ދިވެހިންގެ ތެރޭގައިވެސް ވަރަށްބޮޑަށް މަގުބޫލުކަމެއް ލިބިގެން ދިޔަ ސިންގަޅަ ހިޓް “މަނިކޭ މަގޭ ހިތޭ”، ބޮލީވުޑް ފިލްމެއް ކަމުގައިވާ “ތޭންކް ގޯޑް”ގައި ހިމަނައި އެ ލަވަ އާއްމުކޮށްފި އެވެ. ނޯރާ ފަތޭހީގެ ފަރިފަރި އަދާތަކާއެކު އާއްމުކޮށްފައިވާ މި ލަވަ ކިޔާފައިވަނީވެސް ޔޮހާނީ އެވެ. ލަވައިގައި ސިދާތު މަލްހޯތުރާ ވެސް ފެނިގެންދެ އެވެ.

އަންނަ މަހުގެ 25ގައި ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ “ތޭންކް ގޯޑް”ގައި މި ލަވަ ހިމަނާފައިވަނީ ކޮންމެވެސް ވަރެއްގެ ބަދަލުތަކަކާއިވެސް އެކުގައެވެ. އެގޮތުން ހިންދީ ބަހުން ބައެއް ކަޑިތައް ހިމަނާފައިވާއިރު ރާގަށްވެސް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސްފައިވެއެވެ. ނަމަވެސް ލަވައިގެ އަސްލު ނުގެއްލޭ ގޮތަށް ލަވައިގެ އެރޭންޖްމެންޓް ހަދާފައިވާކަން ފާހަގަކޮށްލެވެ އެވެ.

“ތޭންކް ގޯޑް”ގައި ހިމަނާފައިވާ “މަނިކޭ” ލަވައިގެ ވީޑިއޯ ފެށެނީ މި ފިލްމުގައި ޗިތުރާގްޕްތުގެ ކެރެކްޓަރ ކުޅޭ އަޖޭ ދޭވްގަންގެ މަންޒަރަކުންނެވެ. އެ މަންޒަރުގައި އަޖޭ ކިޔައިދެނީ ޝަހުވަތަކީ ހަމަ އެކަނި ސިދާތު އަށް ޖެހިފައިވާ ބަލިމަޑުކަމެއް ނޫންކަމަށާ އެއީ ކޮންމެ ފިރިހެނަކަށްވެސް ކުރިމަތިވެފައިވާ ކަމެއް ކަމަށެވެ. އެއަށްފަހު އަޖޭގެ އިނގިލިތަކަށް ގެންނަ އިޝާރާތަކާއެކު ނުކުންނަ ޖާދޫގެ ކުނޑިތަކެއް ގޮސް ނޯރާގެ ގައިތެރެއަށް ވަނުމުން އޭގެ ޖާދޫގައި ނޯރާއަށް ޝަހުވަތްތެރިކަން އާދެ އެވެ. އެއަށްފަހު ޗިތުރާގްޕްތުގެ އިޝާރާތަށް ސިދާއްތު އޭނާގެ އެދުންތަކައިގެން ކުރިއަށް ދިއުމަށް އިރުޝާދުދޭތަން ފެނެ އެވެ.

“ތޭންކް ގޯޑަ”ކީ އަޖޭ ދޭވްގަނާއި ސިއްދާތު މަލްހޯތުރާގެ އިތުރުން ރަކުލް ޕްރީތު ސިންގު ލީޑުރޯލުން ފެނިގެންދާ ކޮމެޑީ ފިލްމެކެވެ. މި ފިލްމުގައި ހިމެނޭ މަނިކޭ މަގޭ ހިތޭގެ ވާސަން ކިޔާފައިވަނީ ޔޯހާނީގެ އިތުރުން ޖުބިން ނޯޓިޔާލް އަދި ސޫރްޔާ ރަގުނާތަނެވެ.

“ތޭންކް ގޯޑް”ގެ މި ލަވައަށް އެކްޓްކޮށްފައިވަނީ ފިލްމުގެ ބަތޮލު ސިދާތުގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ނެށުންތެރިޔާ އަދި ފިލްމީ ތަރި މޮރޮކަން، ކެނޭޑިއަން އެކްޓްރެސް ނޯރާ ފަތޭހީ އެވެ.

ރިޕޯޓްތައް ބުނާގޮތުން، މި ލަވަ މިހާ ފުރިހަމައަށް ކިޔުމަށްޓަކައި 03 ޓީޗަރުންގެ އެހީގައި 06 މަސްދުވަހު ޔޮހާނީ ހިންދީބަހަށް އަހުލުވެރިވުމަށް މަސައްކަތްތަކެއް ކޮށްފައިވެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.