ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު 11:00ގައި މުނިއަވަސް ކްލަބްހައުސް އިން ގެނެސްދޭނީ سورة الكهف (ސޫރަތުލް ކަހަފް) އެވެ. ދުވަހުގެ އުފާ ހާސިލްކުރުމުގެ ތެރެއަށް މި މަތިވެރި ސޫރަތް ކިޔަވައިލާ އަޑުއަހައިލަން އާދައަކަށް ހަދާށެވެ.
سورة الكهف – ކަހަފް ސޫރަތް ކްލަބްހައުސް ލިންކް
ހުކުރު ދުވަހު ކަހަފް ސޫރަތް ކިޔެވުމާއި ރަސޫލާ ﷺގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަ ކުރުމަކީ އެންްމެ މޮޅުއިތުރު ގޮތެވެ. އަންހެނުންނާއި ފިރިހެނުން އަދި ކުދި ބޮޑު އެންމެހާ އަޚުންނާއި އުޚުތުންނަށް ވެސް މެއެވެ.
ހުކުރު ދުވަހު ކަހްފް ސުރަތް ކިޔަވައިފި މީހަކަށް ދެ ހުކުރު ދެމެދުގައި އަލިކަމެއް ވާކަމަށް ޙަދީޘްގައި އައިސްފައިވެއެވެ. ކަހަފް ސޫރަތް ކިޔަވަން އޮންނަ ވަގުތަކީ ބުރާސްފަތި ދުވަހުގެ އިރު އޮއްސުނީންސުރެ ފެށިގެން ގޮސް ހުކުރު ދުވަހުގެ އިރު އޮއްސުމާއި ހަމައަށެވެ. އެކި ބައިބައަށް ބަހާލައިގެން ކަހަފް ސޫރަތް ކިޔެވި ނަމަވެސް މައްސަލައެއް ނެތެވެ. ހުކުރު ދުވަހުގެ އިރު އޮއްސުމުގެ ކުރިން ކިޔަވައި ނިންމަންވާނެއެވެ.
ހަދީސުން އެނގޭ ގޮތުގައި ކަހަފު ސޫރަތް ކިޔަވާ މީހައަށް އަލިކަން ލިބިގެންވެއެވެ. އެއް ހުކުރުން އަނެއް ހުކުރަށް ފާފަތައް ފުހެވިގެން ދާކަމަށްއެވެ. ދައްޖާލުގެ ފިތުނަތަކުން ސަލާމަތްވެއެވެ.
ކަހަފު ސޫރަތުގައި ވަރަށް މުހިންމު ހަތަރު ވާހަކައަކާއި އެވާހަކަތަކާ ގުޅިފައިވާ ހަތަރު ފިތުނައަކާއި އެ ހަތަރު ފިތުނައިން ސަލާމަތްވާނެ މަގު ބަޔާން ކުރައްވާފައި އޮތުމުން ފިތުނަތަކުން ސަލާމަތްވުމުގެ ފުރުޞަތު އޮތްކަން އިތުރަށް ހާމަވެއެވެ. މި ހަތަރު ފިތުނައާ އެކު އަންނާނީ ދައްޖާލެވެ.
ކަހަފް ސޫރަތުގެ ފުރަތަމަ 10 އާޔަތް ނުވަތަ ފަހު 10 އާޔަތް ހިތުން ދަސްކޮށްފި މީހާ ދައްޖާލުގެ ފިތުނައިން ސަލާމަތް ކުރައްވަވާނެ ކަމަށްވެސް ޙަދީޘްގައި ބަޔާންވެގެން ވެއެވެ.
ކަހަފު ސޫރަތުގައި ހަތަރު ވާހަކަ އަކީ ކަހަފް (ހޮހަޅަ)ގެ އަހުލުވެރިންގެ ވާހަކަ، ދެ ބަގީޗާގެ ސާހިބު މީހާގެ ވާހަކަ އަދި ޚިޟުރުގެފާނާއި މޫސާގެފާނުގެ ވާހަކައިގެ އިތުރުން ޒުލްގަރްނައިނިގެ ވާހަކައެވެ.
ހަތަރު ވާހަކައާއި ގުޅިފައިވާ ހަތަރު ފިތުނަ (އިމްތިޙާން) އަކީ ދީނުގެ ފިތުނަ، މުދަލުގެ ފިތުނަ އަދި އިލްމުގެ ފިތުނަ މިގެ އިތުރުން ބާރާއި ވެރިކަމުގެ ފިތުނަ ހިމެނެއެވެ.
އިންސާނާގެ ދިރިއުޅުމުގެ ހަޔާތުގައި މި ހަތަރު ބާވަތުގެ އިމްތިޙާނުތަކާއި ކުރިމަތިލާން ޖެހެ އިރު މި ފިތުނަތަކުން ސަލާމަތްވާނެ މަގު ވެސް ކަހަފް ސޫރަތުގައި ބަޔާންކުރައްވަފައިއެވެ. ކަހަފު ސޫރަތް ކިޔަވަން ޖެހޭނީ ހަމައެކަނި ކިޔެވުމުން ލިބޭ ސަވާބަށް އެކަންޏެއް ނޫނެވެ. މީގެ އިތުރުން ކަހަފު ސޫރަތުގައި ހިމެނޭ ވާހަކަތަކާއި ފިތުނަތަކާއި އޭގެ ހައްލުތަކާ މެދު ވިސްނައި، އިބުރަތް ލިބިގަންނަން ވާނެއެވެ. މި އިބުރަތްތައް ލިބިގަތުމަށްޓަކައި އެ ކަންތައްތައް ދެނެގަތުން މުހިންމެވެ.
ހުކުރު ވިލޭރެއަށް އިރު އޮއްސުމުން ފެށިގެން ހުކުރު ދުވަހުގެ އިރު އޮއްސިއްޖައުމަށް ދާންދެން ކޮންމެ ވަގުތެއްގައި ވެސް ބައި ބައަށް ބަހާލައިގެން ކަހަފް ސޫރަތް ކިޔެވި ނަމަވެސް ވާނީ ހަމަ ހުކުރު ދުވަހު ކިޔެވި ކަމަށެވެ.
ކަހަފު ސޫރަތް ނިންމާލާފައި ވަނީ ހުރިހާ ބާވަތެއްގެ ފިތުނައިން ސަލާމަތް ވެވޭނެ މަގެއް ބަޔާން ކުރަމުންނެވެ. އެ މަގަކީ މާތް ﷲ އަށް ޝިރުކުކުރުމާއި ކަންދެއްކުމުން ދުރުހެލިވުމާއި އިޚްލާޞްތެރި ކަމާ އެކު ޞާލިޙު ހެޔޮ ޢަމަލް އަދާ ކުރުމެވެ.
ހުކުރު ދުވަހު ނުވަތަ ހުކުރުވިލޭރޭ ކަހްފު ސޫރަތް ކިޔެވުމަކީ މަތިވެރި ސުންނަތެކެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެއެވެ. ((مَنْ قَرَأَ سُورَةَ الْكَهْفِ يَوْمِ الْجُمُعَةِ أَضَاءَ لَهُ مِنَ النُّورِ مَا بَيْنَ الْجُمُعَتَيْنِ))(1)
މާނައީ: “ހުކުރު ދުވަހުގެ ކަހްފު ސޫރަތް ކިޔަވައިފި މީހާއަށް ދެން ޖެހިގެން އަންނަ ހުކުރާއި ހަމައަށް އަލިކޮށްދެނިވި ނޫރެއް ލެއްވިގެންވެއެވެ.”
އަދިވެސް އެހެން ޙަދީޘްފުޅެއްގައި ވެއެވެ.
((من قرأ سورة الكهف يوم الجمعة أضاء له من النور ما بينه وبين البيت العتيق)) (2)
މާނައީ: “ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔަވައިފި މީހަކަށް، ﷲ ތަޢާލާ އެމީހަކާއި ކަޢުބަތުﷲ ގެފުޅާ ދެމެދު ނޫރަކުން އަލިކޮށްދެއްވާނެއެވެ.”
އެހެންކަމުން މި މަތިވެރިކަމާއި ހެޔޮކަން ޙާޞިލުކުރުމަށް، ހުކުރުވިލޭރޭ ނުވަތަ ހުކުރު ދުވަހުގައި، ކަހަފް ސޫރަތް ކިޔެވުމަށް އާދަކުރަމާތޯ؟ އަދި ހުކުރުދުވަހު ދުޢާކުރުން ގިނަކޮށް އެދުވަހުގެ ހެޔޮކަން ފުރިހަމަ ގޮތުގައި ލިބިގަންނަ ބައެއްކަމުގައި ވުމަށް ގަދައަޅާ އަޅުގަނޑުމެން މަސައްކަތް ކުރަމާ ހިނގާށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!