ޒާޔާއަށް ހުރެވުނީ ފެންކަޅިވެފައެވެ. ރާއިދު އެހައި ހިތުގަ ޖެހިގެން ރޮނިކޮށް އަދި ޒާޔާ ދުވަހަކުވެސް ދެކެފައެއް ނުވެއެވެ.
ރާއިދު ރޮމުން ޒާޔާ ގައިގައި އޮޅުލައިގަތެވެ. ރާއިދުގެ އަޑަށް ފާއިޒާއާއި ޔަމަންވެސް އަވަސް އަވަހަށް އެތަނަށް އައިސް ހުއްޓުނެވެ. ރާއިދު ފެނިފައި ހައިރާންވެފައި އެންމެންނަށްވެސް ބަލަން ތިބެވުނީއެވެ. ވީނުވީއެއް ނޭނގިގެންނެވެ.
“އަޅެ ރާއިދު. ބުނެބަލަ ވީގޮތެއް.؟” އެންމެ ފަހުން ޒާޔާއަށްވެސް ރޮވިއްޖެއެވެ.
“މަ- މަންމަ އެކްސެޑިންޓް ވެއްޖެ.” ރާއިދުއަށް ރޮވޭތީ ރަނގަަށް ވާހަކަވެސް ނުދެއްކުނެވެ.
“ވަޓް. ކިހިނެއް؟ ކޮންއިރަކު.” ޒާޔާއަށް ރާއިދުގެ މޫނަށް ބަލަން ހުރެވުނީ ރާއިދު ދެއްކި ވާހަކަ ޤަބޫލުކުރަން ދަތިވެފައެވެ.
“ވީއެއްނުވީއެއް ބެލިދާނެ ފަހުންވެސް. މިވަގުތު ރާއިދުގެ މަންމަ ބޭނުންވާނެ ރާއިދު މަންމަ ކައިރީގައި ހުންނަން. އަވަހަށް ދެކުދިން ފުރަންވީ.” ފާއިޒާ ލަފާދިނީ އަވަހަށް ފުރުމަށެވެ. ފާއިޒާ ވެސް ހުރީ އިންތިހާއަށް ދެރަވެފައެވެ.
“އަހަރެން އެބައަންނަން ފްލައިޓުން ޖާގަ ލިބޭތޯ ގުޅާލާފަ.” ޔަމަން ޖީބުގައި އޮތް ފޯނު ނަގައިގެން ކާގެއިން ނިކުތެވެ.
ރާއިދު ގައިގައި ބައްދާލައިގެން ހުރިއިރުވެސް ޒާޔާއަށް ވިސްނެނީއެވެ. ޝާރިފްގެ ކައިރީގައި ޒާޔާ ވަނީ ވަޢުދެއްވެފައެވެ. ދުވަހަކުވެސް މިރަށުން ނުދިއުމަށެވެ. ދުވަހަކުވެސް ޝާރިފް އާއި ދުރަށް ނުދިއުމަށެވެ. މަޖުބޫރީ ހާލަތު ބުނެދިނަސް ޝާރިފް އެއްބަސް ނުވާނެކަން ޒާޔާ އަށް އެނގެއެވެ. ހަދާނެ ގޮތް ހުސްވެފައި ޒާޔާ އަށް ހުރެވުނީ ކިހާއިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ.
“ޒާޔާ. މަގޭ މަންމައަށް ޒާޔާގެ އަޅާލުން ވަރަށް ބޭނުންވާނެ. އިނގޭ ޒާޔާއަށް މަންމަ އެހާ ކަމުނުދާކަންވެސް. އެކަމަކު މަންމަ އެ އޮތީ މިހާރު ވަރަށް ހާލެއްގަ.” ރާއިދުގެ ރާގުގައިވަނީ އާދޭހެވެ.
“ހިނގާބަލަ ކޮޓަރިއަަށް. އެހާ ވަރަށް ނުވިސްނާ. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ އިރާދަކުރެއްވިއްޔާ.” ރާއިދު ދެއްކި ވާހަކައަކަށް ޒާޔާ އެއްވެސް ޖަވާބެއް ނުދެވުނެވެ. މިވަގުތު ޒާޔާ އެންމެ ބޭނުންވަނީ ޝާރިފްގެ ޖަވާބެކެވެ. ކިހާ ހެއްވާ ހެއްޔެވެ؟ ރާއިދުގެ އަތްބެއް ގޮތުގައި ހުރެވެސް ޒާޔާގެ މުޅި ދިރިއުޅުން ކޮންޓްރޯލް ކުރަނީ ޝާރިފްއެވެ. ޝާރިފްގެ ހުއްދަ ލިބިގެން ނޫނީ ޒާޔާ އެއް ކަމެއްވެސް ނުކުރެއެވެ. އެހާވެސް ޒާޔާ ޝާރިފްދެކެ ލޯބިވެއެވެ.
ރާއިދު ކޮޓަރީގެ އެނދުމަތީގައި ބޭއްވުމަށްފަހު ޒާޔާ ނަމުގައި ނިކުތީ ސައި ބަލައި ކާގެއަށެވެ.
ކޮޓަރިން ނިކުތް ގޮތަށް ޒާޔާ ފުރަތަމަވެސް ޝާރިފްގެ ނަމްބަރަށް ޑައިލް ކޮށްލިއެވެ. ތަކުރާރުކޮށް އެތައް ފަހަރަކު ގުޅުމުންވެސް ލިބުނީ އެއް ޖަވާބެކެވެ. ފޯނަށް ޖަވާބު ނުދޭކަމެވެ.
ލިބުނު މާޔޫސް ކަމުގައި ޒާޔާ ގޮސް ވަނީ ކާގެއަށެވެ.
“ޒާޔާ. ފުރަން ތައްޔާރުވޭ. ހަވީރު ފްލައިޓުން ޖާގަ ލިބިފަ އިނީ.” ފަހަތުން ޔަމަންގެ އަޑު އިވުމާއެކު ޒާޔާ ފަސްއެނބުރުނެވެ.
“މިހާ އަވަހަށް ޓިކްޓްވެސް ނެގީތަ؟” ޔަމަން އަތުގައި ހުރި ޓިކެޓްތަކަށް ބަލަން ޒާޔާއަށް ހުރެވުނީ ދެލޯ ބޮޑުކޮށްލައިގެންނެވެ. ޒާޔާގެ ހިތް ރޯންފެށީ ކުއްލިއަކަަށެވެ. ޒާޔާ ދާން ބޭނުން ނުވާތީއެވެ.
-ދުވާލު ހަތަރު ދަމު ނިދުން ކަމަކީ. ކިތަންމެ ވަރަކަށް ގުޅިޔަސް ފޯނު ނުނަގާނެ.-
ޒާޔާ ހިތުން ޝާރިފްއަށް ކުދި ކިޔާލިއެވެ.
“ބަލަ ވީހާވެސް އަވަހަށް ފުރަން ނޫންތަ ބޭނުމީ.” ޔަމަން ޒާޔާ އަށް ޓިކެޓްތައް ދިއްކޮލިއެވެ.
ޒާޔާ އެއްވެސް ޖަވާބެއް ނުދީ ސިންކުމަތީގައި ދޮވެފައި ހުރި ތަށިތައް ހަރުގަނޑުގައި އަތުރަން ފެށިއެވެ. ޒާޔާގެ ބަދަލުވެފައިވާ މޫނުގެ ކުލަވަރު ޔަމަން އަށް ފާހަގައެއް ނުކުރެވުނެވެ. ޒާާޔާގެ ޖަވާބެއް ނައުމުން ޔަމަން މާބޮޑު ކަމަކަށް ނުހަދާ ހިނގައިގަތެވެ.
ކޮޓަރި ތެރޭގައި ދެކޮޅު ދެކޮޅަަށް ހިނގާލަ ހިނގާލަ ހުރި ޒާޔާ އިރުއިރުކޮޅާ ބިތުގައި ހަރުކޮށްފައި ހުރި ގަޑި ބަލާލައެވެ. އޭރު ތިނެއް ޖަހަނީއެވެ.
“ނިދިޔަސް ބޮޑުވަރު. ކަންނެތްވިޔަސް ބޮޑުވަރު” ޒާޔާ ޝާރިފްއާއި ދިމާއަށް ކުދި ކިޔަމުން ދިޔައެވެ. ޝާރިފްގެ ކޯލަކަށް ޒާޔާ އިންތިޒާރު ކުރާތާ އެތައް އިރެކެވެ.
“ހިނގާ ފުރަން ދާން.” ފޯނު ކަންފަތުގައި ޖަހައިގެން ހުރެ ރާއިދު އައިސް ކޮޓަރިއަށް ވަނެވެ.
“އަދި ނުވޭނު.” ޒާޔާގެ އަޑު ނިކުތީ ބޭއިޙްތިޔާރުގައި ކަހަލައެވެ. ދާން ބޭނުން ނުވާލެއް ބޮޑުކަމުންނެވެ.
“ތަންކޮޅެއް ކަނޑުގަދައޭ. ވަރަށް މަޑުން ދުއްވަން ޖެހޭނީވެސް.” ރާއިދު އެނދުމަތީގައި އިށީނދެލިއެވެ.
ޒާޔާ ވިސްނަނީއެވެ. ރާއިދު ކައިރީގައި ދާން ބޭނުން ނުވާ ވާހަކަ ބުނާނެ ގޮތަކާއި ދޭތެރޭގައެވެ.
ރާއިދު އެ ހާލަތުގައި ބުނުން ރަނގަޅު ނޫންކަންވެސް ޒާޔާއަށް އެނގެއެވެ.
“ކޮބާތަ ޒިޔަލް؟” ރާއިދުގެ އަޑަށް ޒާޔާ ސިހުނެވެ. އެވަގުތު ރާއިދު ޒާޔާއަށް ބަލަން ހުރުމުން ޒާޔާގެ ހާސްކަން ރާއިދުއަށް ފޮރުވަން ޒާޔާ ކުރި މަސައްކަތްވީ ނާކާމިޔާބެވެ.
“ޒާޔާ.” ރާއިދު އެނދުން ތެދުވެގެން މަޑުމަޑުން ހިނގާފައި ގޮސް ޒާޔާގެ ކުރި މައްޗަށް ހުއްޓުނެވެ.
“އިނގޭ ޒާޔާ މަންމަ ކައިރިއަށް ދާން ބޭނުން ނުވާކަން. މަންމަގެ އުސޫލުތައް ހުންނަގޮތް ޒާޔާއަށް ކަމުނުދާކަން ވެސް. އެކަމަކު.” ރާއިދު ޒާޔާގެ ދަތްދޮޅީގައި ހިފައި ހިއްލާލިއެވެ. ރާއިދު ބުނަމުން ދިޔަ ލަފްޒުތައް ހުއްޓާލީ ޒާޔާގެ އުދާސްވެފައިވާ ދެލޯ ފެނިފައެވެ.
ރާއިދު ޒާޔާ ގެނެސް މޭގައި ލައްކޮށްލިއެވެ.
ޒާޔާ ދެލޯ މަރާލީ ދެލޯ ފުރި ބާރުވުމުންނެވެ. ރާއިދުގެ އޯގާތެރިކަމާއި ލޯބި ހިތަށް ސިފަކުރެވޭތީއެވެ.
ނަމަވެސް ޒާޔާގެ ހިތުގެ ހާލަތު ރާއިދު ކުރިމަތީގައި ޒާޔާ ބަޔާން ކުރާނީ ކިހިނެއް ހެއްޔެވެ؟ ޒާޔާގެ މޭގައިވާ ހިތުގެ ރިހުމުގެ އަސްލަކީ ޝާރިފްއޭ ބުނާނީ ކޮން ލަފްޒަކުން ހެއްޔެވެ؟
“ރެޑީ ވެލަނީ އިނގޭ. ޒިޔަލް ވެއްޖެ މަންމަ ކައިރީގައި.” ޒާޔާ ހިނިތުންވެލީ ހިތުގެ ކެކުޅުންތައް ގަދަކަމުން އެއްކައިރި ކޮށްލަމުންނެވެ.
ރާއިދު ބޯޖަހާލަމުން ޒާޔާ ގަޔާއި ދުރުކޮށްލުމަށްފަހު ނިކުތީ ބޭރަށެވެ.
ޒާޔާ ހުރީ ރާއިދު ނުގޮސްގެންނެވެ. އަވަސް އަވަހަށް ކޮޓަރި ތަޅުލަމުން އެނދުމަތީގައި އޮތް ފޯނާއި ދިމާއަށް ޒާޔާ ދުއްވައިގަތެވެ.
ޒާޔާ ފޯނަށް ބަލާލިއިރު ޝާރިފްގެ މިސްވެފައިވާ ދެކޯލު އިނެވެ. ޒާާޔާ އަވަސް އަވަހަށް ފޯނުގެ ކީޕެޑްގައި ޝާރިފްގެ ނަމްބަރު ޖަހާލީ ގުޅަން ވެގެންނެވެ. ނަމަވެސް ދެފަހަރުވެސް ނަމްބަރު ޖަހާފައި ޒާޔާއަށް ފޮހެލެވުނީއެވެ. ޝާރިފްގެ ރުޅި ހުންނަ ގޮތް ވަރަށް ރަނގަޅަށް ޒާޔާއަށް އެނގެއެވެ. މާލެ ދާން ޖެހޭ ވާހަކަ ބުނާ އިރަށް ޝާރިފް އެއްބަސް ނުވާނެއެވެ. އަނެއްކޮޅުން ނުބުނެ ހިނގައްޖެ ނަމަ ޒާޔާގެ ދުވަސް ދިޔައީއެވެ. ފިކުރުތައް ޒާޔާ ވަށާލި ކަހަލައެވެ. ހަދާނެގޮތް ހުސްވެއްޖެއެވެ. ރާއިދު ޒިޔަލް ގޮވައިގެން އައިއިރުވެސް ޒާޔާ ހުރީ ތައްޔާރު ނުވެއެވެ. ރާއިދު ދެފަހަރަކު ދޮރުގައި ޓަކި ޖަހާލުމުން ޒާޔާ އަވަސް އަވަހަށް ހެދުން ބަދަލު ކޮށްލިއެވެ.
ލޯންޗުގައި އިށީނދެ ސީޓްގައި ބުރަކަށި ޖައްސާލަމުން ޒާޔާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އެންމެ ފަހު ފަހަރަށް ރަށާއި ދިމާއަށް ޒާޔާ ބަލާލިއެވެ.
އެވަގުތު ޒާޔާގެ ފެވަރިޓް ކަޅު ކުލައިގެ ޓީޝާޓް ލައިގެން ޝާރިފް ސައިކަލްގައި ދުއްވާފައި ދާތަން ޒާޔާއަށް ފެނުނެެވެ. ހިނިތުންވެލެވުނީ ޒާޔާއަށް އުފަލުންނެވެ. އެންމެ ފަހު ވަގުތުގައިވެސް ދެލޯ އެންމެ ދެކެން އެދޭ ސޫރަ ފެނުމުންނެވެ.
-މަށަށް މާފުކުރައްޗޭ. ތަޤުދީރުގަ ދިމާވާން ހުރިއްޔާ އަދި ދިމާާވާނެ. އަބަދުވެސް ޝާރިފްދެކެ ލޯބިވާނަން. ތި ހަނދާންތައް ދުވަހަކުވެސް މި ހިތަކުން ނުފިލާނެ.- ޒާޔާ ހިތުގެ ފުން މިނުން ޝާރިފްއަށް މެސެޖެއް ފޮނުވާލިއެވެ.
މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ޒާޔާގެ ލޯމަތިން ޝާރިފް ގެއްލުނެވެ. ހިތް ރޮމުން ދިޔަ ނަމަވެސް ކެތްކުރުން ނޫން ގޮތެއް ޒާޔާއަކަށް މިއަދަކު ނެތެވެ.
ރާއިދުއާއެކު މަންމައަށް ޚިދުމަތް ކުރުމުގައި ޒާޔާ ވަގުތުތައް ހޭދަކުރަން ފެށިއެވެ. މާލެ އައިތާ ދެ ދުވަސް ވީ އިރު އެންމެ ފަހަރަކުވެސް ޒާޔާ ޝާރިފްގެ ކޯލަކަށް އެއްވެސް ޖަވާބެއް ނުދެއެވެ. ޝާރިފްއާއި ކުރިމަތިލާނެހާ ހިތްވަރުވެސް ޒާޔާގެ ނެތީއެވެ.
ދުވަސްތައް މާޒީވަމުން ދެއެވެ. ރާއިދުގެ މަންމަގެ ހާލު ރަނގަޅުވަމުން ދިޔުމާއެކު ރާއިދު އެނބުރި ޒާޔާގެ ރަށަށް ދިޔައެވެ. ޒާޔާ އާދޭސް ކުރުމުންވެސް ރާއިދު ޒާޔާ މާލޭގައި ބެހެއްޓީއެވެ. ރާއިދުގެ ކަންފަތަށް ކުރިން އަރާފައިވާ އަޑުތަކުން ކަމަށްވެސް ވުން އެކަށީގެންވެއެވެ.
ފުރަ މެންދަމެވެ. ޓީވީ ހުޅުވާލައިގެން ޒާޔާ އިނީ ފޫހިވެގެންނެވެ. ބައެއް ފަހަރު ފޯނު ހާވާލައެވެ. ކުއްލިއަކަށް ޒާޔާގެ ކަންފަތުގައި ޖެހުނު ލަވައިން ޒާޔާއަށް ޓީވީ އަށް ނަޒަރު ހުއްޓާލެވުނެވެ.
– ރާނީއެ ލިބިފާވަ ސިފަ ރީތި ޝާހީ
ތިބާ ތީ ޝާއިރެއް ކުރާ ސޫރަ ބާވައޭ
ޚިޔާލީ ލަފްޒަކުން މިސާލީ ޅެން ބަހުން ކިޔާނީ
ލޯބި ގުލްޝަނަށް ފޮޅުވަދިން މަލޭ ތިބާ ތީ –
އަނގައިން ނިކުތް “އާހް” ގެ އަޑާއެކު ޒާޔާ ޓީވީ ނިއްވާލިއެވެ. އެ ލަވައިގެ އެލަފްޒުތައް އެއީ ޝާރިފްގެ އެންމެ ފެވަރިޓް ލަފްޒުތަކެވެ. އެތައް ފަހަރަކު ޒާާޔާއަށް އެލަފްޒުތައް ޝާރިފް ހަދިޔާކޮށްފައިވެއެވެ. ޒާޔާއަށް ތަޢުރީފު ކުރަމުންނެވެ.
ޒާޔާ ފޯނު ނަގާ ޝާރިފްގެ ނަމްބަރަށް ގުޅާލީ ހިތަށް ކުރަމުންދިޔަ ފުން އަސަރުތަކުންނެވެ.
ޝާރިފް ޖަވާބު ދިންލެއް ވަރަށް އަވަހެވެ. ހީވަނީ ޝާރިފް ޒާޔާގެ ކޯލެއްގެ އިންތިޒާރުގައި ހުރިހެންނެވެ.
ފޯނު ކަންފަތުގައި ޖައްސާލައިގެން ދެމީހުންވެސް ތިބީއެވެ. ވެދާނެއެވެ. ދައްކަން ހުރި ވާހަކަތައް ގިނަކަމުން ފަށާނެ ކޮޅެއް ނޭނގުނީއެވެ.
ޝާރިފްވެސް އެއްވެސް ވާހަކައެއް ނުދައްކައެވެ. އެތައް އިރަކަށްފަހު ޒާޔާ ފޯނު ކަނޑާލިއެވެ. ދެރަވެގެންނެވެ. ޝާރިފް އެހުރީ ހިތްހަމަ ނުޖެހިފަކަން ޒާޔާއަށް އެނގެއެވެ. ކީއްވެ ހެއްޔެވެ؟ ޒާޔާގެ މަޖުބޫރީ ހާލަތު ޝާރިފް ޤަބޫލުކުރަން ޖެހޭނެ ނޫންހެއްޔެވެ؟
ޒާޔާގެ ޚިޔާލީ ވާފަށް ކެނޑުނީ ފޯނުގެ ރިންގްގެ އަޑަށެވެ. ގުޅަނީ ޝާރިފްއެވެ.
ޒާޔާ އަވަސް އަވަހަށް ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ.
“ކީއްވެ ފޯނު ނުނެގީ” ފުރަތަމަވެސް ޝާރިފް ކުރީ ޒާޔާގެ ހިތުގައި އޮތް ސުވާލެވެ.
“ނުކެރުނީ. އިނގޭ ޝާރިފް ހުންނާނީ ރުޅިއައިއްސަކަން.” ޒާޔާ އޮޅުންފިލުވައިދިނެވެ.
“ފޯނު ނުނަގާ ހުރީމަ ވަކި މަ އުފާވާނެތަ؟ ދެން ކީއްކުރަން ތި ގުޅީ.” ޝާރިފްގެ ރާގު ގައިވަނީ ހިތްހަމަ ނުޖެހުމުގެ އަސަރެވެ.
“ލޯބިވާތީ.” ޒާޔާ ދިނީ ކުރު ޖަވާބެކެވެ. ޝާރިފް ޒާޔާގެ އެ ޖަވާބަށް ރައްދު ދޭނެކަން ޒާޔާއަށް އިނގެއެވެ.
“ލޯބިވާނަމަ އެހެން ނުހަދާނެ. ކޮންއިރަކު އަންނަނީ؟” ޝާރިފް ހަރުކަށިކަމާއެކު ބުނެލިއެވެ.
“ދާނަމޭ. ވަރަށް އަވަހަށް.” ރާއިދު ޒާޔާ ރަށަށް ނުގެންނާނެ ވާހަކަ ބުނެފައި އޮތް އިރުވެސް ޒާޔާއަކަށް ޝާރިފް ދެރަ ކުރާކަށް ނުކެރުނެވެ. ކޮންމެވެސް ގޮތެއް ހަދާފައި ނަމަވެސް ޒާޔާ އެނބުރިދާން ބޭނުމެވެ.
އިރުއަރަން ދެން ޝާރިފްއާއި އެކީ އެތައް މަލެއް ފަރިކޮށް ޒާޔާ ފޮޅުވިއެވެ. ކޮން ކަހަލަ ލޯތްބެއް ބާވައެވެ. އެކަކު އަނެކަކުދެކެ ބައެއް ފަހަރު އިންތިހާއަށް ރުޅި އާދެއެވެ. ދުވަހަކު ވާހަކަ ނުދައްކަން ހުވާ ކުރެއެވެ. އެކަމަކުވެސް ވަތްކެއް ނުވެވެއެވެ. ރުޅިން ތިބިޔަސް ހާލުބެލެއެވެ. އެކަކު ގުޅާ އިރަށް އަނެކަކަށް ވާހަކަ ނުދައްކައެއްވެސް ނުހުރެވެއެވެ.
އަނެއްކާވެސް ޒާޔާގެ ހަޔާތަށް ބަހާރު މޫސުމް އައިސްފި އެވެ. މުޅި ދުވަސް ޝާރިފްއަށް ޒާޔާ ހުސްކޮށްލައެވެ. ކޮންމެ ކަމެއް ކުރަނީވެސް ޝާރިފްއަށް އެނގި އޭނާ ބުނާ ގޮތަކަށެވެ.
ޝާރިފްގެ އުފަލަކީ ޒާޔާގެވެސް އުފަލެވެ. ޝާރިފް ދުލުން ބޭރު ކުރާ ކޮންމެ ބަހަކީވެސް ޒާޔާގެ ހިތުގެ ފިނިކަމެވެ.
އެއްރެއެއްގެ ރޭގަނޑެވެ. ޒިޔަލް ނިންދެވުމަށްފަހު ޒާޔާ ކާގެޔަށްވަނެވެ. ތަށިތައް ނަގާ މޭޒުމަތި ރީތިކޮށްލުމަށެވެ. ނަމަވެސް ދޮރުގައި މީހަކު ޓަކި ޖަހާލުމުން މަސައްކަތްތައް ބެހެއްޓުމަށްފަހު ޒާޔާ ގޮސް ދޮރު ހުޅުވާލިއެވެ.
“ރާއިދު؟” ކުރިމަތީގައި ހުރި ރާއިދު ފެނިފައި ޒާޔާއަށް ލިބުނީ ޝޮކެކެވެ.
“ތައްޔާރުވެބަލަ ބޭރަށް ދާން.” ރުންކުރު ޖަވާބެއް ދިނުމަށްފަހު ރާއިދު ގޮސް ވަނީ އޭނާގެ މަންމަގެ ކޮޓަރިއަށެވެ. ޒާޔާއާއި އެއްވެސް ވާހަކައެއްވެސް ނުދައްކައެވެ. ރާއިދުގެ އަމަލުތައް ހުރިގޮތުން ޒާޔާ ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ރާއިދުގެ ފަހަތުން ގޮސް ވީގޮތެއް އޮޅުން ފިލުވަން ޒާޔާ ބޭނުންވެސް ވިއެވެ. ނަމަވެސް ރާއިދުގެ މަންމަމެން ކުރިމަތީގައި އެއްވެސް ހަމަނުޖެހުމެއް ހިންގާކަށް ޒާޔާ ބޭނުމެއްނޫނެވެ.
ޒާޔާ ހިނގައިގަތީ ކޮޓަރިއާއި ދިމާއަށެވެ.
“ދީބަލަ ޒާޔާގެ ފޯނު.” ފަހަތުން ރާއިދުގެ އަޑު އިވުނުތަނާ ޒާޔާ އަނެއްކާވެސް ސިހުނެވެ.
“ކިހިނެއްވެގެންތަ ރާއިދުއަށް-” ޒާޔާގެ ވާހަކަ ހުއްޓުވާލީ ޒާޔާއާއި ދިމާއަށް ދިއްކޮށްލަމުން ހުޅުވާލި ރާއިދުގެ އަތެވެ. ރާއިދުގެ އެ އިޝާރާތް ހެކިދިނީ އެއްވެސް ސުވާލެއް އޭނާއާއި ނުކުރުމަށެވެ.
ރުޅި އައި ނަމަވެސް ޒާޔާ އޭނަގެ ފޯނު ރާއިދުގެ އަތަށް ޖަހާފައި ގޮސް ކޮޓަރިއަށް ވަނެވެ.
ރާއިދުގެ ސައިކަލް ފަހަތުގައި އިން އިރުވެސް ޒާޔާ ރާއިދުއަކާއި އަނގަޔަކުން ނުބުނެއެވެ. ރާއިދުވެސް އެއްވެސް ވާހަކައެއް ނުދައްކައެވެ.
ރާއިދު ސައިކަލް މަޑުކޮށްލީ ގޮސް ގޯމެޓް ރެސްޓޯރެންޓް ކުރިމަތީގައެވެ. ޒާޔާއަށް ރާއިދުގެ މޫނަށް ބަލާލެވުނީ ސުވާލުގެ ނަޒަރަކުންނެވެ.
“އާދޭ.” ރާއިދު އެތެރެއަށް ވަންނަން ހިނގައިގަތުމުން ފަހަތުން ޒާާޔާވެސް ހިނގައިގަތެވެ.
ގޯމެޓްގެ ހިތްގައިމު މާހައުލަށް ނަޒަރު ހިންގަމުން ޒާޔާ އެތަނުގައި ހުރި ކުޑަކުޑަ ސިޑިން މައްޗަށް އެރިއެވެ. ދޮރު ހުޅުވާލާފައި އެތެރެއަށް ވަން ޒާޔާގެ ދެފައި ގަނޑުކޮށްލީ އެއްފަރާތުގައި ހުރި މޭޒެއްގައި އިން ޝާރިފް ފެނިފައެވެ. ރާއިދު ހިނގަމުންދިޔައީ ސީދާ ޝާރިފްއާއި ދިމާއަށެވެ. ވާން މިއުޅެނީ ކޮންކަމެއްބާއޭ ހިތަށް އަރާފައި ޒާޔާއަށް ހިންދިރުވާލެވުނެވެ.
ޒާޔާގެ ފިޔަވަޅު އަނެއްކާާވެސް ނެގެން ފެށުނީ ރާއިދުގެ އިޝާރާތަށެވެ. ރާއިދު ގޮސް ޝާރިފް ކައިރީގައި އިށީނެވެ.
ހަމަޖެހޭ ގޮތް ދައްކަމުން ޒާޔާ ޝާރިފްގެ ކުރިމައްޗަށް ހުރި ގޮޑީގައި އިށީނދެލިއެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- ހުނަރުވެރި ވާހަކަލިޔުންތެރިއެކެވެ. ފީޗާ ލިޔުމަށްވެސް ވަރަށް ކުޅަދާނައެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 12 ސެޕްޓެމްބަރ 2024ވާހަކައެކު މަށާވީ ހަނދާނޭ – 02
- 7 ސެޕްޓެމްބަރ 2024ވާހަކައެކު މަށާވީ ހަނދާނޭ – 01
- 12 ޖެނުއަރީ 2021ވާހަކަމާފުކުރާށޭ ކަލާ
- 28 އޭޕްރިލް 2020ބިރުވެރިލޯބިވެވުނީ އެވެ.