މިދިޔަ ދެ ހަފުތާއެއްހައި ދުވަހު ފެތުރުނީ އަޑުތަކެކެވެ. ނަމަވެސް މިހާރު މިވަނީ އެކަން ޔަޤީންވެފަ އެވެ. ފަހްމާން ޚާން އަދި ސުމްބުލް ތައުޤީރު “އިމްލީ” ސީރީޒުން ވަކިވެއްޖެ އެވެ. ސްޓާޕްލަސް އިން ދައްކަމުން އަންނަ އެންމެ މަޤުބޫލު އެއް ޝޯވ، “އިމްލީ”ގެ ފޭނުންނަށް މިކަން ޔަޤީންކޮށްދިނުމަށް އެ ދެމީހުން އިއްޔެގެ ވަގުތެއްގައި ވީޑިއޯއެއް އާއްމުކޮށްފައިވެ އެވެ.

މި ޚަބަރަކީ “އިމްލީ” ސީރީޒްގެ ފޭނުންނަށް ހިތާމަވެރި ޚަބަރެކެވެ. ސީރީޒްގެ އެންމެ މުހިންމު ދެ ރޯލް ކުޅެމުން އައި ފަހްމާން ޚާން (އާރްޔަން ސިންހ ރާޓޯރް) އަދި ސުމްބުލް ތަޢުޤީރު (އިމްލީ)، މި ސީރީޒާ ވަކިވާކަން މިވަނީ ކަށަވަރުކޮށްދީފަ އެވެ. ސީރީޒްގެ ފޭނުންގެ ހިތްތައް ރޮއްވަމުންނެވެ.

ފަހްމާން އަދި ސުމްބުލް “އިމްލީ” ސީރީޒާ ވަކިވުން
ފަހްމާން އަދި ސުމްބުލް “އިމްލީ” ސީރީޒާ ވަކިވުން ވެފައިވަނީ މި ވަނީ މި ޝޯވގެ ފޭނުންގެ ހަމަނިދި ގެއްލުވައިލި ކަމަކަށެވެ. އެމީހުން ވަކިވެގެން ދާނެ ކަމުގެ ކަށަވަރު ޚަބަރެއް ޝޯވ އުފައްދާ ފަރާތްތަކުން ދީފައި ނުވިޔަސް، އިންސްޓަގްރާމް މެދުވެރިކޮށް ފަހްމާން އަދި ސުމްބުލް އާއްމުކުރި ވީޑިއޯއަކުން އެކަން މިވަނީ ކަށަވަރުކޮށްދީފަ އެވެ.

އާއްމުކޮށްފައިވާ ވީޑިއޯގައި ފަހްމާން ބުނެފައިވަނީ އޭނާގެ ފޭނުންނަށް ހަޤީޤަތް އެނގުން އެއީ ހައްޤުމިންވަރެއް ކަމަށާ މީސް މީޑިއާގައި ފެތުރެމުންދާ އަޑުތަކަކީ ސައްޙަ އަޑުތަކެއް ކަމަށެވެ.

“ޝުކްރިއްޔާ އަދި ލޯބިވޭ. އާރްޔަން އަދި އިމްލީ އަށް ވަނީ ހިތްގައިމު ދަތުރެއް ކުރެވިފަ. ކޮންމެ ރަނގަޅު ކަމަކަށްވެސް ނިމުމެއް އަންނާނެ އަދި އެއްވެސް ކަމަކީ ތާއަބަދަށް ދެމިގެންދާނެ ކަމެއް ނޫން.” ފަހްމާން ބުންޏެވެ.

ސުމްބުލްގެ ވާހަކައިގައި އޭނާ އަލިއަޅުވައިލީ ފަހްމާން އާއި އެކުގައި އިސްކިރީނުން ފެންނަ ކީމި (އޮން ސްކްރީން ކެމިސްޓްރީ)ގެ މައްޗަށެވެ. އެކަމާގުޅޭ ގޮތުން ވާހަކަދައްކަމުން ބުނީ އެއްވެސް ޝަރުތަކާނުލައި ކެނޑިނޭޅި ލިބެމުން އަންނަ ސަޕޯޓަށްޓަކައި ފޭނުންނަށް ޝުކުރުވެރިވާ ކަމަށެވެ.

ވީޑިއޯ ނިންމައިލަމުން، ފަހްމާން އަދި ސުމްބުލް އެމީހުންގެ ފޭނުންގެ ކިބައިން އެދުނީ “އިމްލީ”އަށް ދެމުން އައި ލޯތްބާއި ތާއިދުކުރުން މެދުކެނޑުމެއް ނެތި ކުރިއަށް ގެންގޮސްދިނުމަށާ ބަދަލުވެގެން ދަނީ އެމީހުންގެ ރޯލުކުޅޭ މީހުން ކަމަށާ ޝޯވ އުފައްދާ ފަރާތްތައް ނޫން ކަމަށެވެ.

އިމްލީއަށް ޖީލުގެ ކުރިއެރުމެއް (ޖެނެރޭޝަން ލީޕެއް)
ފަހްމާން އަދި ސުމްބުލް މި ޝޯވއާ ވަކިވުން އެއީ ފެތުރުނު އަޑުތައް ބުނިހެން އެއްވެސް ހާލެއްގައި އެއްވެސް ޚިޔާލުތަފާތުވުމެއްގެ ސަބަބުން ނެގި ނިންމުމެއް ނޫނެވެ. އަދި ކިޔެއްތަ، ފަހްމާން އަދި ސުމްބުލް އާއްމުކުރި ވީޑިއޯގައި ފަހްމާން ބުނީ “އިމްލީ”އަށް ޖީލުގެ ކުރިއެރުމެއް ގެންނަނީ ކަމަށާ، އިމްލީ އަދި އާރްޔަންގެ ރޯލުން އައު ދެ އެކްޓަރުން ފެނިގެންދާނެ ކަމަށެވެ. މި ސީރީޒްގެ ވާހަކައަށް އަދި އެކްޓަރުންނަށް ގެންނާނެ ބަދަލުތަކުގެ ތަފުސީލުތައް އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެ އެވެ. މިކަމުގެ ނުރަސްމީ މަޢުލޫމާތުތަކެއް ދާދި އަވަހަށް ލިބިދާނެ ކަމަށް އިންޑިއާ ޓައިމްސްގައި ބުނެފައިވެ އެވެ.

ފަހްމާން އަދި ސުމްބުލްގެ ވަކިވުން – ފޭނުންގެ ހިތްތައް ކުދިކުދިވުމެއް

ފަހްމާންގެ ވީޑިއޯ އާއްމުކުރުމާއެކު، ފޭނުންގެ ކޮމެންޓްތަކުން ކޮމެންޓް ސެކްޝަން ފުރާލާފައި ވަނީ އެމީހުންގެ ހިތްހަމަނުޖެހުމާއި އެ ގެންނަ ބަދަލު ގަބޫލުނުކުރެވޭނެކަން ހާމަކުރަމުންނެވެ.

“މިއީ މަށަށް ލިބުނު އެންމެ ކަޑަ ޚަބަރު.” ސަޕޯޓަރެއް ލިޔެލާފައިވެ އެވެ.

“ކަލޭމެން ތިތިބީ އަހަރުމެން ޖަޒުބާތީކޮށްލުވާފަ.” އެހެން މީހަކު ލިޔެފައިވެ އެވެ.

“އަހަރެން ތި ދެމީހުންމަތިން ވަރަށް މިސްވާނެ 😢 ތި މީހުންނާ ނުލާ މި ޝޯވ ކުރިއަކަށް ނުދާނެ. ތި މީހުންނާ ނުލައި މި ޝޯވ ބަލަން އެއްގޮތަކަށްވެސް ހިތެއް ނޭދޭ.” ޝޯވއަށް ތާއިދުކުރާ އަންހެން ކުއްޖެއް ބުނެފައިވެ އެވެ.

މިފަދަ އެތަކެއް ކޮމެންޓްތަކަކުން ފަހްމާންގެ ވީޑިއޯއަށް މިވަގުތުވެސް ކޮމެންޓްތައް އޮހެމުން އަންނަކަން ފާހަގަކޮށްލެވެ އެވެ.

ފަހްމާން އަދި ސުމްބުލް އާއްމުކުރި ވީޑިއޯ

https://www.instagram.com/reel/Ch1us-DK0Nt/?utm_source=ig_web_copy_link

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.