ފާއިތުވި އަހަރު މަތީ ސާނަވީ ނިންމި ދަރިވަރުންގެ ތެރެއިން ހަ މާއްދާއިން އޭ ސްޓަރހޯދި އާމިނަތު ނޫހާ ނިމާލް އޭނާ ހޯދި ކާމިޔާބީއަށް ވާސިލުވީ އޭނާގެ ދައްތަ މަރްޔަމް ނިހްލާ ނިމާލް ހިނގި މަގުން ހިނގައިގެންނެވެ. ނޫހާގެ އަމާޒު ހުރީ އޭނާގެ ދައްތަ މެލޭޝިޔާގައި ޑޮކްޓަރީކަން ކިޔަވަމުންދާ ޔުނިވަރސިޓީއަށް ދާށެވެ. ރައީސުލްޖުމުހޫރިއްޔާ ދެއްވާ ސްކޮލަރޝިޕްގެ ދަށުންނެވެ.

ކާމިޔާބީ އަކީ ހަމަ ކޮންމެ ދަރިވަރެއްގެ ހައްޤެއްކަން އިމްތިހާނުތަކުން މަތީ ވަނަތައް ހޯދަމުން އަންނަ ދަރިވަރުން އަބަދުމެ އެ އަންނަނީ ސާބިތުކޮށްދެމުންނެވެ. ނަމަވެސް ޝަރުޠެއް އެބަ އޮތެވެ. ގަދަ އަޅައި މަސައްކަތްކުރުމެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރުއްސެވުމާއި ފުއްސެވުން ލިބޭނެ މަގަށް އަބަދުމެ އުޅުން ބެހެއްޓުމެވެ. މައިންބަފައިންގެ ބަސް ގަބޫލުކުރުމެވެ.

އޭލެވެލްގައި ހެދި ހަ މާއްދާއިން އޭ ސްޓަރ ހޯދުމުގެ އިތުރުން ކެމިސްޓްރީން މުޅިދުނިޔެއާއި ރާއްޖެއިން އެއްވަނަ އަދި ފިޒިކްސްއިން މުޅިދުނިޔެއިން ތިންވަނަ ނޫހާ ހޯދާފައިވެ އެވެ. އެޑެކްސެލްގެ އޯލެވެލްގައި ހަތަރު މާއްދާއިން އޭ ސްޓަރ ހޯދި ރާޢްޖޭގެ ތިން ދަރިވަރުންގެ ތެރެއިން އެއް ދަރިވަރަކީ ވެސް ނޫހާއެވެ. ނޫހާގެ ކާމިޔާބީ ފާހަގަކޮށް އެޑެކްސެލްއިން ވަނީ 4އޭ ސްޓާގެ މެޑަލް ދީފައެވެ. ނޫހާ އަކީ 2020/2021 ވަނަ އަހަރު ސީއެޗްއެސްއީން ހަ މާއްދާއިން އޭ ސްޓާ ހޯދި ހަމައެކަނި ދަރިވަރެކެވެ.

ކަލާފާނު ސްކޫލުން 2018 ވަނަ އަހަރު އޯލެވެލް ހެދީ ނޫހާ، 08އޭ ސްޓަރ ހޯދައި 2018 ވަނަ އަހަރު ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދި އެވެ. އެ އަހަރު ކަލާފާނު ސްކޫލްގެ އެންމެ މޮޅު ދަރިވަރަކީ ވެސް ނޫހާ އެވެ. އޭގެ ދެ އަހަރުފަހުން މަތީ ސާނަވީން ވެސް ނޫހާ މިވަނީ އެއްވަނަ ހޯދާފަ އެވެ.

އޯލެވެލްގައި ހަތަރު މާއްދާއިން އޭ ސްޓަރ ހޯދުމުން އެޑެކްސެލްއިން ދޭ މެޑަލް ނޫހާއާ ހަވާލުކުރަނީ- ފޮޓޯ: ރައީސް އޮފީސް

ނޫހާގެ ވާހަކަ ދައްކާއިރު، ކުރިން ފާހަގަކޮށްލެވުނު އޭނާގެ ދައްތަ މަރިޔަމް ނިހްލާ ނިމާލް ވަނީ 2016 ވަނަ އަހަރު، އޯލެވެލްއިން އެއްވަނަ ހޯދާ، އެ އަހަރު ކަލާފާނު ސްކޫލްގެ ވެސް ފަޚުރުވެރި އެއްވަނަ މަގާމު ހޯދާފަ އެވެ. ސީއެޗްއެސްއީގައި އޭލެވެލްއަށް ކިޔަވައި މަތީ ސާނަވީން ޤައުމީ ގަދަ ދިހައެއްގެ ނުވަ ވަނަ ހޯދިއެވެ. ނިހްލާ ނިމާލް މިހާރު މެލޭޝިޔާގައި ޑޮކްޓަރީކަން ކިޔަވަމުން އެ ދަނީ ރައީސުލްޖުމުހޫރިއްޔާ ދެއްވި ސްކޮލަރޝިޕްގެ ދަށުންނެވެ.

ކިޔެވުމުގައި ނޫހާގެ އެންމެ ގާތް މަދަދުގާރަކީ އޭނާގެ މަންމައެވެ. މަންމަގެ ނަޞޭޙަތާއި ހިތްވަރަކީ ނޫހާގެ ކާމިޔާބީގެ އެންމެ ބޮޑު ސިއްރެވެ.

” ހިތާމައާއި އުފަލުގައި ވެސް އެންމެ ކައިރީގައި މަންމަ ހުންނާނެ. އެއީ މި ލިބުނު ކާމިޔާބީގެ ހަގީގީ މޭސްތިރިއަކީ” ނޫހާގެ ތައުރީފު މަންމައަށް ބަންޑުން ކޮށްލިއެވެ.

ނޫހާ ޤަބޫލުކުރާ ގޮތުގައި ކާމިޔާބު ގުޅިފައި ވަނީ ކުރާ މަސައްކަތާއެވެ. ކާމިޔާބީއަށް އެދޭ ދަރިވަރެއްގެ އެންމެ މުހިންމު ސިފައަކީ ދޫކޮށްނުލާ، ހިތްވަރުކޮށްފައި ކުރިއަށް ދިއުމެވެ. އެހެންވެ އެނާގެ ފޯކަސް އަމާޒު ކުރީ ސީދާ ކިޔެވުމަށެވެ. ނަތީޖާއަކަށް ވީ ދެ ސްކޫލްގެ ފަޚުރުވެރި ދަރިވަރަކަށްވި ފަދައިން މުޅި ރާއްޖެވެސް ފަޚުރުވެރި ވާ ދަރިވަރަކަށް ވުމެވެ. ދައްތަގެ ފަހަތުން ކުރިއަށް ދިޔަ ނޫހާ އަންނަ މަހުގެ ތެރޭގައި މެލޭޝިޔާއަށް ފުރާނީ ރައީސްގެ ސްކޮލަރޝިޕްގައި، އޭނާގެ އުއްމީދުތައް ޑޮކްޓަރެއްގެ ގޮތުގައި ފުރިހަމަކުރުމަށެވެ.

ނޫހާ މަންމައާއި ބައްޕައާއެކު – ފޮޓޯ: ނޫހާގެ މަންމަގެ ފޭސްބްކް ފޮޓޯ

މަޢުލޫމާތު ނެގީ: ދަރިވަރު.އެމްވީ އިން

ލިޔުންތެރިޔާގެ ފުރަމަލަ

ރަން ގަލަން
ރަން ގަލަން
މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.