އައިފިލްމްސްގެ ‘ބިރުވެރި ވާހަކަ’ ސީރީޒް ބަލަމުން އަންނަ ފަރާތްތަކަށް މިރޭ މިއީ ޚާއްޞަ ރެއެކެވެ. މިރޭ މީ “ލޯބިވެރިން”ގެ ރެއެވެ. މި ސީރީޒްގެެ 11 ވަނަ އެޕިސޯޑު “ލޯބިވެރިން” ދިރާގު ޓީވީ އަދި ދިރާގު ވީޑިއޯ އޮން ޑިމާންޑް ޕްލެޓްފޯމް މެދުވެރިކޮށް މިރޭ ސްޓްރީމްކުރަން ފަށާނެ އެވެ.

އައިފިލްމްސް އިން މިމަހު 21ގައި ރިލީޒްކޮށްފައިވާ “ލޯބިވެރިން”ގެ ޓްރެއިލާއިން ހުނަރުވެރި އަދި މަޝްހޫރު ތަރިންކަމަށްވާ ޢަބްދުﷲ މުއާޒު، މަރްޔަމް އައްޒަ، ރަވީ ފާރޫގުގެ އިތުރުން ކަޒްމިކް އިންޓަނޭޝަނަލްގެ “ދަރަކަ” ސީރީޒުން ތަޢާރަފުވެ ފިލްމީ ދާއިރާގައި ފިޔަޖަހަން ފަށާފައިވާ ވިކީ ފެނިގެންދެ އެވެ.

ކާބަފައިން ބުނެ އުޅެއެއްނު ދުނިއަޅާ ރަށް ފަޅުވޭ! ހިޔަނިތައް ފެނުގަ ނުޖެހި ދާތަން ފެނޭ! ފާރުތެރޭން ބިރުވެރި އަޑު އިވި ޝައިޠާނާ އަވަލާ ވާހަކަ، މީ ހަމަ ހައްތަހާވެސް ތެދު ވާހަކައޭ!” ޓެކްސީއެއް ކަމަށް ބެލެވޭ ކާރެއް ދުއްވަން އިންނަ ޢަބްދުﷲ މުއާޒު ބުނެލައެވެ.

ދެން ތި ހުރިހާ ކަމެއްގެ ހައްލަކީ ގައިކޮޅުގައިގާދުރު ދޯ؟” ވަރަށް ހަމަޖެހިލައިގެން އިނދެ، ޖެއްސުމުގެ ރާގަކަށް މުއާގެ ވާހަކައަށް ވިކީ ރައްދުދެ އެވެ. އެވަގުތު މުއާ “ކީކޭ؟” އޭ ބުނެ ސުވާލުކޮށްލަނީ ކާރުގެ ލޯގަނޑުން ވިކީއަށް ބަލައިލަމުންނެވެ. މިއީ “ލޯބިވެރިން” އެޕިސޯޑުގެ ޓްރެއިލާ ފެށިގެން އަންނަ ހިސާބެވެ. ބިރުވެރި ކަންތައްތަކެއް ފެނިގެންދާނެ މި އެޕިސޯޑުންވެސް ބެލުންތެރިން ހިތްހަމަޖެހޭ ފެންވަރުގެ އުފެއްދުމެއް ފެނިގެންދާނެކަން، މި ސީރީޒްގެ އެހެން އެޕިސޯޑުތަކުން ހެކިދެއެވެ.

“ބިރުވެރި ވާހަކަ”އަކީ އިލްޔާސް ވަހީދު ލިޔެ ޑައިރެކްޓްކޮށް ގެނެސްދޭ ސީރީޒެކެވެ. އާސިމް ޢަލީ ޕްރޮޑިއުސްކޮށްފައިވާ މި ސީރީޒްގެ ޕްރޮޑަކްޝަން މަސައްކަތް ކުރަނީ އައިފިލްމްސް އަދި އޯކޭޒް އިންކް ޓީމުންނެވެ. ސީރީޒްގައި ފެނިގެންދާ ޚާއްޞަ މޭކަޕްތަކަކީ ރުޠުބާ އަޙްމަދުގެ ހުނަރުވެރި މަސައްކަތެކެވެ. ނިމިދިޔަ ހަފުތާގައި ދެއްކި “ރަށް” އެޕިސޯޑުން ފެށިގެން ކުރިއަށް ހުރި އެޕިސޯޑުތަކުގެ ވީއެފްއެކްސްގެ މަސައްކަތްކުރަނީ ޒުވާން އާޓިސްޓެއް ކަމަށްވާ ޝަމްވީލް ޝަރީފު (ވީލް) އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.