ކަލާޒް ޓީވީގެ މަޝްހޫރު ޑާންސް ރިއަލިޓީ ޝޯވ “ޖަލަކް ދިކްލާ ޖާ” ގެ 10 ވަނަ ސީޒަން ފަށަން ތައްޔާރުވެއްޖެއެވެ.

5 އަހަރުގެ މެދުކެނޑުމަކަށްފަހު “ޖަލަކް ދިކްލާ ޖާ” ގެ އާ ސީޒަން ފަށަން ތައްޔާރުވަމުން އަންނައިރު، ޝޯވގެ ޕްރޮމޯތައްވެސް މިހާރު އަންނަނީ ދައްކަމުންނެވެ. 12 ބައިވެރިންނާއި ޝޯވގެ ޖަޖުންނާއެކު ރޭގައި ވަނީ ޝޯވ ލޯންޗުކުރުމުގެ ހަފުލާއެއްވެސް ބާއްވާފައެވެ.

މަޝްހޫރު ސެލެބްރިޓީން ފެނިގެންދާ “ޖަލަކް ދިކްލާ ޖާ” ގެ މިފަހަރުގެ ސީޒަންގެ ބައިވެރިންނަކީ ޢަލީ އަސްގަރް، އަމްރުތާ ކަންވިލްކަރް، ދީރަޖް ދޫޕަރް، ފައިސަލް ޝެއިޚް، ގަޝްމީރް މަހާޖާނީ، ގުންޖަން ސިންހާ، ނިއާ ޝަރްމާ، ނިތީ ޓޭލަރ، ޕާރަސް ކަލްނަވަތު، ރުބީނާ ދިލައިކް، ޝިލްޕާ ޝިންޑޭ އަދި ޒޯރާވަރް ކަލްރާއެވެ.

ޝޯވ ޖަޖު ކުރަނީ “ޖަލަކް ދިކްލާ ޖާ” ގެ އެންމެ ފަހުގެ 5 ސީޒަންގައިވެސް ޖަޖެއްގެ ގޮތުގައި ބައިވެރިވި މަޝްހޫރު ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ ކަރަން ޖޯހަރް، މަޝްހޫރު ބަތަލާ މާދުރީ ޑިކްޝިޓް އަދި މަޝްހޫރު ނެށުންތެރިޔާ އަދި ބަތަލާ ނޯރާ ފަތޭހީއެވެ. މާދުރީ ވަނީ މީގެ ކުރިން 4 ސީޒަނެއް ޖަޖުކޮށްދީފައެވެ. އަދި މިއީ ނޯރާ “ޖަލަކް ދިކްލާ ޖާ” ގެ ޖަޖުކަން ކުރާ ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ. މިފަހަރުގެ ޝޯވ ހުށަހަޅައިދޭނީ އެންމެ ފަހުގެ 5 ސީޒަންވެސް ހުށަހަޅައިދިން މަނީޝް ޕޯލްއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ރޭ “ޖަލަކް ދިކްލާ ޖާ 10” ފަށާއިރު، އެޕިސޯޑްތައް ދައްކަން ހަމަޖައްސާފައިވަނީ ކޮންމެ ހޮނިހިރު އަދި އާދިއްތަ ދުވަހެއްގެ ރޭ ރާއްޖެ ގަޑިން 19:30 ގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.