ދުނިޔޭގެ އެންމެ ނުފޫޒުގަދަ ޔޫޓިއުބަރުންގެ ތެރޭގައި ހިމެނޭ ޖިމީ ޑޮނަލްޑްސަން ނުވަތަަ މަޝްހޫރު ނަމުން ނަމަ މިސްޓަރބީސްޓް، ރާއްޖެ އަތުވެއްޖެ އެވެ. މިސްޓަރބީސްޓަކީ 103 މިލިޔަނަށް ވުރެން ގިނަ އަދަދެއްގެ ސަބްސްކްރައިބަރުން ލިބިފައިވާ ޔޫޓިއުބަރެކެވެ.

މިމަހު 24 ވަނަ ދުވަހު ރާއްޖެ އައި މިސްޓަރބީސްޓް، ވެލާނާ އެއާޕޯޓްގެ ޓްރާންސް މޯލްޑިވިއަން ސަރަހައްދުން ބައެއް މީހުންނަށް ފެނިފައިވެ އެވެ. މިސްޓަރބީސްޓް ރާއްޖެ އައީ އޭނާގެ ވީޑިއޯ އުފެއްދުމުގައި ހަރަކާތްތެރިވާ ޚާއްޞަ ޓީމުވެސް ގޮވައިގެންނެވެ. އޭނާ ރާއްޖެ އައި ސަބަބެއް އަދި އާއްމުވެފައި ނުވިޔަސް، އޭނާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް، ބެލުންތެރިންނަށް ޝައުޤުވެރި ވީޑިއޯތަކެއް ގެނެސްދެމުން އަންނަ މީހެކެވެ. އަންދާޒާކުރެވޭ ގޮތުން އޭނާ ރާއްޖޭގައި ވެސް އެފަދަ ވީޑިއޯ އުފައްދާނެ އެވެ.

މިސްޓަރބީސްޓަކީ އާއްމުން ހިމަނަގައިގެން ވަރަށް ތަފާތު މުބާރާތްތައް ބާއްވައި އެ މުބާރާތްތަކުގެ ވީޑިއޯ އުފައްދާ ގެނެސްދެމުން އަންނަ މީހެކެވެ. މިސްޓަރބީސްޓްގެ މަޝްހޫރުކަން އިތުރުވެގެން ދިޔަ މައިގަނޑު ސަބަބަކީ، އޭނާ ބާއްވާ މުބާރަތްތަކުން ވަނަވަނަ އަށް ދާ ފަރާތްތަކަށް އަގުހުރި ފައިސާގެ އިނާމު ދޭންފެށި ހިސާބުންނެވެ.

އެންމެ ފަހުން އޭނާ ދޫކޮށްލާފައިވާ ވަރުގަދަ ހަދިޔާއަކީ، ސަތޭކަ މިލިޔަން ވަނައަށް އޭނާގެ ޗެނަލް ސަބްސްކްރައިބްކުރި ފަރާތަށް އިނާމެއްގެ ގޮތުގައި ރަށެއް ދިން ވީޑިއޯ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.