަނަވާރުގެ ހަމުގެ ތެރޭގައި ދިރިއުޅޭ ޕެރަސައިޓެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.